އާޒިމާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އާޒިމާގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ ތެރެއިން 41 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އާޒިމާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމާ ދެކޮޅަށް 5 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ވޯޓު ޕީޕީއެމްގެ މެންބަރުން ބައިވެރިނުވެ، ތިއްބެވީ ތަޅުމުން ބޭރުގަ އެވެ. ނަމަވެސް ޖުމްހޫރި ޕާޓީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބެވެ.

އާޒިމާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ. އާޒިމާގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ގިނަ ސަބަބުތަކެއް މޫސަ މަޖިލީހަށް ހުށަހެޅުއްވި އެވެ.

މިދިޔަ މަހުގެ ސެޕްޓެންބަރު 7، 2013،ގައި ޖުމްހޫރީ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބު ތަދައްހުލްވެ، އިލެކްޝަންސް ކޮމިޝަންގެ އަގުވައްޓާލުމަށް މަސައްކަތްކޮށް، ދުސްތޫރީ ޝަރުތުތަކާ ހިލާފަށް ދައުލަތުގެ މަސްލަހަތާއި އާންމު މަސްލަހަތާއި ދެކޮޅަށް އެކަމަނާ ވަކާލާތުކޮށްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންޑާރަ ނައިބު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ގޮތުގައި ބާރު ބޭނުން ކުރައްވައިގެން ގާނޫނީ ވެރިކަމެއް ގެނުމަށް ހުރަސް އަޅުއްވާފައިވާ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު އައި ސަރުކާރާ މެދު ގާނޫނީ ސުވާލު އުފެދިފައިވަނިކޮށް އެ ހައިސިއްޔަތާ ގުޅޭ ގޮތުން ކަންތަކެއް ބެލުންތަކެއް ހަމަޖެހިފައިވާ ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ ގޮތަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ފަރުމާ ކުރުމަށް އާޒިމާ މަސައްކަތްޕުޅު ކުރެއްވި ކަމަށް މޫސަ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު