ޖީއެމްއާރުގެ އެއްބަސްވުން އުވާލުމަށް މަސައްކަތްކޮށްދިނުމަށް އުމަރު ނަސީރު އިންޑިއަން ހައިކޮމިޝަންގައި އެދިވަޑައިގެންފި

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ކުއްޔަށް ހިފުމަށް ދިވެހި ސަރުކާރާ އެކު ޖީއެމްއާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ޖީއެމްއާރަށް ދަންނަވައިދިނުމަށް އިންޑިއާ ހައިކޮމިޝަނުގައި އެދިފައިވާ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.


ސަން އޮންލައިން އާ ވާހަކަ ދައްކަވަމުން އުމަރު ނަސީރު މިއަދު ވިދާޅުވީ އިއްޔެ އިންޑިއާ ހައިކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި ސެކަންޑް ސެކްރެޓަރީ މރ. ކާތިކް އާ މަޝްވަރާކުރެއްވީ ޖީއެމްއާރުގެ އެގްރިމެންޓުގެ ސަބަބުން ރާއްޖޭގެ އަމިއްލަވަންތަ ކަމަށް އަސަރުކުރަމުން ދާތީ ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާއި ރާއްޖެ އާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް ވެސް ހީނަރުކަން އަންނަމުންދާތީ ކަމަށެވެ.  


"މިހާރުން މިހާރަށް ޖީއެމްއާރު ޑީލް ހުއްޓާލައި މި ޖީއެމްއާރު ޒަހަރު ފިލުވާލުމާ ގުޅޭގޮތުން އަޅުގަނޑު ވާހަކަ ދެއްކީ. ސެކަންޑް ސެކްރެޓަރީއަށް އަޅުގަނޑު ދެންނެވިން ޖީއެމްއާރަށް ދަންނަވައި ދެއްވާށޭ މިކަން ހުއްޓާލަން. ސަބަބަކީ ދިވެހިން ދެކޭ ގޮތުގައި ޖީއެމްއާރުގެ މައްސަލައަކީ އެއާޕޯޓާ ގުޅުން ހުރި މައްސަލައެއް އެކަންޏެއް ނޫނޭ. އެއީ މިހާރު ސަވްރިން އިޝޫއެކޭ. އެއީ މިހާރު ހަމައެކަނި ބިޒްނަސް ޓުރާންސެކްޝަނެއް ނޫނޭ،" އުމަރު ވިދާޅުވި އެވެ.


އިދިކޮޅު ބައެއް ފަރާތްތަކުން ޖީއެމްއާރުން ރިޝްވަތު ހިއްޕެވިކަމަށް ތުހުމަތު ކުރެވޭ ވާހަކަ އާ ބެހޭ ގޮތުން ވެސް އެ ބައްދަލް ވުމުގައި ވާހަކަ ދެކެވުނު ކަމަށާއި ޖީއެމްއާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުވުމެއް އިންތިޒާމް ކޮށްދެއްވާނެ ކަމަށް ސެކަންޑް ސެކްރެޓަރީ ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އެކަން  ކުރަން ޖެހޭނީ [ބައްދަލްވުން ބާއްވަން ޖެހޭނީ] ފާޅުގައޭ އެއްވެސް ގޮތަކަށް ސިއްރުން އެކަން ކޮށްގެން ނުވާނޭ އަޅުގަނޑު ދެންނެވިން. ޖީއެމްއާރުގެ ޑީލް އަކީ ވަން ސައިޑެޑް ޑީލްއެކޭ އަޅުގަނޑު ދެންނެވިން. އިންޑިއާގެ އެއްވެސް އެއާޕޯޓެއް ނޫނީ ދުނިޔޭގެ އެއްވެސް އެއާ ޕޯޓެއް ޕުރައިވެޓައިޒް ކުރުމުގެ ނަމުގައި އެއްވެސް ފަރާތަކަށް ދީފައި، އެހެން ގައުމެއްގެ ކުންފުންޏަކަށް ނޯންނާނޭ އަޅުގަނޑު ދެންނެވިން،" އުމަރު ވިދާޅުވި އެވެ.


އިންޑިއަން ހައިކޮމިޝަންގެ އެކްޓިން ހައިކޮމިޝަނާ ނަރަޔާނަން ސުވާމީ މިއަދު ވިދާޅުވީ އެބައްދަލުވުމަކީ ރަސްމީގޮތުން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އުމަރަކީ ސެކަންޑް ސެކްރެޓަރީގެ ރައްޓެއްސަކަށް ވާތީ ބައްދަލުކޮށްލެއްވީ ކަމަށެވެ. އަދި އެ ވާހަކަ ބޮޑުކޮށްލައިގެން ފަތުރަމުން ގެންދަނީ މީޑިއާ އިން ކަމަށާއި ޖީއެމްއާރުގެ މައްސަލައިގެ ބޮޑު މަންޒަރުގެ ތެރެއަށް ތިން ވަނަ ފަރާތެއްގެ ގޮތުގައި އިންޑިއަން ހައިކޮމިޝަން ނުވައްދައި އަމިއްލަ އަމިއްލައަށް އެ ވާހަކަ ފެތުރުމަށް ވެސް އޭނާ ވިދާޅުވި އެވެ.  


އުމަރު ނަސީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސުވާމީ ވިދާޅުވީ އުމަރަކީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން އެއްހާސް ވޯޓް ވެސް ނުލިބި "ފެއިލް" ވެފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ވާހަކައެއް ދެއްކުމުގެ ހައިސިއްޔަތު އުމަރަށް ނޯއްނާނެ ކަމަށެވެ.


"އެއީ ރަސްމީ ބައްދަލް ވުމެކޭވެސް ނުކިޔޭނެ. އެއީ ހައިކޮމިޝަނަރަކާ ނޫން ބައްދަލު ކުރެއްވީ. އެބޭފުޅާ ނުވެސް އުޅުއްވާ. ކާތިކް އަޅުގަނޑުކައިރީ ވިދާޅުވީ ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނޭ ވާހަކަ ދެއްކެވީ. މިތާކު ނެތް އެއްވެސް ޕޮއިންޓެއް މަގުމައްޗަށް ނިކުމެ އިންޑިއާ އާ ބެހުމުގެ. އެއީ އިންސާފެއް ނޫން. އިންޑިއާ އިން ރާއްޖެ އަށް ވަރަށް ގިނަ ކަންތައް ކޮށްދީފައި ހުންނާނެ. އަދި ޖީއެމްއާރަކީ އިންޑިއާގެ ބޮޑަތި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް." ސުވާމީ ވިދާޅުވި އެވެ. 

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު