ސަރުކާރަށް ފާޑުކިޔާ ވަރަކަށް ބޭރު ދުނިޔޭގައި ސަރުކާރަށް އޮތް ތާއީދު ދަނީ އިތުރުވަމުން: ޑރ.ޝަހީދު

ރައްޔިތުން ސަރުކާރަށް ފާޑުކިޔާވަރު ގިނަވަމުންދާ ވަރަކަށް ބޭރު ދުނިޔޭގައި މި ސަރުކާރަށް އޮތް ތާއީދު އަންނަނީ އިތުރުވަމުން ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު( ޔޫޕީއާރް) ރިޕޯޓާ ގުޅޭ ގޮތުން އދ.ގައި ކުރެވުނު މަޝްވަރާތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ، އޭނާ ބޭރު ދުނިޔޭގެ ކުރިމައްޗަށް ނުކުމެވަޑައިގެން ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ ޑިމޮކްރެޓިކް އުސޫލްތަކަށް ވަރަށް ލޯބިކުރާ ސަރުކާރެއް ކަމަށް ވިދާޅުވާއިރު، އެއާ ދެކޮޅަށް އަޑުއުފުލާނެ ބަޔަކު ނެތުމަކީ ސަރުކާރަކީ ޑިމޮކްރަސީ އަށް ލޯބިކުރާ ސަރުކާރެއް ކަން ޔަގީންވާ ކަމެއް ކަމަށެވެ.


ސަރުކާރަށް އެއްޗެހި ގޮވާ މީހުން ގިނަވެގެން ދިޔުމަކީ، ރައްޔިތުންގެ މިނިވަން ކަމަށް ސަރުކާރުން ޖާގަދޭކަން ސާބިތުވާ ކަމެއް ކަމަށް ވާތީ، އެމްޑީޕީ ސަރުކާރަށް މީހުންގެ ފާޑުކިޔުންތައް އިތުރުވާ ވަރަކަށް، ބޭރު ދުނިޔޭގައި ސަރުކާރަށް އޮތް ތާއީދު ދަނީ އިތުރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.


"ދިވެހިރާއްޖޭގެ ސަރުކާރު މިހާރު ގޯހޭ، ސަރުކާރު ފީކަޅައޭ، ސަރުކާރަށް އެއްޗެހި ގޮވާ ކިޔާ މީހުން ގިނަވެގެން ދިޔުމަކީ، މި ސަރުކާރަކީ ރައްޔިތުންގެ މިނިވަން ކަމަށް ޖާގަދޭ ފުރުސަތު ދޭ ސަރުކާރެއް ކަން ސާބިތުވާ ސާބިތުވުމެއް. އަޅުގަނޑު ނުކުމެ މިއީ ވަރަށް މިނިވަން ކަމަށް ލޯބިކުރާ ސަރުކާރެކޭ ބުނާއިރުގައި އަޅުގަނޑަށް ފާޑުކިޔާނެ އެއްވެސް މީހަކު ނުފެނިއްޖެއްޔާ އެ ބުނާ އެއްޗަކާވެސް ދިމަލެއްނުވޭ. (ރައްޔިތުން) ބިރުން އެތިބީ. އެހެންވީމަ ސަރުކާރަށް ފާޑުކިޔުން ރައްދުވުން އިތުރުވުމަކީ ސަރުކާރެއްގެ ވެރިކަމުގައި އެގައުމެއްގެ މިނިވަންކަން ފުޅާވަމުންދާ ކަމުގެ ރަމްޒެއް،" ފޮރިން މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ، ޑރ. ޝަހީދު ވިދާޅުވި އެވެ.


ޑރ. ޝަހީދު ވިދާޅުވި ގޮތުގައި، ރެކޯޑް އަދަދެއްގެ ވޯޓާ އެކު އ.ދގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ހޮވިގެން ދިއުމަކީ ބޭރު ދުނިޔޭގައި ރާއްޖެ އަށް އޮތް ތާއީދު ރަމްޒުކޮށްދޭ ކަމެކެވެ.


އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން ޤާނޫނު އަސާސީއަށް ކިޔަމަންނުވެ، ޑިމޮކްރެޓިކް އުސޫލްތަކާ ޚިލާފަށް ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މަސްރަހުގައި އެމްޑީޕީ ސަރުކާރު ވަނީ "ފެއިލް" ވެފަ އެވެ.


ޑރ. ޝަހީދު އިއްޔެ އިތުރަށް ވިދާޅުވީ، ޔޫޕީއާރް ރިޕޯޓަށް ބަހުސްކުރި އދ.ގެ ގިނަ ގައުމުތަކުން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ އިސްލާހުތަކެއް ހުށަހެޅި ކަމަށެވެ. އަދި ރާއްޖެއިން އެ އިސްލާހުތަކަށް އަންނަ މާޗް މަހު ވަކި ޖަވާބެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އދގެ ގައުމުތަކުން ފާހަގަކުރި މައްސަލަތުގެ ތެރޭގައި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނެތް މައްސަލައިގެ އިތުރުން ބިދޭސީ މަސައްކަތު މީހުންގެ ހައްގުތައް ހިމާޔަތް ކުރުން ހިމެނެ އެވެ. އަދި ރާއްޖެއިން ބައިވެރިވާން ޖެހޭ ގިނަ ބައިނަލްއަގްވާމީ މުއާހަދާތަކުގައި އަދިވެސް ބައިވެރިވެފައިނުވާ ކަން ވެސް އ.ދ އިން ފާހަގަކޮށްފައިވެ އެވެ.  

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު