ސުޕްރީމް ކޯޓުން ކަނޑައާޅާފައިވާ ހުކުމްތަކަށް އިލެކްޝަންސް ކޮމިޝަނުން ތަބާނުވެ އިންތިހާބު ބާއްވަން އުޅޭ ކަމަށްވާ ނަމަ އެކަން ޖޭޕީގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ވައްދާނެ ކަމަށް ގާސިމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތައް ފުރިހަމަ ކުރެވެން ވަގުތު ނެތް ނަމަ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ގޮސް ވަގުތު އިތުރު ކޮށްދޭން އެދެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ނުކުރައްވާ އިންތިހާބު ކުރިއަށް ގެންދަންޏާ ޖޭޕީގެ ފަރާތުން ސުޕްރީމު ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް 16 އިޖުރާތެއް ފުރިހަމަ ނުކޮށް ކުރިއަށް ގެންދަންޔާ އަޅުނގަޑުމެން އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދާނަން. އެ އިޖުރާތުތައް ފުރިހަމަ ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް. މިހާރު ވަގުތު އޮތް މިންވަރުން އެ އިޖުރާތުތައް ފުރިހަމަ ނުކުރެވޭ ކަމަށް ވަންޏާ އިލެކްޝަން ކޮމިޝަނުން ޖެހޭނީ ސުޕްރީމް ކޯޓަށް ވަޑައިގަތް ދަންނަވަން އިތުރަށް ވަގުތު ބޭނުމޭ،" އުމަރު ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ރޭގައި ސިޔާސީ ޕާޓީތަކަށް އެންގުމުން ވަޑައިގަތް ދެ ކަމެއް ހުށަހެޅުއްވ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ޖޭޕީގެ ފަރާތުން ހުށަހެޅި ދެ ކަންތައް ފުރިހަމަ ނުވާ ނަމަ އެ ޕާޓީގެ ފަރާތުން އެލިސްޓުގައި ސޮއެއް ނުކުރައްވާނެ ކަމަށެވެ.
"ރޭގައި ދަންނަވާފައި އޮންނާނީ ދެކަމެއް ކުރަން ބޭނުމޭ ލިސްޓުގައި ސޮއިކުރުމުގެ ކުރިން. ފުރަތަމަ ކަމަކީ ރަޖިސްޓަރީ ކުރި މީހުންގެ 73000 މީހުންގެ ފަސް ޕަސެންޓު މީހުން އެއީ ސައްހަ މީހުންތޯ ބެލުމަށް ޓަކައި އެއީ ހަމަ އެމީހުން ފުރި ފޯމުތޯ ބެލުމަށް ޓަކައި ފަސް ޕަސެންޓް މީހުން ވެރިފައި ކުރުމޭ އެމީހުންގެ ފިންގާ ޕްރިންޓް ބޭނުންކޮށްގެން. ދެ ވަނަ ކަމަކީ ފައިނަލް ލިސްޓު އަޅުނގަޑުމެން އަތަށް އޭގެ ސޮފްޓެއް ދޭން. ދިނީމަ އަޅުނގަޑުމެން އޭތި ވެރިފައިކޮށް ސިސްޓަމްތަކާ އަޅުވާ ކިޔާފައޭ ސޮއިކުރެވޭނީ." އުމަރު ވިދާޅުވި އެވެ.
ނަމަވެސް ރޭގައި ހުށަހެޅި އެއްވެސް ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަކޮށްދީފައި ނުވާ ކަމަށް ވިދާޅުވަމުން އުމަރު ވިދާޅުވީ އޮތަޅުތަކަށް ފޮނުވަން ޖެހޭ އެއްވެސް ވޯޓު ކަރުދާސްތަކެއް ވެސް އަދި ފޮނުވާފައި ނުވާ ކަމަށެވެ. އަދި އިންތިހާބު ބާއްވާކަށް ވަގުތެއް ނެތް ކަން އިލެކްޝަންގެ ރައީސް ފުއާދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.