ހަނިމާދޫ ދާއިރާގެ މުޖުތާޒުގެ ގަޔަށް ރީކޯ މޫސާ އަތްލެއްވި ކަމަށް ބުނާ މައްސަލައެއް ސުލޫކު ކޮމެޓީއަށް ހުށަހަޅާނެ ކަމަށް މުޖުތާޒު ވިދާޅުވެއްޖެ

ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު، ކުއްލިއަކަށް ޖަލްސާކުރާ މާލަމަށް ވެދެވަޑައިގެން މުޖުތާޒުގެ ދަތްދޮޅިދޮށަށް އަތްލައްވައި ހަޅޭއްލަވައި އުނދަގޫކުރައްވާފައިވާ ކަމަށާއި، އެމައްސަލަ ސުލޫކު ކޮމިޓީއަށް ފޮނުއްވާނެ ކަމަށް މުޖުތާޒު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުޖުތާޒާއި މޫސާ މަނިކާ ދެމެދު ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުން މެންބަރުން ހަޅޭއްލަވައި މަޖިލީހުގެ ތަޅުން ހޫނުވެގެން ދިޔަ މައްސަލައާ ބެހޭ ގޮތުން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މުޖުތާޒު މިއަދު ވިދާޅުވީ، އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.


"އަޅުގަނޑު ވާހަކަ ދައްކަމުން ދިޔައީ، މޫސާ މަނިކުގެ ހެވީލޯޑް ކުންފުންޏަށް ސަރުކާރުގެ ޕްރޮޖެކްޓްތައް ދެމުންދިއުމާއި އެ ތަނުގެ ކޮރަޕްޝަން މައްސަލަތަކާ ބެހޭ ގޮތުން. އަޅުގަނޑު ވާހަކަ ދައްކަންފެށި އިރު މޫސަ މާލަމަކު ނެތް. ފެނުނީ ކުއްލިއަކަށް ފުންމައިގެން އައިސް އަޅުގަޑުގެ ކަރުދަށަށް އަތްކޮއްޕައިލިތަން. މި މައްސަލަ އަޅުގަނޑު ސުލޫކު ކޮމިޓީއަށް ފޮނުވާނަން. އަދި މި މައްސަލަ ބެލުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ވެސް އަޅުގަނޑު އިލްތިމާސްލުރަން،"


މުޖުތާޒް ވިދާޅުވީ، މޫސާ މަނިކަކީ އެފަދަ، އަދަބާއި އަހްލާގާ ހިލާފް ކަންތައްތައް ކުރައްވައިގެން މަޖިލީހުގެ ތަޅުން ހޫނު ކުރެއްވުމަށް މަސައްކަތްކުރައްވާ މެންބަރެއް ކަމަށެވެ. އަދި މޫސާ މަނިކުގެ އަމަލުތައް އެގޮތަށް ހުރި ނަމަވެސް މި ސަރުކާރާއި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ފަރާތްތަކުގެ ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދައްކަވާނެ ކަމަށް ވެސް މުޖުތާޒު ވިދާޅުވި އެވެ.


އެ މައްސަލައާ ބެހޭ ގޮތުން މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ކަންތައް ޓީވީން ފެންނާނެ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވަން ބޭނުންނުވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާ ކަންތައް ހުންނާނެ ޓީވީން ފެންނަން. އަޅުގަނޑުމީ މީޑިޔާގައި މަޝްހޫރުވާން އެ ވާހަކަ ދައްކާ މީހެއް ނޫން. މީޑިޔާތަކުން ހަބަރު ގެންނަނީ އެބޭފުޅަކަށް ފެންނަ ގޮތަކަށް އަޅުގަނޑުމެން ދައްކާ ވާހަކައެއްނޯވޭ."


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ ބިލުގެ ބަހުސްގައި މުޖުތާޒު ވާހަކަދައްކަވަމުން ގެންދަވަނިކޮށް، ހެވީލޯޑް ކުންފުނީގެ ކޮރަޕްޝަން މައްސަލައެއްއޮތްކަން "ކަލޭއަށް (މުޖުތާޒަށް) އެނގޭތަ" އޭ ވިދާޅުވެ އަޑުގަދަ ކުރައްވައި މޫސާ މަނިކު ތަކުރާރުކޮށް ސުވާލު ކުރައްވަމުން ގެންދެވި އެވެ. އަދި އެވަގުތު މޫސަ ހުންނެވީ، މުޖުތާޒާ ވަރަށްކައިރީގައި ނަމަވެސް މުޖުތާޒުގެ ކަރުދޮށަށް މޫސަ އަތްލެއްވިތަން ޓީވީން ދައްކާފައެއްނުވެ އެވެ.   މޫސަގެ އެ އަމަލާ ގުޅިގެން ޑީއާރުޕީގެ މެންބަރުން ރުޅިގަދަވެ އަޑުގަދަކޮށް، އެފަދަ ގޮތަކަށް ޑީއާރުޕީގެ މެންބަރެއްގެ ގައިގައި ޖެހިގެން ނުވާނެ ކަމަށް ގޮވަމުން ގެންދެވި އެވެ. އަދި ހަމަ އެވަގުތު ނިޒާމީ މައްސަލައެއް ނަންގަވައިގެން މޫސަގެ އެ އަމަލު ކުށްވެރިކުރައްވާ ކަމަށާއި އެ މައްސަލަ ވަގުތުން ބައްލަވައިދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދަށް ގޮވައިލެއްވި އެވެ.


"އަޑުގަޑުމެންނަށް ދެންމެއަކު ފެނިގެން ހިނގައްޖެ މައިނޯރިޓީއޭކިޔާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކުރެއްވި އަމަލު. އަޑުގަނޑު އެ އަމަލު ކުށްވެރިކުރަން. މި އިއްޒަތްތެރި މުއައްސަސާގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތަކަށްވާއިރު އެ މައްސަލަ ވަގުތުން ބައްލަވައިދެއްވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އަޅުގަނޑު އެދެން،"


އަދި މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ޑީއާރުޕީގެ މެންބަރެއްގެ ގައިގައި މޫސާ މަނިކަށް އެފަދަ ގޮތަކަށް އަތްނުލެއްވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އަލީވަހީދު އަޑުގަދަކުރައްވައި މެންބަރުން ވާހަކަ ކުރިއަށް ގެންދެވުމަށް ދަތިވަމުން ދިއުމުން އަލީވަހީދަށް ތަކުރާރުކޮށް އިންޒާރު ދެއްވުމަށް ފަހު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އަލީ ވަހީދުގެ ނަން އިއްވެވި އެވެ. އަދި އެއަށް ފަހު އަލީ ވަހީދު ޖަލްސާއިން ނިކުންނެވުމަށް ތަކުރާރުކޮށް އެންގެވުމަށް ފަހު އަލީ ވަހީދު ޖަލްސާ އިން ނިކުންނެވުމުން ޝާހިދު ޖަލްސާ ކުރިއަށްގެންދަވަން ފެއްޓެވި އެވެ.


މި މައްސަލައިގައި އަލީ ވަހީދަށް އިންޒާރު ދެއްވަމުން ޝާހިދު ވިދާޅުވީ، މަޖިލީހުގެ އެއް މެންބަރަކު އަނެއްމެންބަރެއްގެ ގައިގައި އަތްލި މައްސަލައެއް ނަމަ އެ މައްސަލަ ބަލަން އޮންނަ އުސޫލުން ބައްލަވާނެ ކަމަށެވެ. އަދި މެންބަރަކު ހިންގަވާ އެފަދަ މައްސަލައަކާ ގުޅިގެން އެހެން މެންބަރުން ގަވާއިދާ ހިލާފްވުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު