ރަޖިސްޓްރީ ކުރަން އިއްޔެ ހަވީރު ދޫކުރި ނަމްބަރުތައް އަދިވެސް ނުޖެހޭ!

ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި 24 ގަޑިއިރުގެ މުހުލަތު، އިއްޔެ ހަވީރު 4:30 ހަމަވިއިރު، ފޯމު ހުށަހެޅުމަށް ދޫކުރި ބައެއް ނަމްބަރުތައް މިއަދު އިރުއެރިއިރު ވެސް ނުޖެހިގެން، "ހޭލާ ތިބެން" ޖެހިއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އާ އިންތިޒާމްތަކެއްގެ ދަށުން ކުރިއަށްގެންދާ ރަޖިސްޓްރޭޝަން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައި، އިއްޔެ ހަވީރަށް 24 ގަޑިއިރުގެ މުހުލަތު ހަމަވިއިރު، ރަޖިސްޓްރޭޝަން ސެކްޝަނުން 3000 ވުރެ ގިނަ ނަމްބަރަށް ހިދުމަތް ނުދެވިވެ އެވެ. ފޯމް ހުށަހެޅުމަށް ގިނައިން ނަމްބަރު ނަގާފައި ވަނީ ސިޔާސީ ޕާޓީތަކުންނެވެ. ވަކިވަކި ފަރުދުން ނެގި ނަންބަރުތައް މިއަދު އިރުއެރިއިރު ވެސް ނުޖެހިގެން އެއް ބަޔަކު ގެއަށް ދިޔަ އެވެ.

އާންމުން ފަރުދުންގެ ތެރެއިން ރަޖިސްޓްރީ ކުރުމަށް ނަމްބަރު ނެގި މީހުންގެ ނަމްބަރު ނުޖެހިގެން، ގިނަ ބަޔަކު ވަނީ އެތަނުގައި ތިބި ސިޔާސީ ޕާޓީތަކުގެ ވޮލެންޓިއަރުންނާ ފޯމްތައް ހުށަހެޅުމަށް ހަވާލުކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގެ މައި މަރުކަޒުގެ 13 ކައުންޓަރުން "ފުލު ފުލުން" އަދިވެސް ހިދުމަތްދެމުންދާއިރު، ސިޔާސީ ޕާޓީތަކުން ދަނީ "ހާހުން ބަންޑެލި ޖަހައިގެން" ފޯމް ހުށަހަޅަމުންނެވެ. ކައުންޓަރުތަކުން މެދުނުކެނޑި ހިދުމަތް ދިނުމަށް ބުރޫ އަރަމުންދަނީ އެއްފަހަރާ "ހާހުން" ފޯމު ހުށަހަޅަމުންދާތީ އެވެ. އަދި ޕާޓީތަކުގެ ވޮލެންޓިއަރުން މެދުވެރި ކޮންމެ ނަމްބަރަކަށް 10 ފޯމް ހުށަހަޅަމުން ވެސް އެބަގެންދެ އެވެ. އެކަކު ދެ ނަމްބަރެއްގެ ދަށުން 20 ފޯމު ވެސް ހުށަހަޅަމުން އެބަ ގެންދެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ މިފަހަރު 60،000 ވުރެ ގިނަ މީހުން ރީ ރަޖިސްޓްރީ ކުރާނެ ލަފާކުރެވެ އެވެ. އަދި ވިދާޅުވީ އިނގިލީގެ ނިޝާނާއެކު ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ރޭގެ އިރާކޮޅާ ހަމަޔަށް 10،300 އަށް ވުރެ ގިނަ ފޯމް ބަލައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ނަމަވެސް ރިސޯޓުތަކުންނާއި ރާއްޖޭން ބޭރުންނާއި ރަށްރަށުން އަދި ޖަލުގައި ވޯޓުލުމަށް ފޯމް ފުރި މީހުންގެ ފޯމުތައް އަދި އިލެކްޝަންސަށް ނުލިބޭ ކަމަށް ފުއާދު ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުން ބާތިލް ކުރި ރިޔާސީ އިންތިހާބުގައި ވެސް ވޯޓުލުމަށް 60،000 މީހުން ރަޖިސްޓްރީ ކުރި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު