މިފަހަރުގެ އިންތިހާބުގައި ބަހައްޓާނީ 476 ވޯޓް ފޮށި: އިލެކްޝަންސް

މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަހައްޓާނީ 476 ވޯޓް ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބަހައްޓާފައި ވަނީ 470 ވޯޓް ފޮއްޓެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝނަސް ކޮމިޝަންގެ ސެކްރަޓަރީ ޖެނަރަލް އާސިމް އަބްދުއް ސައްތާރު ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ބަހައްޓާ ވޯޓް ފޮށީގެ ތެރެއިން އިތުރުވާ ހަ ވޯޓް ފޮށްޓަކީ މާލޭ ދަފްތަރުގެ ރަޖިސްޓްރީގައި ތިބި މީހުންނަށް ހާއްސަ ކޮށްގެން ބަހައްޓާ ހަ ފޮށި ކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާލޭ ގައި ދިރިއުޅޭ މާލޭގެ ރައްޔިތުން ވޯޓް ލުމަށްޓަކައި ބަހައްޓަން ނިންމާފައި ވަނީ 51 ވޯޓް ފޮއްޓެވެ. އަދި މާލޭގައި ދިރިއުޅޭ އައޮޅު ތަކުގެ ރައްޔިތުން ވޯޓް ލުމަށްޓަކައި ބަހައްޓަން ނިންމާފައި ވަނީ 55 ވޯޓް ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަން އިން ބުނެފައި ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިނާއީ މަސައްކަތް ކުރާ ހަ ތަނެއްގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން ތިލަފުށި، ފެލިވަރު، ކޫއްޑޫ، ސ ގަން، އަދި ހުޅުލޭގައި ބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ޖަލު ތަކުގައި ފަސް ވޯޓް ފޮށީ ބަހައްޓަން ނިންމަންފައިވާއިރު ރިސޯޓް ތަކުގައި 42 ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހަތް ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމް އަދި ދިއްލީގައި ބަހައްޓާ ވޯޓް ފޮއްޓާއި، މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބަހައްޓާ ވޯޓް ފޮއްޓާއި ސްރީލަންކާގެ ކޮލަންބޯގައި ބަހައްޓާ ދެ ވޯޓް ފޮއްޓާއި، އަދި ސިންގަޕޫރާއި އިނގިރޭސި ވިލާތުގަ އެވެ.

މި މަހުގެ 19 ވަނަ ދުވަހު ބަހައްޓާ ވޯޓް ފޮށި ތަކާއި ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައި ވަނީ މިހާރު ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނުގައި 50 މީހުން ހަމަނުވި ކަމުގައި ވިޔަސް އެ ތަންތަނުގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު