ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކ. ހުރާ ހުރަވީ އިނިވޭޓިވް ފޯ ޔޫތު ހޯދައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހުރަވީ ޓީމުން ހޯދީ ފައިނަލުގައި މިދިޔަ ހުކުރު ދުވަހު ހަވީރު ޓީސީ ސްޕޯޓްސް އާއި ބައްދަލުކޮށް 3-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
އެފްއޭއެމްގެ ޓާފް އެއްނަންބަރު ދަނޑުގައި ކުޅުނު އެ މެޗުގެ ލަނޑުތައް ޗެމްޕިއަންކަން ހޯދި ހުރާ ޓީމަށް ކާމިޔާބު ކޮށްދިނީ ހުސްނީ އަބްދުއްރަޙްމާން އާއި ހުސެއިން ނަޒީރު އަދި ހުސައިން ލިއުޝާދު އެވެ.
މިމުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރަވީގެ އަހުމަދު ނައުޝާދު އެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވުނީވެސް ހުރަވީ އެވެ.
މުބާރާތުގެ ގަދަ ދެ ޓީމުގެ ހައިސިއްޔަތުން ހުރަވީ އާއި ޓީސީ އަށް ވެސް މި އަހަރުގެ ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.
މިއަހަރުގެ ތިންވަނަ ޑިވިޝަންގައި ޖުމުލަ 51 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ޓީމުތައް 17 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ތިން ޓީމެއް ހިމެނޭ ގޮތަށެވެ.