ޑީއާރުޕީގެ އެތެރޭގެ ކޯޅުން ހައްލަކަށް އެޅުވުމަށާއި ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި ސިޔާސީ މައިދާނަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ނުކުންނެވުމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ގޮވައިލައްވައިފި އެވެ.
ސަން އޮންލައިނަށް ދެއްވި އިއްޓަވިއުއެއްގައި އުމަރު މިއަދު ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ އެތެރޭގައި އުފެދެމުންދާ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް މައުމޫނު ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވޭނީ ރައީސް މައުމޫން ސިޔާސީ މައިދާނަށް ނުކުންނެވުމުން ކަމަށެވެ. އަދި ގައުމުގެ ހާލަތު ނާޒުކު ފައްތަރަކަށް ވެއްޓެމުންދާ ދަނޑިވަޅެއްގައި ދިވެހިންގެ އަމިއްލަ ވަންތަކަމާއި ގަމުގެ ހަރު މުދާތައް ދިވެހި ރައްޔިތުންނަށް އަލުން ހޯދައިދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް މައުމޫނަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދީ ހާލަތާއި އިޖުތިމާއީ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދީނީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ވެސް ރައީސް މައުމޫނަށް. މިވަގުތަކީ އެއްގޮތަކަށް ވެސް[ރައީސް މައުމޫން] ސިޔާސީ މައިދާނާ ދުރުގައި ހުންނަވަންވީ ވަގުތެއް ނޫން. މި ވަގުތަކީ ދިވެހި ރައްއިޔުންނަށްޓަކައި ގައުމީ ހިދުމަތަށް ރައީސް މައުމޫން ނުކުންނަވަންވީ ވަގުތެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިވަގުތު ގައުމު ހަމަމަގަށް އެޅުވޭނެ ހަމައެކަނި ލީޑަރަކީ ރައީސް މައުމޫނެވެ.
"ދެހާސް ތޭރަ ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތި ލައްވާނެކަން ނިންމަވާނީ ރައީސް މައުމޫން. މިހާރުގެ ސިޔާސީ މަދައިދާނުން ގައުމު ހަމަމަގަށް އެޅުވޭނެ ކަމަށް ދިވެހިން ގަބޫލު ކުރާ ހަމައެކަނި ޝަހުސިއްޔަތަކީ ރައީސް މައުމޫން،" އުމަރު ވިދާޅުވި އެވެ.
ރައީސް މައުމޫން ސިޔާސީ މައިދާނަށް އަލުން ނުކުންނެވުމަށް އުމަރު ގޮވާލައްވާފައިވާ އިރު، ރައީސް މައުމޫނުގެ ސިޔާސީ ހަޔާތް ނިންމަވާލެއްވި ކަމަށް ވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެމަނިކުފާނު ހުންނަވާނީ ސިޔާސީ ހަލަބޮލިކަމާ ދުރުވެ ހަމަހިމޭން ކަމާއެކުގައި ކަމަށެވެ.
"އެކިފަރާތް ފަރާތުން ފާޑު ކިޔުމާއި އެކި ކަހަލަ ކަންކަން ކުރުމުގައި އެކަހަލަ ކަންކަން ކުރުމުގައި އެކަހަލަ އެއެވެސް ކަމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައިވެރިއެއް ނުވާނަން. އަޅުގަނޑު ހުންނާނީ ސިޔާސީ ހަލަބޮލިކަމާ ދުރުވެ، އެއްވެސް ފަރާތަކަށް ފާޑުނުކިޔައި ހަމަހިމޭންކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރާ މީހެއްގެ ގޮތުގައި." މިއަހަރުގެ ޖެނުއަރީ 25ގައި ޓީވީއެމް ސްޓޫޑިއޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.