ރައިސް ނަޝީދުގެ ތާއީދު އޮތްވަރު ބެލުމަށް ވޯޓަކަށް ދިއުމަށް ޕީއޭގެ ލީޑަރު ޔާމީން ގޮވައިލައްވައިފި

ގާނޫނު އަސާސީން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލިބިވަޑައިގަންނަވާ އިހްތިޔާރު ބޭނުން ކުރައްވައިގެން، ރައްޔިތުންގެ މެދުގައި ރައީސް ނަޝީދަށް ތާއީދު އޮތް މިންވަރު ބެލުމަށް ވޯޓަކަށް ދިއުމަށް އިދިކޮޅު ޕީއޭގެ ލީޑަރު އަބުދުﷲ ޔާމީން ގޮވައިލައްވައިފި އެވެ.


މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެގޮތުން އިދިކޮޅު ފަސް ޕާޓީއަކުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ވެސް މެންބަރު އަބުދުﷲ ޔާމީނު ވިދާޅުވީ، ރައީސް ނަޝީދަކީ، ދިވެހި ރައްޔިތުންދެކެ ލޯބިވާ ބޭފުޅެއް ނަމަ ރައްޔިތުންގެ ތެރޭގައި އެމަނިކުފާނުގެ މަގްބޫލުކަން މިހާރު އޮތްވަރު ބެލުމަށް އެފަދަ ވޯޓަކަށް ދިޔުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަން ކުރުމަށް ގާނޫނު އަސާސީން ވަރަށް ފުރިހަމައަށް ޖާގަދޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


 "ރައީސް ނަޝީދުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތީ ކިހާވަރެއްގެ ހިޔާލު އެއްގޮތްވުމެއްތޯ ބެލުމަށްޓަކައި ރައްޔިތުންގެ ހިޔާލުހޯދަން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ފޮނުވައިފިއްޔާ ފާސްކޮށްދޭނަން. އެވަރުން ވެސް އެމަނިކުފާނު ބީޓް ވާނެ [ބަލިކުރެވޭނެ] ކަމަށް އަޅުގަނޑަށް ޔަގީން. ޝައްކެއް ނުކުރަން. އެވަރުން ވެސް ބީޓް ވިޔަސް ދިހަ ޕަސެންޓް ނުވަތަ ވިހި ޕަސެންޓް ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ލިބުނުކަމުގައި ވީނަމަވެސް، މިހާރު އެ ހިންގަވާ ގޮތަށް ސުޕްރީމް ކޯޓު ޑެޑްލޮކްކޮށްގެން، ސުޕްރީމް ކޯޓުގައި ތަޅު އަޅުވައިގެން، ފަނޑިޔާރުން ބިރުގަންނަވައިގެން ގޭގެ ތަޅައިގެން އިދިކޮޅު ލީޑަރުން ހައްޔަރުކޮށްގެން އެމަނިކުފާނަށް މި ދައުރުގެ ބާކީއޮތް ތިން އަހަރެއްހާ ދުވަހު ވެރިކަމުގައި ހުންނެވިދާނެ. އެހެންވީމާ ދަންނަވަން މިއުޅޭ ވާހަކައަކީ ވެރިކަމުން ފައިބާ ވަޑައިގަންނަވާނެ ކަމެއްނެތޭ."


ޔާމީން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ތާއީދު އޮތްމިންވަރު އެނގިގެންދާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެފަދަ ވޯޓަކަށް ވުރެ ބޮޑަށް މީހެއްގެ ޝަހްސާ ދޭތެރޭ ނެގޭ ވޯޓެއްގައި އެކަން މާ ރަނގަޅަށް އެނގިގެންދާނެ ކަމަށާއި އެހެންކަމުން ރައީސް ނަޝީދަށް ކުރައްވާ އިލްތިމާސަކީ، އެމަނިކުފާނުގެ ތާއީދު ރައްޔިތުންގެ މެދުގައި އޮތްވަރު ބައްލަވައި ލެއްވުމަށް ރައްޔިތުންގެ ހިޔާލު ހޯއްދުމަށް ވޯޓަކަށް ދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.


 

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު