ރުހުން ލިބިފައި ނުވާ ވަޒީރަކު ދެއްވާ އިރުޝާދުތަކަށް އަމަލުނުކުރުމަށް ގައުމީ ޕާޓީން ޕާމަނަންޓް ސެކްރެޓަރީންނަށް އިލްތިމާސްކޮށްފި

ވަޒީރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާ އެއްވެސް ބޭފުޅަކު ދެއްވާ ލަފަޔާއި އިރުޝާދު މިނިސްޓްރީތައް ހިންގެވުމުގައި ބޭނުން ކުރައްވާ ކަމުގައިވާ ނަމަ އެކުރެވެނީ ދުސްތޫރީ ޤާނޫނީ އަދި ޝަރުއީ ނިންމުމަކާ ހިލާފު އަމަލެއް ކަމަށް ބުނެ ގައުމީ ޕާޓީން ހަ މިނިސްޓްރީއަކަށާއި އެޓާނީ ޖެނެރަލް އޮފީހުގެ ޕާމަނަންޓް ސެކެޓްރީންނަށް ސިޓީއެއް މިއަދު ފޮނުވައިފި އެވެ.


ޤައުމީ ޕާޓީން މިއަދު އެ ހަތް ސިޓީ ފޮނުއްވާފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ހޯމް މިނިސްޓްރީ އަށާއި ޑިފެންސް މިނިސްޓްރީ އަށާއި ފޮރިން މިނިސްޓްރީ އަށާއި ފިޝަރީޒް މިނިސްޓްރީ އަށާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ޕާމަންނަންޓް ސެކްރެޓަރީންނަށް އެޑްރެސްކޮށެވެ.


ގައުމީ ޕާޓީން އެ ހަތް ޕާމަނަންޓް ސެކެޓްރީންނަށް ވަކިވަކިން ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީންގެ ޒިންމާއަކީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ދަށުން އެމިނިސްޓްރީއެއް ހިންގައި ބެލެހެއްޓުމާއި އެމިނިސްޓަރުގެ މަސައްކަތާ ގުޅޭ ގޮތުން އެ މިނިސްޓަރަކަށް ލަފާދީ އެހީތެރިވެދިނުން ކަމުގައިވާއިރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެ މިނިސްޓްރީތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައިނުވާ ކަމަށެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމަށް ރައީސް އައްޔަން ކުރައްވާފައިވާ ޑރ. އަހުމަދު އަލީ ސަވާދު އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ލިބިފައިނުވާތީވެ ބަންޑާރަ ނައިބުގެ ނަމުގައި އެއްވެސް މައްސަލައެއް ސިވިލް ކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުމާ ގުޅިގެން، މަޖިލީހުން ރުހުން ލިބިފައިނުވާ ފަރާތްތަކުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް މަދަނީ ކޯޓުގެ އެންމެހާ ފަނޑިޔާރުންގެ އިއްތިފާޤުން ވެސް އިއްޔެ ނިންމާފައިވާ ކަމަށް ގައުމީ ޕާޓީގެ އެ ސިޓީގައިވެ އެވެ.


"ސިވިލް ސާވިސް ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި، އަދި އެ މިނިސްޓްރީއެއްގެ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުން" އެސިޓީގައިވެ އެވެ.


އެހެން ކަމުން ވަޒީރެއްގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށާއި އެކަން ޤާނޫނު އަސާސީ އިން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް ގައުމީ ޕާޓީން ވަނީ ބުނެފަ އެވެ.


" ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައި ވަނީ ވަޒީރުންގެ މަޖިލީހެއް އޮންނަން ޖެހޭނެ. ހަމަ އެމާއްދާގެ (ށ) ގައި ވަނީ އެމަޖިލީސް އެކުލެވިގެންވާ ގޮތް. (ނ) ގައި ބުނަނީ އެމަޖިލީހަށް މެންބަރުން އައްޔަންކޮށް "ނޮމިނޭޓް" ކުރުމަށް ފަހު މަޖިލީހުގެ ރުހުން ހޯދަން ޖެހޭ. އަދި (ރ) ގައި ރުހުން ހޯދުމަށް ހުށަހަޅަން ޖެހޭ މުއްދަތު ބަޔާންކޮށްފައިވާއިރު ވަޒީރަކު ކަމުގައި އައްޔަން ކުރާ މީހަކު މަގާމުގެ ހުވާކޮށް މަޤާމާއި ހަވާލުވުމުގެ ވާހަކަ ތަރުތީބު ކުރެވިފައި ވަނީ މާ ފަހަތުގައި 131 ވަނަ މާއްދާގައި. އެއީ ހުރިހާ މަރުހަލާއެއް ކަޑައްތުކުރުމަށް ފަހު އެންމެ ފަހުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި،" ޤައުމީ ޕާޓީން ޕާމަނަންޓް ސެކެޓްރީންނަށް ފޮނުވާފައިވާ އެސިޓީގައިވެ އެވެ.


ދެ ހާސް އަށް ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި އެއަށް ފަހު އެކިފަހަރު މަތިން ވަޒީރުކަމަށް އިސްކުރެއްވި ބޭފުޅުން ވެސް އިސްކުރައްވާފައި ވަނީ ވަޒީރު ކަމަށް ރައީސް ބޭފުޅަކު އައްޔަން ކުރެއްވުމަށް ފަހު މަޖިލީހުގެ ރުހުން ހޯއްދަވައިގެން ކަމަށް ގައުމީ ޕާޓީން ބުނެފައިވެ އެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމުގެ ކުރިން ވަޒީރު ކަމަށް އައްޔަން ކުރައްވާ ބޭފުޅަކަށް މަގާމުގެ ހުވާ ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވެސް ރައީސަށް ލަފާއަރުވާފައިވާ ކަމަށާއި މިސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޤާމުގެ ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފަހުގައި ކަމަށްވެސް ގައުމީ ޕާޓީން ވަނީ ބުނެފަ އެވެ.


ދިވެހި ރާއްޖޭގައި މިހާރު އަމަލް ކުރަމުން ގެންދާ ރިޔާސީ ނިޒާމުގެ ސިފަތަކުގެ އަށް ވަނަ ނުކުތާގައި ވެސް ވަޒީރުންގެ މަޖިލީސް އައްޔަންކުރަން ވާނީ ރައީސުލްޖުމްހޫރިއްޔާ ކަމާށާއި ވަޒީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ކަމަށް ބުނެފައިވާ ކަމަށް ވެސް ގައުމީ ޕާޓީގެ އެ ސީޓީގައިވެ އެވެ. އަދި އެކަން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވަޒީރުންގެ މަޖިލީހުގެ ބާބާ ބެހޭ ގޮތުން މިހާރު ރައީސް ނަޝީދުގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކުން ވެސް ދޭހަވާ ކަމަށް ވެސް ގައުމީ ޕާޓީގެ އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެބޭފުޅުން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކުގެ ކުރު ހުލާސާ ކޮޕީއެއް ވެސް ގައުމީ ޕާޓީން ވަނީ އެސިޓީއާ އެކު އެމިނިސްޓްރީތަކަށް ފޮނުއްވައިފަ އެވެ.


އެކަމާ ގުޅިގެން ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ގައުމީ ޕާޓީން ފޮނުވާފައިވާ އެސިޓީތަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އެފަރާތަށް ލިބިވަޑައިގެންފައިނުވާތީ އެއާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގެންނަވާ ކަމަށެވެ. ނަމަވެސް ވަޒީރުންގެ މަގާމަށް ރައީސް ނަޝީދު އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާއިރު އެ ބޭފުޅުންނަށް އެމަގާމުގައި ތިއްބެވި ދާނެތޯ އެއީ މިހާރު ދުސްތޫރީ މައްސަލައެއް ކަމަށާއި އެމައްސަލަ މިހާރު ވަނީ ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައި ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުން އެކަމާ އެއްޗެއް ވިދާޅުވާނީ ޝަރުއީ ކޯޓުތަކުން ނެރުއްވާ ހުކުމަކަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ޕާމަނަންޓް ސެކެޓްރީން އަދާކުރައްވަމުން ގެންދަވަނީ ސިވިލް ސާވިސްގެ ޤާނޫނުން އެބޭފުޅުންނާއި ހަވާލު ކުރައްވާފައި އޮންނަ މަސްއޫލިއްޔަތުތަކެއް. އެބޭފުޅުންނެއް މިނިސްޓަރުން ވިދާޅުވެގެން ޤާނޫނާއި ހިލާފު ކަމެއް ނުކުރައްވާނެ އަދި ކުރައްވާކަށް ޖެހިވަޑައިވެސް ނުގަންނަވާނެ. އެބޭފުޅުންނަށް އިރުޝާދު މިދެނީ ސިވިލް ސާވިސް ކޮމިޝަނުން. އެގޮތުން ސަރުކާރުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތަކާ އެގޮތަށް ސިވިލް ސާވިސްގެ ޤާނޫނުން އެބޭފުޅުންނާއި ހަވާލުކުރައްވާ މަސްއޫލިއްޔަތެއް އެބޭފުޅުން މިހިންގަވަނީ." ފަހުމީ ވިދާޅުވި އެވެ.


ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެ މައްސަލަ ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދާއި ޕީއޭގެ ޑިޕިއުޓީ ލީޑަރު މޫސާ ޒަމީރު މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު