މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް އަހަރަކު 48 ސްކޮލޮޝިޕް ހުޅުވާލަން ނިންމައިފި

ސާނަވީ، މަތީ ސާނަވީ އަދި އަންޑާ ގްރެޖުއޭޓުންގެ ތެރެއިން މަތީ ފާސް ހޯދާ ފަރާތްތަކަށް ގައުމީ ޔުނިވާސިޓީގެ ހަރަދުގައި އަހަރަކު 48 ސްކޮލޮޝިޕެއް ހުޅުވާލަން ނިންމައިފި އެވެ.

ސްކޮލޮޝިޕްގެ ފުރުސަތުތައް އިއުލާންކުރުމަށް މިއަދު ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ޔުނިވާސިޓީގެ އެކަޑެމިކް އެފެއާޒުގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފު ވިދާޅުވީ މިއަދު އިއުލާންކުރި ސްކޮލޮޝިޕުތަކަކީ އެޔުނިވާސިޓީގެ ފަރާތުން ހުޅުވާލާ އެފަދަ ފުރަތަމަ ސްކޮލޮޝިޕުގެ ފުރުސަތުތައް ކަމަށާއި އެގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 48 ކުދިންނަށް ސްކޮލޮޝިޕުގެ ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ބުނީ މިއަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާ އިން ފެށިގެން ހުޅުވާލާ ސްކޮލޮޝިޕްތަކުގެ ތެރޭގައި ހިމެނެނީ އަންޑާ ގްރެޖުއޭޓު ސްކޮލޮޝިޕުގެ ދެ ފުރުސަތާއި ޕޯސްޓް ގްރެޖުއޭޓު ސްކޮލޮޝިޕުގެ ދެ ފުރުސަތާއި ޓިއުޝަން ފްރީ ސްކޮލޮޝިޕުގެ 20 ފުރުސަތު ކަމަށެވެ.

ޔުނިވާސިޓީން ބުނީ ޓިއުޝަން ފްރީ ސްކޮލޮޝިޕަކީ ޔުނިވާސިޓީ ފީ ހިލޭވެގެންދާ ޔުނިވާސިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ދަރިވަރަކަށް ކުރިމަތިލެވޭނެ ސްކޮލޮޝިޕެއް ކަމަށެވެ. އަދި އެ ފުރުސަތުގެ ދަށުން ކޮންމެ ސެމިސްޓާއެއްގައި އަންޑާ ގްރެޖުއޭޓު ކޯސްތައް ކިޔަވަމުންދާ 18 ފަރާތަކަށާއި ޕޯސްޓް ގްރެޖްއޭޓް ކޯސް ކިޔަވަމުންދާ ދެ ފަރާތަކަށް ސްކޮލޮޝިޕް ދެވޭނެ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.

އަންޑާ ގްރެޖުއޭޓް ސްކޮލޮޝިޕަށް ކުރިމަތި ލެވޭނީ އޯލެވެލް ފަސް މާއްދައިން އޭ ފާސް ހޯދާފައިވާ ނުވަތަ އޭލެވެލް ތިން މާއްދާއިން އޭ ފާސް ލިބިފައިވާ ކުދިންނަށް ކަމަށާއި ނަމަވެސް އިސްކަންދެވޭނީ މަތީ ސާނަވީގެ ދަރިވަރުންނަށް ކަމަށް ޔުނިވާސިޓީން މައުލޫމާތު ދެއެވެ. އަދި މި ސްކޮލޮޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ޔުނިވާސިޓީ އަށް ދައްކަންޖެހޭ ޓިއުޝަން ފީ އާއި އެކު ކޮންމެ މަހަކު 5000ރ.ގެ އެލެވެންސަކާއި ކިޔެވުމަށް ބޭނުންވާތަކެތި ގަތުމަށް ކޮންމެ ސެމިސްޓާ އަކަށް 5000ރ.ގެ އެލެވެންސެއްގެ އިތުރުން އެސްޓެބްލިޝް ގްރާންޓެއްގެ ގޮތުގައި އަހަރަކު 5000ރ.ގެ އެލެވެންސެއް ލިބޭނެ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.

ޔުނިވާސިޓީން ބުނީ ޕޯސްޓް ގްރެޖުއޭޓް ސްކޮލޮޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ވެސް އަންޑާ ގްރެޖުއޭޓް ސްކޮލޮޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ލިބޭ އެލެވެންސެތައް ވެސް ލިބިގެންދާނެ ކަމަށާއި ނަމަވެސް އެ ސްކޮލޮޝިޕަށް ހޮވޭ ދަރިވަރަކަށް މަހަކު 7000ރ.ގެ އެލެވެންސެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ސްކޮލޮޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އަންޑާ ގްރެޖްއޭޓެއް ކޯހަކުން ވަކި ފެންވަރަކުން ފާސްވެފައިވާ ފަރާތަކަށް ވުމުގެ އިތުރުން އަންޑާ ގްރެޖްއުއޭޓުގައި ކިޔަވާފައިވާ ކޯހަކަށް ވުން ހިމެނޭ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.

ގައުމީ ޔުނިވާސިޓީން ބުނީ މި ސްކޮލޮޝިޕު ތަކަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން މިއަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ސްކޮލޮޝިޕް ސްކީމު މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްދާނެ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު