ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުން ވަކިކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށާއި ފައިނޭންސް މިނިސްޓަރު ކަމަށް ރައީސް އައްޔަން ކުރައްވައި އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެން ހުންނެވި އަލީ ހާޝިމް ބަޖެޓު ހުށަހެޅުއްވުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅައިފި ނަމަ، އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ވަންނަވާނީ ރައްޔިތުންނާ އެކު ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ފާޑުވިދާޅުވަމުން، މޫސަ ވިދާޅުވީ ވަޒީރުން ވަކިކުރުމުގެ އަމުރެއް ސުޕްރީމް ކޯޓަކުން ނުނެރޭނެ ކަމަށެވެ. އަދި ވަޒީރުން ވަކިކުރުމަކަށް ރައްޔިތުންގެ މަޖިލީހަކަށް ނޭންގޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކޮށް ދަންނަވަން މިރާއްޖޭގެ ސުޕްރީމް ކޯޓަކަށް ލިބިފައެއްނޯންނާނެ ވަޒީރުން ވަކި ކުރުމުގެ ބާރެއް. ވަޒީރުން ވަކިކުރާނެ އަމުރެއް ސުޕްރީމް ކޯޓަކުން ނުނެރޭނެ. ރައްޔިތުންގެ މަޖިލީހަކަށް ވަޒީރުން ވަކިކުރުމަކަށް ނޭންގޭނެ. އަޅުގަނޑުމެން [ރައްޔިތުންގެ މަޖިލީހުގެ މެންބަރުން] ނަށް ފަނޑިޔާރުން ވަކިކުރާކަށް ވެސް ނޭންގޭނެ. އަޅުގަނޑުމެންނަށް އޮންނަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ބާރު. އެކަން ނޭނގޭވަރު ބައެއް ނޫން އަޅުގަނޑުމެން ސުޕްރީމްކޯޓަށް ލައިފައި އެތިބީކީ،"
މޫސަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީގެ އެއްވެސް މެންބަރެއްގެ ރުހުން ވަޒީރުންނަށް ބޭނުން ނުވާ ކަމަށެވެ. އަދި ޑީއާރުޕީގެ މެންބަރުން ރުހުން ނުދިން ނަމަވެސް ވަޒީރުން އެ ބޭފުޅުންގެ މަގާމުގައި ދެމިތިއްބަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން އޭނާ އަށް ހަމަލާދިނުމަށް އިދިކޮޅު ފަރާތްތަކުން، މަޖިލީހުގެ ސައި ކޮޓަރީގައި ވާހަކަ ދައްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، އެއްވެސް ވަޒީރެއްގެ ގައިކޮޅުގައި އެއިން އެއްވެސް ފަރާތަކުން އަތްލި ނަމަވެސް ކުރީގައި ވަޒީރުކަންކުރެއްވި އެއްވެސް ބޭފުޅަކަށް އެބޭފުޅުންގެ ގޭގޭގައި ތިއްބަވަން "ލާހިކު ނުވާނެ" ކަމަށެވެ. އަދި، އެފަދަ ބޭފުޅުން އުޅުއްވާ ހުރިހާ ގެއެއްގެދޮށަށް އެމްޑީޕީގެ އެކްޓިވިސްޓުންނާ އެކު ވަޑައިގަންނަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، އެ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ވަރަށް ރަނގަޅަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި މޫސަގެ ހުރިހާ ވަގުތެއް އެކަމަށް ހޭދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އިންތިހާބުގައި ވާދަވެރި ޑީއާރުޕީ އަށް އެންމެ ކައުންސިލެއް ވެސް ކާމިޔާބު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ވާދަވެރި ފަރާތްތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި، ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ، ގާސިމް އިބްރާހިމް މަހުޖަނަކަށް ވެވަޑައިގެންފައި ވަނީ މުޅި ގައުމަށް ލިބުނު ހުރިހާއެއްޗެއް ބޭނުން ކުރައްވައިގެން ކަމަށެވެ. އަދި ޑރ. ހަސަން ސައީދު ކުރީގެ ސަރުކާރުން ވަކިވެވަޑަގަންނަވާފައި ވަނީ ކޮން ބޭނުމެއްގައިކަން އެނގިވަޑައިގަންނަވާ ކަމަށާއި ޑރ. ހަސަން ކުރީގެ ސަރުކާރުން ނިކުންނެވީ ހުރިހާ ލިޔެކިއުންތަކަކާއި ކޮމްޕިއުޓަރުގެ ހާޑް ޑިސްކު ވެސް ހިއްޕަވައިގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ އޭނާ އަކީ ކޮރްޕްޓް މީހެއް ނޫން ކަމަށާއި ކޮރަޕްޝަނަށް އަރައިގެންފައި ނޯންނާނެ ކަމަށެވެ. ނަމަވެސް މި ގައުމުގައި އޮތްހާ އޮތް އެއްޗެއް އޭނާ އަށް ވެސް ހިއްސާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު ފުންކުރާ ކުންފުނީގެ އޯނަރު ކަމަށާއި އެއީ ރައީސް ނަޝީދު ދެއްވި އެއްޗެއްނޫން ކަމަށެވެ. އޭނާ އަކީ ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމަށް މޫސަ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.