ބޭރުގެ ސިފައިން ރާއްޖެ ހިފުމަށް ގޮވާލާނީ ގައްދާރުން: މައުމޫން

ދިވެހި ރާއްޖެ އަށް ބޭރުގެ ސިފައިން އަރައި ރާއްޖެ ހިފުމަށް ގޮވާލާ ކޮންމެ ދިވެއްސަކީ ރާއްޖެ އަށް ގައްދާރުވާ މީހެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔުމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ރަސްމީ ޓުއިޓް އެކައުންޓްގައި މިއަދު ވިދާޅުވެފައި ވަނީ "ބޭރުގެ ސިފައިން ރާއްޖެ އަރައި ރާއްޖެ ހިފުމަށް ގޮވާލާ ކޮންމެ ދިވެއްސަކީ ގައްދާރެއް،" ކަމަށެވެ.



މީގެ އިތުރުން ރާއްޖޭގެ ދާހިލީ ކަންކަން ދިވެހިން އަމިއްލަ އަށް ހައްލުކުރެވޭނެ ކަމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ހުރި ކަމަށް ވެސް ހޮނިހިރު ދުވަހު ކުރައްވާފައިވާ ޓުއިޓޭއްގައި މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ހާރިޒީ ވަޒީރުންކަން ކުރައްވާފައިވާ އަދި ފަހުން އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަހުމަދު ޝަހީދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ހިތްހަމަޖެހިވަޑައިނުގެން "އިންޑިއާ ސިފައިން ރާއްޖެ އަރައިގަނެ" ވެރިކަމާ ހަވާލުވުމަށް ޓުއިޓެއް ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ޝަހީދު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިކޮށް، އިންޑިއާ އިން ދިވެހި ރާއްޖޭގެ މައްޗަށް "އާރުޓުޕީ" (R2P) ހިންގަން ޖެހޭ ކަމަށެވެ.

"އާރުޓުޕީ" ނުވަތަ "ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް"އަކީ އދ. އިން 2005ގައި އެކުލަވާލާފައިވާ އިނީޝިއޭޓިވްއެކެވެ. މިއިނީޝިއޭޓިވްގައި ބުނެފައި ވަނީ ގައުމެއްގެ އިސްތިގުލާލީ މިނިވަންކަމަކީ ހައްގެއް ނޫން ކަމަށާއި އެއީ ޒިންމާއެއް ކަމަށެވެ. އަދި މިޒިންމާ އަދާކުރަން ގައުމެއްގެ ދައުލަތުން ފެއިލްވެއްޖެ ނަމަ، ދަތިކުރުމުގެ ފިޔަވަޅުތަކުން ފަށައިގެން އަސްކަރީ ހަމަލާ އެގައުމަކާ ދެކޮޅަށް ދިނުމުގެ ހައްގު ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބިގެންދެ އެވެ.

އދ.ގެ "އާރުޓުޕީ"ގައި ބުނެފައި ވަނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމާ "އާރުޓުޕީ" ބޭނުން ކުރެވޭނެ ކަމަށެވެ. މިގޮތުން ހަތަރު ޖަރީމާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ ހަނގުރާމައިގެ ޖަރީމާތަކާއި ބޮޑެތި ގަތުލް އާންމުތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާތަކާއި ލޭ އޮހޮރުވުންތައް ހުއްޓުވުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު