"އިންޑިއާ ސިފައިން ރާއްޖެ އެރުމަށް" ކުރީގެ ވަޒީރު ޑރ. ޝަހީދު ގޮވާލައްވައިފި!

"އިންޑިއާ ސިފައިން ރާއްޖެ އަރައިގަނެ" ވެރިކަމާ ހަވާލުވުމަށް ކުރީގެ ދެ ސަރުކާރެއްގައި ހާރިޖީ ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 27 ވަނަ ދުވަހު ޑރ. ޝަހީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން ރާއްޖެ އަށް އިންޑިއާ ސިފައިން އަރައި ރާއްޖޭގެ ކަންކަމާ ހަވާލުވާން ބޭނުންފުޅުވެލައްވާ ކަމަށެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި ހާރިޖީ ވަޒީރުކަން ކުރެއްވުމަށް ފަހު، އެ ސަރުކާރުން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާ ގުޅުމަށް ފަހު، ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ހާރިޖީ ވަޒީރުކަން ކުރެއްވި ޑރ. ޝަހީދު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިކޮށް، އިންޑިއާ އިން ދިވެހި ރާއްޖޭގެ މައްޗަށް "އާރުޓުޕީ" (R2P) ހިންގަން ޖެހޭ ކަމަށެވެ. އަދި ޑރ. ޝަހީދު ވަނީ މިކަމަށް ގޮވާލައްވާފަ އެވެ.




"އާރުޓުޕީ" ނުވަތަ "ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް"އަކީ އދ. އިން 2005ގައި އެކުލަވާލާފައިވާ އިނީޝިއޭޓިވްއެކެވެ. މިއިނީޝިއޭޓިވްގައި ބުނެފައި ވަނީ ގައުމެއްގެ އިސްތިގުލާލީ މިނިވަންކަމަކީ ހައްގެއް ނޫން ކަމަށާއި އެއީ ޒިންމާއެއް ކަމަށެވެ. އަދި މިޒިންމާ އަދާކުރަން ގައުމެއްގެ ދައުލަތުން ފެއިލްވެއްޖެ ނަމަ، ދަތިކުރުމުގެ ފިޔަވަޅުތަކުން ފަށައިގެން އަސްކަރީ ހަމަލާ އެގައުމަކާ ދެކޮޅަށް ދިނުމުގެ ހައްގު ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބިގެންދެ އެވެ.

އދ.ގެ "އާރުޓުޕީ"ގައި ބުނެފައި ވަނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމާ "އާރުޓުޕީ" ބޭނުން ކުރެވޭނެ ކަމަށެވެ. މިގޮތުން ހަތަރު ޖަރީމާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ ހަނގުރާމައިގެ ޖަރީމާތައް، ނަސްލު ސާފުކޮށްލުން، އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާތައް އަދި ނަސްލު ނައްތާލުމަށް ހިންގޭ ޖަރީމާތަކެވެ.

މިހާރު އދ. އިން އިރާނަށް ކަނޑައަޅުއްވާފައިވާ ހާއްސަ ރެޕަޓުއާގެ މަގާމުގައި ހުންނެވި ޑރ. ޝަހީދު މިގޮތަށް ޓުވީޓްކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވަނީ ޑރ. ޝަހީދަށް ރައްދުދެއްވާފަ އެވެ. ނިހާންގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބެއް ނުވާނެ ކަމަށެވެ.

ޑރ. ޝަހީދުގެ ޓުވީޓަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ރައްދު ދެއްވުމުން، ޑރ. ޝަހީދު ވިދާޅުވީ "މުއްލާ" އެމްއެންޑީއެފްގެ ބަދަލުގައި "ސެކިއުލާ" ފިކުރުގެ އިންޑިއާ އަސްކަރިއްޔާ އިން ރާއްޖޭގެ ކަންކަމާ ހަވާލުވުމަކީ ޑރ. ޝަހީދު އެންމެ ގަޔާވެލައްވާ ގޮތް ކަމަށެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު