އދ.މަހިބަދޫގައި ހުންނަ ސަރުކާރުގެ ދެ އިމާރާތަކުން ކަރަންޓް ކަނޑާލުން: މައްސަލަ ހައްލުކުރަން ބޭއްވި ރައްޔިތުންގެ ބައްދަލުވުން ހަމަނުޖެހުން ބޮޑުވުމުން ހުއްޓާލައިފި

އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަރުކަޒުގެ ކަރަންޓު ބިލަށް ފައިސާ ނުދައްކަނީސް އެ ދެތަނަށް ކަރަންޓު ދީފައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި ރައްޔިތުންގެ ބައްދަލުވުން ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން ވަކިގޮތެއް ނުނިމި ބައްދަލުވުން ނިންމާލައިފި އެވެ.


މަހިބަދޫ ކަތީބު މުހަންމަދު ފާއިޒު މިއަދު ވިދާޅުވީ، ރަށު އޮފީސް މިހާރު ހިންގެވުމާ ހަވާލުވެހުންނެވި އޮމަދޫ ކައުންސިލަރު މުހައްމަދު އާދަމްގެ އެންގެވުމުގެ މަތިން ހޮސްޕިޓަލާއި ތައުލީމީ މަރުކަޒުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައްޔިތުންގެ ބައްދަލުވުމެއް ރޭ 9 ޖަހާއެހާކަށްހާއިރު ބޭއްވި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމަށް ކުރިން ހީކުރެވުނު ވަރަށް ވުރެ ގިނަ އަދަދެއްގެ މީހުން ހާޒިރުވުމުން ބައްދަލުވުން ކޮންޓްރޯލް ނުކުރެވި، ކުރިއަށް ނުގެންދެވުނީ ކަމަށް ފާއިޒް ވިދާޅުވި އެވެ.  


"ތިން ސަތޭކައަށް ވުރެ ގިނަ މީހުން ޖަމާވިއިރު އެ ބައްދަލުވުން ކުރިއަށްދާނެ ގޮތުގެ ޕްރޮގްރާމެއް ވެސް ރޭވިފައި ނެތް. ކައުންސިލަރަކަށް އެނގިނުލައްވާ އެމީހުންނަކާ ކުރިމަތިލާކަށެއް. އެހެންވީމާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބެއް ވެސް ނުދެވުނު. އަދި އެއްވެސް ކަމެއް ނުކުރެވުނު. ޖަލްސާ ބޭއްވި މަގުސަދު ވެސް ހާމަކޮށެއް ނުދެވުނު. އެހެންވީމާ ރައްޔިތުން އެކަން ބަލައިނުގަތީ. ބަލައިނުގަނެ، ކައުންސިލަރާ ދިމާއަށް އަޑުގަދަކޮށް، އަދި ކައުންސިލަރު ހުރި ތަނަށް ފަހަރަކު މީހަކު ސުވާލައިގެން އަންނަމުން އަންނަމުން ގޮސް، ކައުންސިލަރު ވަށާލެވުނީ،" ފާއިޒް ވިދާޅުވި އެވެ.


އެހެންނަމަވެސް، އެ ބައްދަލުވުމުގައި ސީރިއަސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ކައުންސިލަރަށް އެއްވެސް އަނިޔާއެއް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުން ނުރުހުން ފާޅުކުރަމުންދިއުމުން ބައެއް މީހުންގެ އެހީތެރިކަމާ އެކު ކައުންސިލަރު އެ ސަރަހައްދުން ދުރަށް ވަޑައިގެންނެވީ ކަމަށް ވެސް، ކުރިން ރަށު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ފާއިޒް ވިދާޅުވި އެވެ.


ރަށު އޮފީހުން ހިންގާ އިންޖީނު ގެއިން އަތޮޅު ހޮސްޕިޓަލާއި ތައުލީމީ މަރުކަޒުގެ ކަރަންޓު ފުރަތަމަ ކަނޑާލީ އާދީއްތަ ދުވަހުގެ މެންދުރެވެ. ނަމަވެސް ހަމަ އެ ރޭ ރައްޔިތުންގެ ބަޔަކު އިންޖީނުގެ އަށް ވަދެ ވަނީ އަލުން އެ ދެތަނަށް ކަރަންޓު ދީފައެވެ. އަދި ޖެހިގެން އައި ދުވަހު ރަށު އޮފީހުން އަނެއްކާ ވެސް ކަރަންޓު ކަނޑާލީ އެވެ. ނަމަވެސް، އެކަން ކުރިތާ ގަޑިއިރެއްހާއިރު ނުވަނީސް އަތޮޅު އޮފީސް ހިންގެވުން އޮމަދޫ ކައުންސިލަރާ އދ. އަތޮޅު އޮފީހުން ހަވާލުރެއްވީ އެވެ. އަދި އެ ކައުންސިލަރު އޮފީހަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ހޮސްޕިޓަލަށް އަލުން ކަރަންޓު ދިނުން ކަމަށް ފާއިޒް ވިދާޅުވި އެވެ.


ނަމަވެސް، ކަރަންޓު ދިނުމާ މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުޅޭތީ މި މައްސަލަ ދަނީ ރަށުތެރޭ އިތުރަށް ހޫނުވަމުންނެވެ.


ހޮސްޕިޓަލުގެ ބިލަށް ފައިސާ ލިބޭނެ އިރެއް ނޭގޭ ނަމަވެސް، ތައުލީމީ މަރުކަޒުގެ ބިލަށް އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ލިޔުން މިއަދު ރަށު އޮފީހަށް ލިބިފައިވާ ކަމަށާއި ބިލަށް ފައިސާ ލިބުނުހާ އަވަހަކަށް އެތަނަށް ކަރަންޓު ގުޅާނެ ކަމަށް މަހިބަދޫ އޮފީހުން ބުނެ އެވެ.


މަހިބަދޫ ރަށު އޮފީހުން ކުރި ބުނެފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އދ އަތޮޅު ތައުލީމީ މަރުކަޒުގެ ކަރަންޓު ބިލު ނުދައްކާތާ 23 މަސް ދުވަސް ވަނީ ވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި ކަރަންޓު ބިލަށް ޖުމްލަ 4،18284ރ.(ހަތަރު ލައްކަ އަށާރަހާސް ދުއިސައްތަ އަށްޑިހަ ހަތަރު ރުފިޔާ) އަރާފައިވާއިރު އަތޮޅު ހޮސްޕިޓަލުގެ ފާއިތުވި ފަސް މަސް ދުވަހުގެ ކަރަންޓު ބިލަށް އަރާފައިވާ 5،15872ރ. (ފަސްލައްކަ ފަނަރަހާސް އަށްސަތޭކަ ހަތްދިހަ ދެ ރުފިޔާ) ވެސް އަދި ވަނީ ނުދައްކަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު