އިންސާފު ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރަން: ގާސިމް

ރިޔާސީ އިންތިހާބުގެ ވޯޓުލުމުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ގުޅުމުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަ އަށް އިންސާފު ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުގެ ފަރާތުން ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ދަމަހައްޓައި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސުޕްރީމް ކޯޓުން އެއްވެސް ވަރަކަށް ފަހަތަށް ޖެހިވަޑައިގަންފައި ނުވާ ކަމަށާއި އެގޮތުން އިލެކްޝަންގެ މައްސަލާގައި ވެސް އެބޭފުޅުންގެ މައްޗަށް ޝައްކެއް ނުކުރައްވާ ކަމަށެވެ.

"ޖުމްހޫރީ ގުޅުމުގެ ފަރާތަށް އިންސާފު ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެތް ނުކުރަން. މިހެން މިދެންނެވީ އަޅުނގަޑުމެންނަށް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ނެގެހެއްޓުމަށް ދުސްތޫރީ ހަމަތަކާ އަޅުނގަޑުމެންގެ ތެރޭގައި ހިންގަންވީ ކަންތައްތައް ހާމަކޮށް ދިނުމުގައި ސުޕްރީމް ކޯޓުން ކުރައްވަން ޖެހޭ ހުކުމެއް ކުރެއްވުމުގައި އެއްވެސް ގޮތަކަށް ފަސްޖެހިވަޑައި ނުގަންނަވާ،" ގާސިމް ވިދާޅުވި އެވެ.

ކޯޓުގައި ތިއްބަވާ ފަނޑިޔާރުންނަށް ގާނޫނު އަސާސީ އާ ހިލާފަށް ބާއްވާ އިންތިހާބެއްގައި ކަންތައް ކުރައްވަން ޖެހޭނެ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށާއި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން އެބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވައާ އެއްގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުއްވަމުން އަދި ހުކުމް ކުރައްވަމުން ގެންދަވާކަން ވެސް ގާސިމް ފާހަގަ ކުރެއްވި އެވެ.

"އަޅުނގަޑުމެންނަށް އިނގެނީ ހުށަހަޅާފައިވާ މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނުން ބާރުލިބިގެން ހަދާފައިވާ ގާނޫނުތަކާއި ހަދާފައިވާ ގަވާއިދުތަކުން ހިލާފަށް ބާއްވާ އިންތިހާބުތައް އެ ރަށްޔިތުންގެ ހައްގުތަކަށް އަރައިގަނެވޭ ގޮތަށް ހުންނަ އިންތިހާބުތަކާ ބެހޭ ގޮތުން ކަންތައްތައް ކުރައްވަން ޖެހޭ ގޮތް ވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަރާތުން އެ ނިންމެވި ނިންމެވުމުގެ ސަބަބުން އެއްވެސް ބަޔަކަށް ގާނޫނުގެ ބޭރުން އެއްވެސް ކަމެއް ކުރުމުގެ ބާރު ނެތް ކަން މިއަދު އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި އިންސާފާ މެދު ޝައްކުކުރައްވާ ފަރާތްތަކުން ތިބެން ޖެހޭނީ އެގޮތުގައި ކަމަށާއި ގާނޫނު އަސާސީން އެކަމަށް ހެދޭނެ ގޮތެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު