ކެންޑިޑޭޓަކަށް ތާއީދު ކުރުމާ މެދު ޖޭޕީން ނިންމާ ގޮތް ކަމުނުގޮސްފިއްޔާ ޕާޓީއަކު ނުހުންނާނަން: ގާސިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާ ގޮތް ކަމުނުގޮސްފި ނަމަ، ޕާޓީގައި ނުހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވިދާޅުވެއްޖެ އެވެ.

އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާ ބައްދަލުކުރެއްވުމަށް ފަހު ނުކުމެ ވަޑައިގެން ސަން އަށް ދެއްވި އިންޓަވިއުގައި ގާސިމް ވިދާޅުވީ ކެންޑިޑޭޓަކަށް ތާއީދު ކުރުމާ މެދު ގޮތެއް ނިންމާނީ ޕާޓީން ކަމަށެވެ.

"އަޅުގަނޑު އަމިއްލަ ނަފުސަކަށް ނޫން މިއުޅެނީކީ. އަޅުގަނޑުމެން މިއުޅެނީ ޕާޓީއެއްގެ ތެރޭގައި. ޕާޓީގެ ކައުންސިލުން ނިންމާ ގޮތެއް ވެސް އޮންނާނެތާ. ކައުންސިލުން ނިންމާ ގޮތް ގާސިމަށް ކަމު ނުގޮއްސިއްޔާ ގާސިމް ނުހުންނާނެތާ ޕާޓީގެ ޕްރެޒިޑެންޓަކަށް ވެސް ނޫނީ އެހެން ގޮތަކަށް ވެސް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވީ "ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ނިމުމުން، ކެންޑިޑޭޓަކަށް ތާއީދު ކުރައްވަފާނަންތޯ؟" ދެންނެވުމުންނެވެ.

ގާސިމް އަދި ވިދާޅުވީ ޕާޓީގައި ހުންނަވާފައި އަމިއްލަ ވިސްނުންފުޅު ހުރީ ވަކި ގޮތަކަށޭ ވިދާޅުވުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު އަމިއްލަ އެއްޗެއް ނުބުނެވޭނެތާ، ބުނެގެން ކަމަކު ނުދާނެތާ، އެހެންވީމާ ޕާޓީގައި ހުންނަ އިރު އަޅުގަނޑުގެ އަމިއްލަ ވިސްނުމަކީ މީއޭ އެހެން ބުނެފިއްޔާ ދެން ތާކުން ތާކު ނުޖެހޭ އަޅުގަނޑަކަށް،" ގާސިމް ވިދާޅުވި އެވެ.

ދެވަނަ ބުރުގައި ވާދަކުރެއްވޭނެ ކަމަށް އަދިވެސް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދު އެބަ އޮތް ހަމަ އަޅުގަނޑުމެންނަށް ދެވަނަ ބުރުގައި ވާދަކުރެވޭނެ ކަމަށް. އެއީ އިންސާފު ލިބުނީމާ، އިންސާފު ލިބިއްޖެއްޔާ އެކަން ކުރެވޭނެ،" ގާސިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު