އިންތިހާބު ކާމިޔާބު ކުރުމަށް ގާސިމް އިބްރާހީމް މަދަދުވެރި ވާނެ: ރައީސް ނަޝީދު

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަދަދުވެރި ވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހެންވޭރުގައި އެމްޑީޕީގެ "ކުޅިވަރު ޖަގަހަ" ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އަދި ދެވަނަ ބުރު ކާމިޔާބު ވުމުގެ ސަބަބަކަށް ގާސިމް އިބްރާހީމް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މަސްލަހަތަށް މަސައްކަތު ބައެއް ނޫންކަން އަޅުގަނޑުމެން ސިޔާސީ ވާދަވެރިން ވެސް ގަބޫލު ކުރޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އަޅުގަނޑުމެންނަށް މަދަދުވެރި ވާނެ. އަދި އަޅުގަނޑުމެނަށް މި އިންތިހާބު ކާމިޔާބު ވުމުގައި އެ ބޭފުޅާއަކީ ވެސް ސަބަބަކަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން މިހާރު އެއްވެސް ބަޔަކު ސުވާލު ނުއުފައްދާ ކަމަށެވެ. އެގޮތުން އިންތިހާބުގެ ދެވަނަ ބުރު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރާނެކަން ޕީޕީއެމް އިން ވެސް ގަބޫލުކުރާ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނާއި ދެކޮޅަށް ބޮޑު އިއްތިހާދެއް ހަދަން ޕީޕީއެމް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެކަން އެ ޕާޓީ އަށް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ އާއި އެމަނިކުފާންނާ ދެކޮޅަށް ރާއްޖޭގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން އިއްތިހާދު ނުވާނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީން މިހާރު ބަލި ގަބޫލު ކުރަން ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް މަހަކީ ސުލްހައިގެ މަހެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް އެދިވެޑައިގެންނަވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެރިކަން ބަދަލުވުމުގެ ކަންތައްތައް އަމާން އޮމާން ކަމާއި ކުރިއަށް ގެންދިއުމަށް ޓަކައި އަދާލަތު ޕާޓީގެ އިސްވެރިންނާ ވެސް އެމަނިކުފާނު ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަދާލަތު ޕާޓީ އަށް ބަލި ގަބޫލު ކުރައްވާށޭ. ކުރި އަށް މަސް ދުވަހަކީ ސުލްހައިގެ މަހަކަށް ހައްދަވައި ދެއްވާށޭ. ޝޭހުންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ ގައުމުގައި ހައިޖާން އުފައްދަވަން ނޫޅުއްވާށޭ. އަޅުގަނޑުމެން ވެސް ކުރި އަށް އޮތް މަސް ދުވަހުގެ ތެރޭގައި ތިޔަ ބޭފުޅުންގެ ވާހަކައެއް ނުދައްކާނަން. ތިޔަ ބޭފުޅުން ވެސް ގައުމުގައި ހައްޖަން އުފެދޭ ކަހަލަ ވާހަކަފުޅު ނުދައްކަވައްޗޭ." ނަޝީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު