ގާސިމް އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާޙީމް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން ޝަހާރޭއާ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެންނެވީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ގާތް ގަނޑަކަށް ގަޑިއެއް ހާއިރު ހައިކޮމިޝަނުގައި ހޭދަކުރެއްވުމަށް ފަހު ނުކުމެ ވަޑައިގެން ސަން އަށް ދެއްވި އިންޓަވިއުގައި ގާސިމް ވިދާޅުވީ ހައިކޮމިޝަނަރާ ބައްދަލުކުރެއްވީ މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

"ދެން އެކި ކަންތައްތަކާ މަޝްވަރާ ކުރީ އެބޭފުޅުންނާ، އިންތިހާބު އޮޅުވާލި މައްސަލައާ، ދެން ރާއްޖެ އަށް ހިލަޔާއި ހިލަވެލި ނުލިބޭ މައްސަލައާ ވިސާ ހޯދަން ދަތިވާ މައްސަލައިގައި ވެސް ވާހަކަ ދެއްކިން،" ގާސިން ވިދާޅުވި އެވެ.

ގާސިމް ޝަހާރޭއާ ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާސިމާ ބައްދަލުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. ރައީސް ނަޝީދު ގާސިމާ ބައްދަލުކުރެއްވީ ގާސިމްގެ އަމިއްލަފުޅު ގެ، މ. މާފަންނު ވިލާއަށް ވަޑައިގެން އެގޭގަ އެވެ.

ސުޕްރީމް ކޯޓަށް ޖުމްހޫރީ ޕާޓީން މިހާރު ހުށައަޅާފައިވާ މައްސަލައާ ބެހޭ ގޮތުން ގާސިމް މިއަދު ވިދާޅުވީ އެ މައްސަލައިގައި ކޯޓުން ނިންމާ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ.

"މިމައްސަލައިގެ ޖަޖުމެންޓް ނިމިގެންދާ ގޮތް އަޅުގަނޑު ގަބޫލުކުރާނަމޭ، ދެން އެބޭފުޅުންނަށް އަޅުގަނޑު ދެންނެވީ، ދެން ކީއްވެގެންތޯ ހިލަޔާއި ހިލަވެލި އެއްޗެހި ނުލިބިގެން މިއުޅެނީ، ކީއްވެގެންތޯ ވިސާ ހޯދަން އުނދަގޫ ވެގެން މިއުޅެނީ. ދެން އެއީ އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ކުރާ ސުވާލެއް،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޯމަތި ވެފައި ވަނިކޮށް ހައިކޮމިޝަނަރާ ގާސިމް ބައްދަލު ކުރެއްވި އިރު ގާސިމަކީ އިންޑިއާގެ ޖީއެމްއާރް ކުންފުނިން ރާއްޖޭން ފޮނުވާލުމަށް ވަރަށް ބޮޑަށް އަޑު އުފުއްލެވި ބޭފުޅެކެވެ. ޖީއެމްއާރް ރާއްޖޭން ފޮނުވާލުމުގައި އޭރު ދިވެހި ސަރުކާރުން އަމަލުކުރި ގޮތާ މެދު އިންޑިއާ ސަރުކާރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އެފަދަ ކަންތައްތައް ނިންމަން ވާނީ ސްޓޭޖްމަތިން ނޫން ކަމަށް" އޭރު އިންޑިއާއިން ބުންޏެވެ.

ގާސިމަކީ ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ދިން މައްސަލާގައި ނަޝީދަށް އެންމެ ބޮޑަށް ފާޑުވި ކެންޑިޑޭޓެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ރާއްޖޭގެ މައި ގޭޓް ބޭރުގެ ނުފޫޒެއްގެ ދަށަށް ދިއުން ކަމަށާއި އެކަން ދުވަހަކު ވެސް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

އަދި އަދާލަތު ޕާޓީން ގާސިމުގެ ކެންޑިޑެސީއަށް ތާއީދު ކުރީ ވެސް އޭނާ އަކީ ބޭރުގެ ނުފޫޒުން އެންމެ ބޮޑަށް އެއްކިބާވެ ހުންނެވި ކެންޑިޑޭޓް ކަމަށްވާތީ ކަމަށް އެ ޕާޓީން ކުރިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު