ގާސިމު ނަޝީދާ ބައްދަލުކުރުމުން ޖޭޕީގެ ކޯލިޝަން ޕާޓްނާ އުމަރު ކުށްވެރިކޮށްފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޖުމުހޫރީ ގުޅުމާ އެކު ޕާޓީއެއްގެ ދަރަޖައިގައި ކޯލިޝަން ހަދާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ސަން "އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ މިހާރު ގައުމުގެ ހާލަތު އޮތް ގޮތަށް ބަލާއިރު މިވަގުތު ގާސިމް އިބްރާހީމް ނަޝީދުއާ ބައްދަލު ކުރެއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާސިމް ނަޝީދާ ބައްދަލު ކުރެއްވުމުން ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެހެން ކަމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގ. ކެނެރީގޭ މުހައްމަދަ ނަޝީދު އަކީ އަޅުގަނޑުމެންގެ... ދުޝްމަނެއް. އެހެން ވީމާ އެފަދަ ބޭފުޅަކާ ގާސިމް ބައްދަލު ކުރެއްވުމަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން. ހާއްސަކޮށް މިފަދަ ވަގުތެއްގައި ގާސިމް ނަޝީދުއާ ބައްދަލު ކުރެއްވުމަކީ އަޅުގަނޑުމެން ނަޝީދު ވެރިކަމަށް އަޔަ ނުދިނުމަށް ޓަކައި ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް. ގާސިމް ނަޝީދުއާ ބައްދަލު ކުރެއްވުމުން ނަޝީދު ވެރިކަމަށް އައުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އެހެން ވީމާ އެ ބައްދަލު ކުރެއްވުން އަޅުގަނޑުމެންގެ ޓީމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އުމަރު މިރޭ ނެރުއްވި ބަޔާނެއްގައިވެ އެވެ.

އުމަރު ވިދާޅުވީ ގާސިމް ނަޝީދާ ބައްދަލު ކުރެއްވުމުގެ ކުރިން އޭނާ އާއި އޭނާގެ ޓީމުގެ އެއްވެސް މީހަކާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ޖުމްހޫރީ ކޯލިޝަންގެ އެއްވެސް އިސް ބޭފުޅަކާ ވެސް މަޝްވަރާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމް އިބްރާހީމް ރައީސް ނަޝީދަށް ތާއިދު ކުރައްވައިފި ނަމަ އޭނާ އާއި އޭނާގެ ޓީމް ޖުމްހޫރީ ކޯލިޝަނުން ވަކިވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ އޭނާ އާއި އޭނާގެ ޓީމުން ދުވަހަކު ވެސް ރައީސް ނަޝީދަށް ތާއިދު ނުކުރާނެ ކަމަށާއި އަދި އޭނާގެ ޓީމުން ވޯޓް ދޭނީ ވެސް ރައީސް ނަޝީދު އާ ދެކޮޅަށް ކަމަށެވެ.

ޖުމްހޫރީ ކޯލިޝަނުން ވެކިވެވަޑައިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާނަންތޯ ސަން އިން ސުވާލު ކުރުމުން އުމަރު ވިދާޅުވީ އޭނާ އާއި އޭނާގެ ޓީމުން ވޯޓް ދެއްވާނީ އެމްޑީޕީގެ ރަޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުއާ ދެކޮޅަށް ކަމަށެވެ. އަދި ނަޝީދު އާ ދެކޮޅަށް ވޯޓް ދެއްވުމަކީ ޔާމީން އަށް ތާއިދު ކުރުން ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު