ބަންޑާރަ ނައިބަށް ރުހުން ދީފައި ނުވާތީ ދައުލަތް ތަމްސީލު ކުރުމަށް އޭނާ ހުށަހަޅުއްވާ މައްސަލަތައް ބަލައިގަތުން ސިވިލް ކޯޓުން ހުއްޓާލައިފި

ރައްޔިތުންގެ މަޖިލީހުން ބަންޑާރަ ނައިބަށް ރުހުން ދީފައި ނުވާތީ  ދައުލަތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާލިބޭ މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުން ހުއްޓާލައިފި އެވެ.


ކޯޓުން މިއަދު ބުނީ އެ ގޮތަށް ނިންމީ ބަންޑާރަނައިބު ކަމަށް ޢައްޔަންކޮށްފައިވާ ފަރާތަށް ރައްޔިތުންގެ މަޖިލީގުގެ 2010 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، އެމަޖިލީހުން ރުހުން ދީފައި ނުވާތީ ކަމަށެވެ. އެ ގޮތަށް ނިންމެވީ ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާލިބޭ މައްސަލަތައް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އެ ކޯޓުގެ  ގާޒީން ޢާއްމު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ފަހު އެވެ.


ގާޒީންގެ އާންމު މަޖިލީހުގެ ނިންމުމުގައި ބުނަނީ "ދަޢުލަތުގެ ބަންޑާރަނައިބުކަމަށް ޢައްޔަންކުރެވުނު ފަރާތަށް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ރައްޔިތުނެގެ މަޖިލީހުގެ ރުހުން ދެއްވާފައިނުވާތީ މަތީ މަރްޙަލާގެ ކޯޓަކުން ވަކިގޮތަކަށް ކަނޑައަޅުއްވަންދެން ނުވަތަ ޤާނޫނު އަސާސީގައި ބުނާގޮތުގެ މަތިން ބަންޑާރަނައިބަކު ހަމަޖެހެންދެން ސިވިލް ކޯޓުގައި މިހާރު ހުރި ދައުލަތަށް ދަޢުވާލިބޭ އަދި ދަޢުލަތުން ދަޢުވާކުރާ މައްސަލަތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ނިންމީ" ކަމަށެވެ.  


ބަންޑާރަ ނައިބު އޮފީހުގެ އިސްވެރިއެއް ކަމަށްވާ އިބްރާހިމް ރިފްއަތު ވިދާޅުވީ ރުހުން ދީފައިވާ ބަންޑާރައި ނައިބެއް ނެތްކަމަށް ސިވިލް ކޯޓުން ބުނި ނަމަވެސް އެހެން ކޯޓުތަކުން ދައުލަތް ތަމްސީލުކުރާ މައްސަލަތައް ބަލައިގަންނަމުން އަންނަ ކަމަށައި އެ ގޮތުން މަތީ މަރުހަލާގެ ކޯޓުތައް ކަމަށްވާ ސުޕްރީމް ކޯޓާއި ހައިކޯޓުން މައްސަލަތައް ނުހިންގޭނެ ކަމަށް ބުނެފައި ނުވާއިރު މި މަހުގެ 25 ވަނަ ދުވަހު ހިނގާ ގޮތަށް މިއަދު ވެސް މައްސަލައަކަށް ކިޔާފައިވާ ކަމަށެވެ.


"އިއްޔެ ރުހުން ދިނުމުގެ ކަންތައް މަޖިލީހުގައި ކުރިޔަށް ދިޔައީ މިއަދު ވެސް ޗިޓް އައިސްފައި އެބައޮތް ހައިކޯޓްގައި ހިންގާ ދައުލަތް ތަމްސީލު ކުރާ މައްސަލައެއްގެ ޗިޓް، އެހެންވީމާ ސިވިލް ކޯޓުން އެހެން ބުނި ކަމަށް ވިޔަސް މަތީ މަރުހަލާގެ ކޯޓުތަކުން އެގޮތަށް އަންގާފައެއް ނުވޭ،" ރިފްއަތު  ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މަތީ މަރުހަލާގެ ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާ ދުސްތޫރީ މައްސަލަތަކާއި ސިވިލްސާވިސް މުސާރައިގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެ މައްސަލަތައް ނުހިންގޭނެ ކަމަށް އެ ކޯޓުތްކުން ބުނެފައި ނުވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު