ފައިނޭންސް މިނިސްޓަރު އަލީ ހާޝިމަށް މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމާ ގުޅިގެން އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށަށް މައުލޫމާތު ދެއްވަމުން މޫސާ މަނިކު މިއަދު ވިދާޅުވީ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމުން އެ ބޭފުޅުން މަގާމުން ވަކިކުރެވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ. އެހެންކަމުން ފައިނޭންސް މިނިސްޓަރު އަލީ ހާޝީމަށް ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަނޭޅޭނެ އެއްވެސް ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
" ގާނޫނު އަސާސީން ވެސް އަދި އެނޫން ގޮތަކަށް ވެސް ވަޒީރެއް ނޫން ކަމަށް ސާބިތު ނުކުރެވޭހާ ހިނދަކު މަގާމުން އެ ބޭފުޅުން ވަކިނުކުރެވޭނެ. ވަޒީރެއް ނޫން ކަމަށް ސާބިތުވެއްޖެ ނަމަ، އެންމެ ރަގަނޅު ފައިނޭންސް މިނިސްޓަރަށް މަޖިލީހަށް ބަޖެޓެއް ހުށައެއް ނޭޅޭނެ."
މޫސަ ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާތަކަށް އެޖެންޑާ ކޮށްގެން ކުރިއަށް ގެންދަވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. މަޖިލީހުގެ ޖަލްސާތަށް ހުއްޓުވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަސައްކަތް ކޮށްފައިވަނީ ވެސް އެހެންވެގެން ކަމަށާއި ނަމަވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނީ މަޖިލިސް "ތަޅު" އަޅުވާފައި ބާއްވަން ބޭނުން ނުވާތީ ކަމަށް މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރުހުން ނުލިބޭ ވަޒީރުން މަގާމުގައި ދެމިތިއްބަވާނަމަ ސުޕްރީމް ކޯޓަށްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައަސް ފުރަތަމަ ސްޕްރީމް ކޯޓުން ވެސް ބަލާނީ އެ މައްސަލާގައި މަޖިލީހުގެ "ޕްރޮސެސް" ގޮސްފައިވާ ގޮތް ކަމަށެވެ. އަދި އެކަމުގައި ސްޕްރީމް ކޯޓުން ނިންމާ ނިންމުމަށް ވެސް އިދިކޮޅު ފަރާތްތަކުން ހުރުމަތްތެރިކޮން ނުހިތާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުން ނިންމުމާއެކު ވަޒީރުން މަގާމުން ވަކިކުރެވެން އޮތް ދެން ހަމައެކަނި ގޮތަކީ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން ކަމަށެވެ.