ދަފްތަރުގެ 6000 މީހުން ގޭގެއަށް ބަދަލުކުރި ގޮތެއް އެނގެންޖެހޭ: ގާސިމް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާލޭގެ ދަފްތަރުގައި ޖައްސާފައި ތިބި 6،000 އެއްހާ މީހުން މާލޭގެ އެކިއެކި ގޭގޭގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށާއި އެކަންތައް އެގޮތަށް ހިންގާފައިވަނީ ކޮން އުސޫލަކުން ކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެދެއްވަން އުޒުރުވެރިވަޑައިގެންނެވި ސަބަބެއް ބުނެދެވެން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ ކުނޫޒް ޖަގަހައިގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދަފްތަރުގައި ތިބި 6،000 މީހުން މާލޭގެ އެކިއެކި ގޭގެގައި މީހުން ރަޖިސްޓްރީކޮށްފައިވާ ލިސްޓުތަކުގައި ހިމަނާފައިވާ މައްސަލައާ ބެހޭ ގޮތުން 07 ސެޕްޓެމްބަރުގައި އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެކަންތައްތައް އެގޮތަށް ހިނގާފައިވާ ގޮތް ވިދާޅުވެދެއްވަން ފުއާދު އުޒުވެރިވެވަޑައިގެންނެވި ސަބަބަބެއް ބަޔާން ކޮށްދެއްވަން ޖެހޭ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަަށް އުޒުރުވެވަޑައިގަންނަވަން ޖެހުނު ސަބަބެއް ނުވަތަ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ސަބަބެއް އެމައްސަލައިގައި ވިދާޅުވެދެއްވަން ޖެހޭ. އަދި އެ ސަބަބަކީ ރަނގަޅު ސަބަބަކަށް ވިޔަސް ނުރަނގަޅު ސަބަބަކަށް ވިޔަސް އެކަމެއް ކުރެވޭނީ އެގެެއެއްގެ އަހުލުވެރިފަރާތުގެ އިޒުނަ އޮވެގެންކަން ފުއާދު ގަބޫލު ކުރައްވަންޖެހޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންނަށް ސުލްހަވެރި، ދެފުށް ފެނަންނަ އިންތިހާބުތައް ބާއްވައިދިނުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމުގައިވާއިރު އެފަދަ ކަންތައް އެނޫން ގޮތަކަށް ހިނގައިގެން ނުވާނެ ކަމަށެވެ.

އެގޮތުން އެކޮމިޝަންގެ ގާނޫނީ ވަކީލަކަށް ހުންނެވި ބޭފުޅަކު އެބޭފުޅަކު އިންތިހާބުގައި ވޯޓްލެއްވީ ވަކި ބޭފުޅަކަށް ކަމަށް ވިދާޅުވެ އެ ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ޓުވީޓް ކުރައްވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކޮމިޝަންގެ ވަކީލަކަށް ހުންނެވި އެފަދަ ބޭފުޅަކު ވަކި ފަރާތަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެފަދަ ކަމެއް ކުރެއްވުމަކީ ކޮމިޝަންގެ މަސައްކަތްތަކާ މެދު ސުވާލު އުފެދި ވިސްނައިލަން ޖެހޭ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ އޮބްޒާވަރުން ބައެއް ޕޯލިން ސްޓޭޝަން ތަކުގައި ނެތް ކަން އިންތިހާބު އޮބްޒާވްކުރި ޓްރާންސްޕޭރަންސީން ފާހަގަކޮށްފައި ވާތީ އެކަމަށް އަލިއަޅުވާލައްވައި ގާސިމް ވިދާޅުވީ ވޯޓްލާ ބައެެއް މަރުކަޒުތަކުގައި އެޕާޓީގެ އޮބްޒާވަރުން ނެތް ނަމަވެސް އިންތިހާބުގައި ހިނގާ އެންމެހާ ކަންތައްތައް ބެލުމަކީ ޕާޓީތަކުގެ ޒިންމާއެއް ނޫން ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ.

ސިޔާސީ އެއްވެސް ޕާޓީއަކުން ދީނޭ ކިޔައިގެން ލާދީނީއޭ ކިޔައިގެން އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ވާހަކަ ދައްކާ ނަމަ އެޕާޓީއަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވެފައި ވާތީ ގާސިމް މިރޭ ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު