ފުލުހުންގެ ކިބައިން ބަދަލު ހޯދަން ޔާމީން ކުރި ދައުވާއަށް ދައުލަތުން ޖަވާބުދާރި ނުވެއްޖެ ނަމަ ބަލާނީ ދައުލަތުން ޖަވާބުދާރީވާން ބޭނުން ނުވީ ކަމަށް: ގާޒީ

ގާނޫނު އަސާސީއާ ހިލާފަށް ގާނޫނީ ބާރެއް ނެތި އަބްދުﷲ ޔާމީން ފުލުހުން ހައްޔަރުކޮށް ބަންދުކޮށްފައިވާތީ އާއި އެކަމަށް އިންސާފު ހޯދުމުގެ ހައްގުން މަހުރޫމް ކޮށްފައިވާތީ ބަދަލު ހޯދުމަށް ޔާމީންގެ ފަރާތުން ފުލުހުންގެ އިދާރާގެ މައްޗަށް ކުރި ދައުވާއަށް މި މަހުގެ 29 ވަނަ ދުވަހު  ދައުލަތުން ޖަވާބުދާރީ ނުވެއްޖެ ނަމަ މައްސަލައިގައި ދައުލަތުން ޖަވާބުދާރީވާން ބޭނުން ނުވި ކަމަށް  ބަލައި މައްސަލަ ކުރިޔަށް ގެންދާނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ އައިޝާ ސުޖޫން ވިދާޅުވެއްޖެ އެވެ.


އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މިއަދު ބޭއްވުމަށް ފަހު ޝަރީއަތުން ވަނީ ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދައުލަތަށް ދީފައެވެ.


ނަމަވެސް ދައުލަތުގެ ވަކީލު އަބްދުﷲ ޖާބިރު ވިދާޅުވީ އެ މައްސަލައަށް ޖަވާބު ދާރީވުމަށް ބޭނުންވާ ރިޕޯޓެއް ލިބިފައި ނުވާތީ ޖަވާބުދާރީ ނުވެވުނީ ކަމަށާއި އެ ރިޕޯޓް މިއަދު ލިބޭނެ ކަމުގެ އިޝާރާތެއް ސުޕްރީމް ކޯޓުން ދީފައިވާ ކމަށެވެ.


ޔާމީންގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ ރިޕޯޓް ނުލިބެގެން ޝަރީއަތް ކުރިޔަށް ގެންދިއުމުގައި ދަތިތަކެއް ހުރެދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަކު އެއީ ދައުވާއަށް ޖަވާބުދާރީ ނުވޭވޭނެ އުޒުރެއް ނޫން ކަމަށެވެ.


މި މައްސަލަ ފުރަތަމަ ބޭއްވި ދުވަހު ދައުލަތުން ޖަވާބުދާރީ ވުމަށް 10 ދުވަހަށް އެދުނު ކަމަށް ދައުލަތުގެ ވަކީލުގެ އަތުން ޝަރީއަތަށް ވަނީ ބަޔާނެއް ވެސް ނަގައިފައެވެ.


ޔާމީން ގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި ދައުވާގެ ޝަރީއަތުގައި ބުނަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޔާމީން ބަންދު ކުރުމުގެ ސަބަބުން ޔާމީންގެ ގޭގެ ދޮށަށް މީހުން އެއްވެ، މާރާމާރީ ހިންގައި ގެއަށާއި މުދަލަށް ގެއްލުން ދީފައިވާތީ ޔާމީނަށާއި އާއިލާއަށް ޖިސްމާނީ ގެއްލުމާއި ނަފުސާނީ ގެއްލު ދީފާނެ ކަމުގެ ބިރަށް ގޭގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ހޭދަކުރަންޖެހުނު 61005ރ. އާއި ބަންދު ކުރުމުގެ ސަބަބުން ގާނޫނު އަސާސީގެ 65 ވަނަ މާއްދާއިން ލިބޭ އަދުލުވެރި ބަދަލު ހޯދުމުގެ ހައްގުން ވެސް މަހުރޫމްކޮށް ދެ ހަފުތާވަންދެން ބަންދުކޮށްގެން ގެންގުޅުމުން، ހައްގު ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހުނު މަސައްކަތްތަކުގެ ފީއަށް 668950ރ. ހޭދަވެފައިވާތީ އެ ފައިސާ ޝަރީއަތުން ނަގައިދޭން އެދޭ ކަމަށެވެ.


މުޅި މައްސަލަ ބިނާކޮށްފައި ވަނީ ޖޫން 29، 2010ގައި ފުލުހުން ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައެޅި ހިނދު ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ ގާނޫނު އަސާސީގެ 58 ވަނަ މާއްދާގައި ބަޔާންވެފައިވާ ގާނޫނީ ބާރެއްނެތި ގާނޫނާ ހިލާފަށް ޔާމީން ހައްޔަރު ކުރުމުން ލިބެންޖެހޭ ބަދަލުގެ މައްޗަށެވެ.


ދައުވާގައި ބުނަނީ ޔާމީން ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ގާނޫނީ ބާރެއް ނެތި ގާނޫނާ ހިލާފަށް ކަމަށްވާއިރު ޔާމީން ބަންދުގައި ބަހައްޓުމުގައި ގާނޫނު އަސާސީން އޭނާ އަށް ލިބިދޭ ވަރަށް ގިނަ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށާއި ޝަރުއީ ކޯޓެއްގެ އަމުރެއް ނެތި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބާޔާންކޮށްފައިވާފަދަ ގާނޫނަކުން ބާރު ލިބިގެން މެނުވީ ގާނޫނު އަސާސީން އެއްވެސް މީހަކަށް ދީފައިވާ އެއްވެސް ހައްގެއް ނިގުޅައި ނުގަނަވޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވެފައިވާއިރު މި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ވަރަށް ގިނަ އަސާސީ ހައްގުތައް ޔާމީންގެ ކިބައިން ފުލުހުން ނިގުޅައިގެންފައިވާ ކަމަށެވެ.


ދައުވާގައި ބުނަނީ މިފަދަ މައްސަލަތަކުގެ ބަދަލު ހޯދުމަކީ ގާނޫނު އަސާސީގެ 58 ވަނަ މާއްދާއިން ލިބިދޭ ހައްގަކަށްވެފައި މި މާއްދާގައިވާ ގޮތުގެ މަތިން ބަދަލު ނަގައި ދިނުމުގައި އަމަލުކުރާނެ ގޮތެއް ނުވަތަ ރިއާއަތް ކުރަންޖެހޭ އުސޫލުތަކާބެހޭ ގާނޫނެއް ރާއްޖޭގައި މިހާތާނަށް އެކުލަވައިލެވިފައި ނުވުމާއެކު ގާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ފަރާތަށް ޝަރީއަތުން އަގު ކުރުމަށްފަހު ބަދަލު ނަގައިދެވިދާނެކަން އެނގެން ނެތް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ އަދަދުތައް ކްއަންޓިފައި ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ދައުވާގައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު