ދައުލަތުން އެދިގެން ކާނަލް ނާޒިމްގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ހަފުތާއެއް ދީފި

ދައުލަތުން އެދިގެން، ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ ކޯޓުން ބޭރުގައި ދެ ފަރާތް ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ސިވިލް ކޯޓުން ފުރުސަތު ދީފި އެވެ.


މި ފުރުސަތު ދީފައި ވަނީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރުމުގެ ފުރުސަތު ދިނުން ހުއްޓާލި ކަމަށް ސިވިލް ކޯޓުން އިއުލާން ކުރިތާ 18 ދުވަސް ފަހުންނެވެ.


ކޯޓުން މި ގޮތަށް ނިންމެވިކަން ނާޒިމްގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރާއި ދައުލުތުގެ ވަކީލުންނަށް އެންގެވީ މިއަދު ހެނދުނު ޝެޑިއުލް ކޮށްފައި އޮތް ޝަރީއަތް ކެންސަލް ކުރުމަށް ފަހު އެވެ.


ސިފައިންގެ ވަޒީފާއިން ވަކި ކުރި މައްސަލައިގައި އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ ނާޒިމް ދައުވާ ކުރުމުން އެ މައްސަލައިގެ ޝަރީއަތް ހިނގަމުން އައިސް ކޯޓުން ބޭރު މީޑިއޭޝަނަށް ދާން ނިންމުމާ ގުޅިގެން ނާޒިމްގެ ފަރާތުން ވެސް ވަނީ އެގޮތައް ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް އެއްބަސްވެފަ އެވެ.


ނާޒިމްގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ "އެ ގޮތް އެއީ ވެސް ވަރަށް ބޮޑު އެޗީވްމެންޓެއް" ކަމަށާއި ދެފަރާތުގެ މެދުގައި މިއަދު ވާހަކަތައް ފަށާނެ ކަމަށެވެ.


"މިއަދުގެ ވަގުތެއްގައި އެބައޮތް ވާހަކަތައް ކުރިޔަށް ގެންދިއުން އެގޮތުން މިއަދު ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއެކު ވާހަކަތައް ކުރިޔަށްދާނެ،" އާޒިމާ ވިދާޅުވި އެވެ. ނަމަވެސް އެ މަޝްވަރާތަށް ހިނގަނީ ކޮން ގަޑިއަކު ކޮން ގޮތަކަށް ކަމެއް އާޒިމާ ވިދާޅެއް ނުވެއެވެ.


"ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ފުރުސަތު ދީފައި ވަނީ ހަފުތާއަކަށް. އެ މުއްދަތުގެ ތެރޭގައި ނިމޭ ގޮތެއް އަންނަ އާދީއްތަ ދުވަހު ކޯޓަށް އަންގަންޖެހޭ، ދެން ޝަރީއަތް އޮތީ ވެސް އާދީއްތާގައި،" އާޒިމާ ވިދާޅުވި އެވެ.


ކޯޓުން ހަމަޖައްސާފައި ވަނީ މި މަހުގެ 28 ވާ އާދީއްތަ ދުވަހާ ހަމައަށް މައްސަލަ ހައްލު ނުކުރެވޭނަމަ އަލުން ޝަރީއަތް ކުރިޔަށް ގެންދާށެވެ.


ނާޒިމް ވަޒީފާއިން ވަކި ކުރީ 2009 ގައެވެ. އޭނާ ޝަރީއަތުގައި އެދެނީ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށް ދޭންޖެހޭ މުސާރައާ އިނާޔަތަށް ޝަރީއަތުން ނަގައި ދިނުމަށެވެ.


ސިވިލް ކޯޓުން މި މައްސަލައިގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ފުރުސަތު ދިންއިރު ދެ ފަރާތް ސުލްހަވެގެން މައްސަލަތަކުގައި ގޮތެއް ނިންމުމުގެ މިޑިއޭޝަން ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓައިލި ކަން ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އިއުލާންކޮށްފަ އެވެ. އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުޑީޝަލް ކައުންސިލުން އެކަމަށް ހަދާ ހާއްސަ ގަވައިދު ތަސްދީގު ކުރަންދެން ކަމަށް ވެސް އޭރު ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު