އިންޖީނުގެ ހޫނުން ބޯފެން އުފައްދަން ސްޓެލްކޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޑީސަލް އިންޖީނުން އުފައްދާ ހޫނު ބޭނުން ކޮށްގެން ބޯފެން އުފެއްދުމަށް ބޭރުގެ ފަރާތަކާ އެކު ސްޓެލްކޯ އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ އިނގިރޭސީވިލާތުގެ "އެކުއިވާ ފައުންޑޭޝަން"އާއެކު އެވެ. އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ހިސާބުގައި ހުރި 28 އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކޮށްގެން ލޮނުފެން މީރު ފެނަށް ބަދަލު ކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ޕްރޮޖެކްޓްގެ ފުރަތަމަ މަސައްކަތް ކ. އަތޮޅު ގުޅީގައި ފަށާފައިވާ އިރު، މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނީ މިއަހަރު އޮކްޓޯބަރު މަހުގައި ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުން މި ކަމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރާ މަސައްކަތެކެވެ. އަދި އެ މަސައްކަތަށް އެކުއިވާ ފައުންޑޭޝަނުން ހަރަދު ކުރާ އިރު ފައިދާ ދެ ފާރާތުގެ މެދުގައި ބަހާލެވޭނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ލަތީފު ވިދާޅުވީ އެ މަޝްރޫއިން ވަރަށް ގިނަ ފައިދާ ވެގެންދާނެ ކަމަށާއި އޭގެ ތެރޭގައި ތިމާވެށީގެ ފައިދާ ހިމެނޭ އަދި ބޯފެން އަގު ހެޔޮކޮށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު އެ ޕްރޮޖެކްޓް ގެ ދަށުން މަސައްކަތް ފެށުމުން އަގުހެކޮށް ފެން ލިބިގެން ދާނެ ކަމަށާއި އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު