ނޯޓިސްއަކާ ނުލައި މުޅި މާލެ އިން ކަރަންޓް ކަނޑައިގެން ހިނގައްޖެ

އެއްވެސް ނޯޓިސްއަކާ ނުލައި ކުއްލި ގޮތަކަށް މުޅި މާލެ އިން މިއަދު ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.


މިއަދު ހެނދުނު 9:15 ކަންހާއިރު މުޅި މާލެ އިން ދިޔަ ކަރަންޓް މާލޭ ބައެއް ސަރަހައްދުތަކަށް އައިސްފައި ވަނީ 9:45 ހާ ކަންހާއިރު އެވެ. އަދި މުޅި މާލެ އަށް އެއްކޮށް ކަރަންޓް ލިބޭ ވަރުވީ ދޮޅު ގަޑިއެއްހާ އިރުފަހުންނެވެ.


ސްޓެލްކޯގެ އިންޖީނިއާ އަދި މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ރައޫފް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކުއްލި ގޮތަކަށް ކަރަންޓް ކަނޑައިގެން ދިޔައީ މުޅި މާލެ އަށް ކަރަންޓް ދެމުން އަންނަ 22 އިންޖީނުގެ ތެރެއިން 6500 ކިލޯ ވޯޓްގެ އެންމެ ބޮޑު ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު އޯވާހޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދެވަނަ އިންޖީނު ވެސް ފެއިލް ވެގެން ކަމަށެވެ. ރައޫފް ވިދާޅުވީ އިންޖީނުތައް ހިނގަނީ ހަމައެކަނި ކަރަންޓުން ނޫން ކަމަށާއި އެ މައްސަލަ ދިމާވީ އިންޖީނު އޮޕަރޭޓް ކުރަން ބޭނުންކުރާ ވައި ވޭލެއް ހަލާކުވެ، ވައި ލީކުވާ ގޮތް ދިމާވުމުން ކަމަށެވެ.


"މުޅި މާލެ އަށް ކަރަންޓް ދޭން މި ބޭނުން ކުރަނީ 22 އިންޖީނު. 6500 ކިލޯ ވޯޓްގެ ދެ އިންޖީނު ހިމެނޭ އިރު އޭގެތެރެއިން އެކަތި އޯވަހޯލް ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ. މުޅި މާލޭން ކަރަންޓް ގޮސް މައްސަލަ ދިމާވީ ބޮޑު ދެ ވަނަ އިންޖީނު ވެސް ފެއިލްވެގެން. މައްސަލަ ހައްލުކުރުމަށް އެހާ ގިނައިރު ނެނގީ ސިސްޓަމް ހުންނަ ގޮތުން ރިމޯޓްކޮށް ހުރިހާ ސިސްޓަމެއް އޮޕަރޭޓް ނުކުރެވޭތީ. ބަންދު ދުވަހަކަށް ވެފައި މާލޭގެ ތިން ސަރަހައްދަކަށް މުވައްޒަފުން ފޮނުވައިގެން އެ މަސައްކަތް ކުރަން ޖެހުނީ،" ރައޫފް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މިއީ ވަރަށް ދިމާނުވާނެ ކަމެއް ކަމަށާއި ކުއްލިއަކަށް ދިމާވާ އެފަދަ މައްސަލައެއްގައި ދެ އިންޖީނު ނިވުނު ކަމުގައި ވީނަމަވެސް ވަކި ވަރަކަށް ވުރެ ލޯޑް މަތިވެއްޖެ ނަމަ ކުއްލި އަކަށް އޮފްވާ ފީޑަރުތަކެއް ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް "ޓޯޓަލް ބްލެކް އައުޓް" އަކަށް ނުވަތަ މުޅި އަދިރިކަމަކަށް ގޮސް މާލެ އިން ކަރަންޓް ކަނޑައިގެންދިޔައީ ބާކީ ހުރި 21 އިންޖީނު ވެސް އޯވަލޯޑްވެގެން ގޮސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު