އިގުތިސާދު މިއޮތީ އޮންނަންވީ ގޮތަކަށް ނޫން، ކުރިން އޮތް ގޮތަކަށް ވެސް ނޫން: މައުމޫނު

ދ. ކުޑަހުވަދޫން: މުހައްމަދު ނަސީމު

ރާއްޖޭގެ އިގުތިސާދު މިހާރު މިއޮތީ އޮންނަންވީ ގޮތަކަށް ނޫން ކަމަށާއި އަދި އެއީ ކުރިން އޮތެއް ވެސް ނޫން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މިހާރު ވަނީ ފުނޑުފުނޑުވެފައި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން މިވަގުތުގެ ގޮތުން ތަޖުރިބާ ކުރަން ޖެހިފައި މިވަނީ އިގުތިސާދީ ގޮތުން ވަރަށް ބޮޑެތި ދަތިތަކެއް، އަޅުގަނޑުމެންގެ ރާއްޖޭގެ އިގުތިސާދު މިވަނީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑު ވެފައި. މިއީކީ އޮންނަންވީ ގޮތެއް ނޫން، އަދި ކުރިން އޮތް ގޮތެއް ވެސް ނޫން،" މައުމޫނު ވިދާޅުވި އެވެ.

މައުމޫނު އަދި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މިހާރު ވެއްޓިފައި އޮތް ވަޅުގަނޑުން ނެންގެވުމުގެ ގާބިލުކަން އެންމެ ބޮޑަށް އޮތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނަށް ކަމަށެވެ. ޔާމީނު ރާއްޖޭގެ ރައީސް ކަމަށް އިންތިހާބު ކުރަން ބޭނުންވަނީ އެހެންވެ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.

"..މިހާރު ރާއްޖޭގެ އިގުތިސާދު ވެއްޓިފައި މިވާ ވަޅުގަނޑުން ނަންގަވައި، ރާއްޖޭގެ އިގުތިސާދު ކުރިއަށް ނެރުމުގެ އެންމެ ބޮޑު ގާބިލިއްޔަތު ހުރި ބޭފުޅަކީ އަލްފާޟިލް އަބުދުﷲ ޔާމީނު ކަމާ މެދަކު ޝައްކެއް ނެތް،" މައުމޫނު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޔާމީނު ވަނީ އިގުތިސާދާ ބެހޭ ސަރުކާރުގެ މަގާމުތަކުގައި ހުންނަވައިގެން ކާމިޔާބީތައް ހާސިލުކުރައްވައި އެކަން ރައްޔިތުންނަށް ސާބިތު ކޮށްދެއްވާފައި ކަމަށެވެ.

ޕީޕީއެމުން މިއަދު ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޕީޕީއެމް އަދި އެމްޑީއޭގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. ކުޑަހުވަދޫ ބަނދަރުގައި ބޭއްވި އެ ޖަލްސާގައި ކުޑަހުވަދު އާއި ދ. އަތޮޅުގެ ބައެއް އެހެން ރަށްރަށު މީހުންގެ ތެރެއިން ޕީޕީއެމަށް ތާއީދުކުރާ މީހުން ބައިވެރިވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު