ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ބައްޕާފުޅު އެލިއާ އަލީ އަބްދުﷲ އަވަހާރަވެއްޖެ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަނބިކަނބަލުން، ލައިލާ އަލީގެ ބައްޕާފުޅު މަޝްހޫރު އެލިއާ އަލީ އަބްދުﷲ އަވަހާރަވެއްޖެ އެވެ.


މަޝްހޫރު ވިޔަފާރިވެރިޔާ އަލީ އަބްދުﷲ (އެލިއާ އަބްދުﷲ) އަވަހާރަވީ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ.


އަލީ އަބްދުﷲ 69, ގެ  މޫނު ދުށުމަށްޓަކައި ވަރަށް ގިނަ އާންމު މީހުންނާއި ސަރުކާރުގެ އިސް ވެރިން ރޭ ފަތިހުން ފެށިގެން އާ ސަހަރާއަށް ދިޔަ އެވެ.


އަލީ އަބްދުﷲ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަނިކޮށެވެ.


އަލީ އަބްދުﷲ އަވަހާރަވި އިރު ރައީސް ނަޝީދު ވަޑައިގެން ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީލަންކާގަ އެވެ. އަލީ އަބްދުﷲގެ ދަރިކަނބަލުން އަދި ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ހުންނެވީ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ އަލީ އަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ނަޝީދާއި އަނބިކަނބަލުން ވެސް ރާއްޖެ ވަޑައިގަތުމަށް މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.


އަލީ އަބްދުﷲ އަކީ އެމްޕީއޭގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އެޑްވައިޒަރުކަމާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ކަން ކުރައްވާފައިވާ ބޭފުކެވެ. މީގެ އިތުރުން އަތިރީ މާފަންނުގޭ ވިޔަފާރި މެނޭޖަރު ކަމާއި، މޯލްޑިވިއަން ގަވަރްންމަންޓް ބޮޑު އިސްޓޯރުގެ ވިޔަފާރި މެނޭޖަރުކަން ވެސް ހިމެނެ އެވެ.


އަލީ ޢަބްދުﷲ މަޝްހޫރު ވެވަޑައިގެންފައި ވަނީ ވިޔަފާރިވެރިއެއްގެ ގޮތުގައި ނަމަވެސް އޭނާއަކީ ވަރަށް ފަންނުވެރި ވަޑިއެކެވެ. ތެދުއުއި ވަޑާމުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވަރަށް މުހިންމު ޚިދްމަތްތަކެއް ވެސް އޭނާ ކުރައްވާފައިވެ އެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތް ރާއްޖޭގައި މަތީ ފެންވަރަކަށް ތަރައްގީކޮށް ދެއްވެވި އެވެ. ވަޑާމަށް ބޭނުންކުރާ ތަފާތު މެޝިނަރީތަކުގެ މަސައްކަތް އެތައް ބަޔަކަށް ދަސްކޮށްދެއްވެވި އެވެ. އޭނާގެ ވަޑާމުގެ މަސައްކަތް ފާހަގަކޮށް އަގު ވަޒަންކުރުމުގެ ގޮތުން 1980 ވަނަ އަހަރު ސަރުކާރުން ވަނީ ވަޑާމުގެ ދާއިރާ ކުރިއެރުވުމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަލީ އަބްދުﷲ އަށް ދެއްވާފަ އެވެ.


އަލީ އަބްދުﷲގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.


އަލީ އަބްދުﷲ އަކީ ދިރިއުޅުއްވުމުގައި ވަރަށް ހިތްހެޔޮ، ސާދާ ބޭފުކެވެ. އޭނާ އަވަހާރަވި އިރު ދަރިކަނބަލުން ލައިލާ އަލީއާއެކު ފަސް ބޭފުޅުންނާއި އަނބިކަނބަލަކު ދުނިޔޭގައި އެބައިންނެވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު