މެމްބަރު ނަޝީދު ޖޭއެސްސީ އަށް ގެނައުމަށް ތާއިދު ކުރާނަން: ޑީއާރްޕީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހޮއްވެވި މެމްބަރުގެ ގޮނޑި ހުސްވެފައިވުމުން، އެ ގޮނޑިއަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކުރިމަތިލައްވައިފި ނަމަ ތާއިދު ކުރާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ މަޝްހޫރު ގާނޫނީ ވަކީލް، ނަޝީދު ޖޭއެސްސީ އަށް ކުތިމަތިލައްވައިފި ނަމަ އޭނާ އަށް ޑީއާރްޕީން ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވީ ޑީއާރްޕީގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޑރ. އަބްދުﷲ މައުސޫމެވެ.

މައުސޫމް "ސަން"އަށް މިއަދު ވިދާޅުވީ ޖޭއެސްސީގެ މެމްބަރު ކަމަށް ނަޝީދު ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް އަދި ނުލިބޭ ކަމަށާއި ނަމަވެސް އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާ އަށް އެމަނިކުފާނުގެ ނަން ހުށަހަޅައިފި ނަމަ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައި އޭނާ އަށް ތާއިދު ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ފުރިހަމަ ތާއިދު އެ ބޭފުޅާއަށް މިހާރު ވެސް އެބަ އޮތް. ދެން އެ ދުވަހު އަޅުގަނޑުމެން ބައްދަލުވުމެއް ބާއްވައި އެ ބޭފުޅާގެ ނަން ތަޅުމަށް ހުށަހަޅައިފި ނަމަ ތާއިދު ކުރަން ނިންމާނަން،" ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވި އެވެ.

މަޖިލީހުގައި ހިމެނޭ ބޮޑު ތިން ޕާޓީ، އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީން ޖޭއެސްސީގެ މެންބަރު ކަމަށް ތިން ނަމަށް ހުށަހެޅުމުން ވެސް މިދިޔަ އަންގާރަ ދުވަހު އަގުލަބިއްޔަތެއް ނުލިބެ އެވެ. ޖޭއެސްސީ އަށް މެންބަރަކު ހޮވާ ވޯޓަށް ލިބެންޖެހޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެ ބައިކުޅައަށް ވުރެ ގިނަ ވޯޓެވެ.

ޖޭއެސްސީ މަޖިލީހަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ނަޝީދުގެ ނަން ޖޭއެސްސީގެ މެމްބަރު ކަމަށް ހުށަހަޅައިފި ނަމަ ޕާޓީތަކުގެ ތާއިދު އޭނާއަށް ލިބުން ކައިރި އެވެ. ސަބަބަކީ އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބޭ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް ޕާޓީތަކުން އައްޔަން ކުރީ ނަޝީދެވެ. ޝަރުއީ ދާއިރާގެ ކަންތައްތައް އެ ކޮމެޓީ މެދުވެރިކޮށް ތަހުގީގު ކުރުމުގައި ނަޝީދު ހަމަހަމަކަން ގެންގުޅުއްވާ ކަމަށް ގަބޫލު ކުރެ އެވެ.

ދިހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގެ މެންބަރު ކަމަށް ނަޝީދު ކުރިމަތިލެއްވުމާ މެދު އޭނާ ވަކިއެއްޗެއް ވިދާޅެއްނުވެ އެވެ.

ޖޭއެސްސީގައި ތިއްބަވާ ދިހަ މެންބަރުނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި އާންމުގެ ތެރެއިން ޖޭއެސްސީއަށް ހޮއްވަވާފައިވާ ޝެއިހް ޝުވައިބް އަބްދުއް ރަހުމާނާއި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީ އަށް ކަނޑައަޅުއްވާފައިވާ މެންބަރު ލަތީފާ ގާސިމާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން އަދިވެސް ޖޭއެސްސީގެ ބައްދަލުވުންތަކަށް ހާޒިރުވެ އެވެ.

މަޖިލީހުން ޖޭއެސްސީ އަށް ހޮއްވަވާފައިވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙިމްގެ ޖޭއެސްސީގެ ގޮނޑި ގެއްލުނީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރެއްވުމުންނެވެ.

ޖޭއެސްސީގެ ގާނޫނު 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމަކަށް ޖޭއެސްސީގެ މެންބަރަކު ކުރިމަތިލައިފިނަމަ އެ ކޮމިޝަންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު