މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މިރޭ ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިރޭ ދެއްވައިފި އެވެ. މި އިނާމުތައް ދެއްވީ، މިނިވަންދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސް މުހައްމަދު ވަހީދެވެ.

ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މިއަހަރު ހާއްސަ އިނާމު ލިބިވަޑައިގަތީ 24 ބޭފުޅަކަށާއި ތިން ފަރާތަކަށެވެ. އެ ބޭފުޅުންގެ ތެރޭގައި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅުންނާއި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރެއްވި ހަތަރު ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 15 ބޭފުޅަކަށް ވެސް ވަނީ އިނާމް ދެއްވައިފަ އެވެ.
އެގޮތުން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އިނާމް ލިބުނީ ޅ. ނައިފަރު ނަސީމާ މަންޒިލް އަބްދުﷲ ސިޔާޒް އާއި ހއ. އިހަވަންދޫ މޫރިތިގޭ ފަތުޙުﷲ އަހުމަދު އާއި ށ. ފޯކައިދޫ ޕެޓޫނިޔާ މުހައްމަދު މަތީން އާއި މއ. ނީލުގޭ އާމިނަތު ސަވްސަން އަހުމަދު އާއި ހުޅުމާލެ މުރަކަ –7 އާއި ގދ. ރަތަފަންދޫ އޯކިޑްމާގޭ އާމިނަތު ޝަރުމާ ޝިފާ ތައުފީގު އާއި ބ. ތުޅާދޫ މަންޒިލް އަންވަރު އިބްރާހީމް އާއި ހ. މާވަރުހުރާ ސުއޫދު މުހައްމަދުފުޅުގެ އިތުރުން ދ. ކުޑަހުވަދޫ ފްލޯރާ ފަރީދާ މުހައްމަދު އަށް އިނާމް ދެއްވާފައިވެ އެވެ.

މީގެ އިތުރުން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް ހާސިލް ކުރި ފަރާތްތަކުގެ ތެރެއިން މިރޭ އިނާމް ލިބުނީ ހދ. ކުޅުދުއްފުށީ ރަންނާޅި ވަދޫދާ އަހުމަދު އާއި ހއ. ކެލާ ބިޖިލީގޭ ޝަކީލާ ހާމިދު އާއި ށ. ފޯކައިދޫ ބަގީޗާގޭ އަހުމަދު ރަޝީދުގެ އިތުރުން ހ. މަލާގާ އަހުމަދު އާސިމް އަށެވެ.

މާސްޓާޒް ޑިގްރީ ހާސިލް ކުރި ފަރާތްތަކުގެ ތެރެއިން މިރޭ އިނާމް ލިބުނީ ހ. ފެންނާގޭ އިރުފާން އަހްމަދު އާއި މ. ދިއްގަރު އަނީސާ މަންޒިލް އިދުރީސް އިސްމާއީލް އަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލު ހާސިލު ކުރެއްވި ހަތަރު ބޭފުޅުންނަކީ ހއ. ތަކަންދޫ ފިޔާތޮށިގޭ ޑރ. އަބްދުﷲ ފިރާގު އާއި މިހާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޓީސީސީގެ މިހާރުގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބްދުﷲ އާއި މ. ހާފުސްވިލާ ޑރ. މިޒްނާ މުހައްމަދު އަށެށެވެ.

ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ ހަތަރު ބޭފުޅުންނަކީ މ. އަރީކާ މުހައްމަދު އަސީލް ހަސަން އާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މ. ކާވިޔާ އިބްރާހީމް ފަޒީލް އާއި މއ. ދުނބުގޭ އަލީ އަޝްފާގުގެ އިތުރުން އދ. މަހިބަދޫ ކަންމަތީގޭ އަހުމަދު ތޯރިގު އަށެވެ.

މީގެއިތުރުން، 2008 ވަނަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މެޑެލާއި، ކުޅުންތެރިންނަށް ހަނދާނީ ލިޔުން ދެއްވި އެވެ.

މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލުކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރީ، މ.ހުރެންދޫ ފާތިމަތު ޖީހާން ސަލީމެވެ. އަދި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ވެސް މި އިނާމު ހާސިލު ކުރި އެވެ.

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ރޮނގުން މިއަހަރު ހުޅުވާލާފައިވާ، ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ރިޒޯޓަކަށް ދެއްވާ މެޑެލް ހާސިލުކުރީ ފިހާޅޮހި އައިލެންޑް ރިޒޯޓެވެ.

މީގެ އިތުރުން، ސައުތުކޮރެއާގެ ސޯލްގައި މިދިޔަ އަހަރު ބޭއްވުނު ގްލޯބަލް އައިޓީ ޗެލެންޖް ފޮ ޔޫތު ވިތު ޑިސްއެބިލިޓީސްގެ އީ-ސްޕޯޓްސް އިންޓެލެކްޗުއަލް ޑިސްއެބިލިޓީސް ސެކްޓަރުން ބެސްޓް ޗެލެންޖާގެ މަގާމު ހާސިލުކުރި އިމާދުއްދީން ސްކޫލުގެ ދަރިވަރު ނަޒީހް ޔައުގޫބު ހުސައިނަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމެއް ދެއްވި އެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހާއްސަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު