އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށިއްޖެ

ސޯޅަ ވަނަ މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅިވަރު އެކުވެނީގައި މިއަދު ފެށިއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި މާލޭ ސިޓީގެ ހަތް ސްކޫލާއި އަތޮޅު ތަކުގެ ހަތް ސްކޫލުން ހަ އުމުރުފުރާއެއްގައި 600 އެތުލީޓުންނަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

މުބާރާތުގައި ވާދަކުރާ އަތޮޅު ތަކުގެ ސްކޫލްތަކަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް (ހދ. ކުޅުދުއްފުށި)، ނޮޅިވަރަމް ފަރު ސްކޫލް، ދ. އަތޮޅު މަދަރުސާ، އައްޑޫ ހައި ސްކޫލް، ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ) އަދި އިރުޝާދިއްޔާ ސްކޫލް (އައްޑޫ ސިޓީ) އެވެ.

މުބާރާތުގައި ވާދަކުރާ މާލޭ ސިޓީގެ ސްކޫލްތަކަކީ ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް، ގިޔާސުއްދީން ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، އަދި ކަލާފާން ސްކޫލެވެ.

މުބާރާތުގައި ކުރިޔަށްދާ ޢުމުރުފުރާތަކަކީ 9، 11، 13، 15، 17، 19 އަހަރުންދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުފުރާއެއްގެ އިވެންޓްތައް ކުރިޔަށްދާނީ ދެޖިންސް ވަކިންނެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 9.30އަށް، ހަވީރު 4.00ން 6.00އަށް އަދި ރޭގަނޑު 8.00ން 9.30އަށެވެ.

މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4.00ގައި އެކުވެނީ ދަނޑުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު