ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ށ. ފުނަދޫގައި ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަލީމް އެ ޕާޓީއާ ގުޅިވަޑައިގެންފި ކަމަށެވެ. އަދި އެއާ އެކު ޔާމީން ވަހަކަ ދައްކަވަން ހުންނެވި ޕޯޑިއަމު ކައިރިން އޯޑިއަންސަށް ސަލީމް ތައާރަފުކޮށްދެއްވި އެވެ.
އަދި އެ އަށް ފަހު ސަލީމް ވަނީ އެ ޕޯޑިއަމްގައި ޕީޕީއެމްގެ އޯޑިއަންސާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިން މިއަދު އެ ފެއްޓެވީ ވަރުގަދަ "ޖިހާދެއް" ކަމަށާއި ރައީސް މައުމޫން އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ އޭނާ އަށް ލިބިވަޑައިގަންމަވާ ޝަރަފެއް ކަމަށެވެ.
އޭނާ ވިދާޅުވީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ށ. އަތޮޅު، ހާއްސަކޮށް އަދި މުޅި ރާއްޖެ ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފައި ކަމަށެވެ. މައުމޫން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރައްޔިތުން އުޅުނީ ގޮނޑުދޮށަށް ފާހާނާކޮށް ވަރަށް ދަށުދަރަޖައިގައި ކަމަށެވެ. މިއަދު މިދެކޭ ފާހާނާގެ ނިޒާމާއި ލަފާފުރުމުގެ ފަސޭހަކަމަކީ ރައީސް މައުމޫންގެ "ރަން 30 އަހަރުގެ" ތެރޭގައި ހޯދާފައިވާ ތަރައްގީ އާއި ކުރިއެރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހާއްސަކޮށް ށ. އަތޮޅު އޮތީ ވަރަށް ދަށު ދަރަޖައަށް ވައްޓާލާފައި ކަމަށާއި ރައްޔިތުން ތިބީ "ކަރުނަ ގޭހުގެ" ޝިކާރައަކަށް ހަދާފައި ކަމަށެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ ތިން އަހަރު ގައުމު އޮތީ ދަރުވާލާފައި ކަމަށާއި ދަރަނި 30 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އަދި ހިޔާނާތުގެ ރެކޯޑަށް ބަލާ އިރު އޯޑިޓް ރިޕޯޓްތަކުން އެ ރެކޯޑް ވަރަށް ރަނގަޅަށް ފެންނަން އޮތް ކަމަށެވެ.
ސަލީމް ވިދާޅުވީ ޔާމީނާއި ޑރ. ޖަމީލުގެ މެނިފެސްޓޯ ބަލާލުމުން ށ. އަތޮޅު އިތުރަށް "ފިޔަޖަހަމުން" އަންނަތަން އޭނާ އަށް ފެންނަ ކަމަށެވެ.
ސަލީމް ކުރިން ހުންނެވީ ޑީއާރުޕީގަ އެވެ. ނަމަވެސް މިދިޔަ އަހަރު އޭނާ އެ ޕާޓީން ވަކިވީ ރައްޔިތުންގެ މަޖިލީހުން ނަގާ ބައެއް ވޯޓު ސިއްރު ކުރުމަށް އެ ޕާޓީން ތާއީދު ކުރުމުންނެވެ.