ރައްޔިތުންގެ މަޖިލީހުގެ މިނިވަން ދެ މެންބަރުން ކަމުގައިވާ ފަރެސްމާތޮޑާ މެންބަރު އިބްރާހިމް މުއްތޮލިބާއި ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ ރަސްމީކޮށް ޖުމްހޫރީ ޕާޓީއާ ރޭ ގުޅިވަޑައިގެންފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ނުވައެއް ޖެހިއިރު ނަސަންދުރަ ޕެލެސް ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ދެ މެންބަރުން ވެސް ވަނީ ޖަލްސާގެ ބައިވެރިން ކުރިމަތީގައި ޖުމްހޫރީ ޕާޓީގެ ފޯމުގައި ސޮއި ކުރައްވައިފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއްތޮލިބް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އޭނާ ގުޅިވަޑައިގަތުމަށް ގަސްތު ކުރެއްވީ މިނިވަން މެންބަރެއްގެ ގޮތުގައި ހުރެގެން މަޖިލީހުގައި މަސައްކަތް ކުރުމަށް ހުރަސްތަކެއް ހުރުމާ ގުޅިގެން ކަމަށެވެ.
"މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މަޖިލީހުގައި އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ އަމިއްލަ މެންބަރެއްގެ ގޮތުން. ވޭތުވެ ދިޔަ ދުވަސްތަކުގައި އަޅުގަނަޑު ވާނީ މަޖިލީހަށް ތާފާތު ތިން ކުއްލި މައްސަލަ ހުށަހަޅާފައި. ނަމަވެސް އޭގެން އެއްވެސް މައްސަލައަކާ ގުޅޭ ގޮތުން ބަހުސް ކުރެވިފައި ނުވާކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަ ކުރަން،"
މުއްތޮލިބު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ތިން މެންބަރުންގެ ވޯޓު ވެސް އޭނާ ކުރައްވާ މަސައްކަތަށް ލިބޭނެ ކަމަށާއި، އިދިކޮޅު ދެ ޕާޓީގެ ތާއީދު ވެސް ލިބޭނެ ކަމަށެވެ.
"މިއަދު އަޅުގަނޑު މިކުރި މަސައްކަތުން އަޅުގަނޑާ އެކު ތިން ވޯޓު އޮންނާނެ. އަދި މައިގަނޑު [އިދިކޮޅު] ދެ ޕާޓީގެ ތާއީދު ވެސް އަޅުގަނޑު މެންނަށް ލިބޭނެ."
މުއްތޮލިބު ވިދާޅުވީ ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ މަޖިލީހަށް ތިން ބިލެއް ހުށަހެޅި ނަމަވެސް އޭގެތެރެއިން ވެސް ފާސްވީ އެންމެ ބިލެއް ކަމަށެވެ. އަދި އެ ބިލު ފާސްކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.
"ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހު ތެރޭގައި ތިން ބިލެއް އަޅުގަނޑު ހުށަހެޅިން. އޭގެތެރެއިން އެއް ބިލު މިވަނީ އިރާދަކުރެއްވިއްޔާ ފާސްވެފައި. އެ ބިލު ފާސް ކުރުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަން އަޅުގަނޑު ފާހަގަކުރަން."
ރޭގެ ޖަލްސާގައި އަހުމަދު މޫސާ ވާހަކަ ދައްކަވާފައެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިން ވިދާޅުވެފައި ވަނީ ރޭގެ ޖަލްސާގައި ހަތަރު މެންބަރަކު އެ ޕާޓީ ސޮއިކުރައްވާނެ ކަމަށެވެ. ނަމަވެސް ރޭގެ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ވަރަށް އަވަހަށް އިތުރު މެންބަރުން އެ ޕާޓީ އަށް ސޮއިކުރައްވާނެ ކަމަށެވެ.