ބައެއް ދަތިތަކާ ހުރެ ބޭނުންވި ސްޕީޑްގައި ކަންކަން ކުރެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ބައެއް އުނދަގޫތަކާއި ދަތިތަކާ ހުރެ ސަރުކާރުން ބޭނުންވި ސުޕީޑާއި މުއްދަދުތަކުގެތަކުގެ ތެރޭގައި ރައްޔިތުންނަށް ބައެއް ކަންކަން ކޮށްދެވިފައި ނުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރުމަށް ކަނޑައެޅި 1000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "މި ސަރުކާރުން ކަންކަން ކުރަނީ ދުރުވިސްނައިގެން" ކަމަށާއި އެގޮތަށް އެ ކަންކަން ކުރާ އިރު ބައެއް ކަންކަން އަމާޒުން ނައްޓާ ލައިގެން ހިނގައިދާނޭ ކަމަށެވެ. އެހެންނަމަވެސް "މި ސަރުކާރަކަށް މިސްރާބު ނޯޅޭ ކަމަށާއި މި ސަރުކާރު ދެމި އޮންނާނީ" ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.


"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދުރުވިސްނައިގެން، ބަލަމުން ރާވައިގެން. ބައެއް ފަހަރަށް އަޅުގަނޑުމެންގެ އުންމީދުތައް ނުވަތަ ދެކޭ ދެކުންތައް އަމާޒުން ކައްސާލާ. އެހެންނަމަވެސް އަޅުގަނޑުމެންނަކަށް ބޮޑު މަންޒަރެއް ނުގެއްލޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ބޯ ހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެކަން ރައްޔިތުންނަށް ހައްލުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި އެކަން ރައްޔިތުންނަށް ކޮށްދެއްވާނޭ ކަމަށެވެ.


"ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދައްޗަކީ ބޯ ހިޔާވަހިކަން. ހަމަ އެކަނި ބިމުގެ ދަތިކަމެއް ނޫން، ބިމުގައި ހިޔާވަހިކަމެއް އިމާރާތްކޮށް ގެއެއް އުފައްދާނޭ ގާބިލް ކަން ރާއްޖޭގެ ރައްޔިތުންގެ ކިބައިގާ ހުރި މިންވަރު ފެންނަނީ ވަރަށް ކުޑަކޮށް،" ރައީސް ވިދާޅުވި އެވެ. "ގެއަކަށް ވަދެވޭ އިރު މީހެއްގެ އުމުރުން ހަތް އަހަރު އަދި އަށް އަހަރު އެބަ ހޭދަވޭ، އަދި ހަމަ އެހެންމެ އެ މަސައްކަތް އެމީހާ ކުރާއިރު އެމީހާގެ އަތުން ދޮޅު މިލިއަނެއްހާ ރުފިޔާ ވަރަށް ފަސޭހައިން ހަރަދުވެފައިވާ ތަން [އެބަފެނޭ]،"


ރައީސް ވިދާޅުވީ ދިގު މުއްދަތުގައި ފައިސާ ދައްކައި ހަލާސް ކުރާ އުސޫލުން ފުލެޓު ލިބޭނޭ ގޮތް ރާއްޖޭގެ ޒުވާނުންނާއި އެންމެހާ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނޭ ކަމަށެވެ. އަދި މިއަދު ބިންގާއެޅި 1000 ގެޔަކީ ޗައިނާ ސަރުކާރާ އެކު އެއްބަސްވެފައިވާ 4000 ގޭގެ ތެރެއިން ބައެއް ކަމަށެވެ.  


ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރަށް ދެ އަހަރު ފުރުނު އިރު ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅައި އެކަމުގެ ނަތީޖާ ރަނގަޅު ކަމަށާއި ރާއްޖޭގެ އިންފުލޭޝަން ރޭޓް ދަށްކުރެވިފައި ވާކަމަށާއި އިގްތިސާދު ކުރިއަރާ މިންވަރު އެތައް ގޮތަކުން ރަނގަޅުވެފައި ވާކަމަށް ވިދާޅުވި އެވެ.


"ދެ ހާސް ނުވަނަ އަހަރު ވެގެން ދިޔައީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑު ހީނަރުކަމެއް ލިބިގެން ދިޔަ އަހަރަކަށް. ޖީޑީޕީ ގައުމީ އުފެންދުންތެރިކަމުގެ މިންގަނޑު ދަށަށް ދިޔައީ 3.7 ޕަސެންޓަށް...އެހެންނަމަވެސް އިރާދަކުރަށްވައިގެން އިގްތިސާދީ ދުވެލި މިހާރު ހުރީ ފަސް ޕަސެންޓަށް މައްޗަށް ގޮސްފައި. 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އަޅާކިޔާ އިރު ރާއްޖޭގެ ޖީޑީޕީ މިހާރު ކުރިއަރަމުން މިދަނީ މި ސަރަހައްދުގެ ގައުމުތަކަށް ވުރެ މާބާރަށް...، ޖީޑީޕީ މިހާ ބާރަށް ކުރިއަށް ދާއިރު ތަކެތީގެ އަގު ބޮޑުވާ މިންވަރު އިންފުލޭޝަން ރޭޓް މިވަނީ އިރާދަކުރަށްވައިގެން ހިފެހެއްޓިފައި...، މިއަހަރު ނިމޭއިރު އިރާދަ ކުރަށްވައިގެން (ސަރުކާރުގެ ޑެފިސިޓް) ހުންނާނީ އަމާޒަށްވުރެ ރަނގަޅަށް، 18 ޕަސެންޓަށް ވުރެ ދަށުގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.


މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ޑޮލަރުގެ ވިޔަފާރި ކުރިއަށް ދާވަރު ވަރަށް ބޮޑުތަން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް އެޅެން ހުރި ވަގުތީ ފިޔަވަޅުތައް އަޅުއްވަމުން އަންނަ ކަމަށެވެ. އަދި "ކަރަންސީ ފުލޮޕު" އެގްރިމަންޓެއް ގާއިމް ކުރުމުގެ ވާހަކަތައް ސިލޯނު ސަރުކާރާއި އެހެންވެސް ސަރުކާރުތަކާ އެކު ކުރިއަށް ދާކަމަށާއި އެއާ އެކު ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދައި ދެވިދާނޭ  ކަމަށް ވިދާޅުވި އެވެ.


ހުޅުމާލޭގައި މިއަދު ބިންގާ އެޅި 1000 ހައުސިން ޔުނިޓުގެ މަޝްރޫއަކީ ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމަންޓް  އިމްޕޯޓް އެންޑް އެކްސްޕޯރޓް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) ގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި ސީ.އެމް.އީ.ސީގެ ވައިސް ޕުރެޒިޑެންޓް ލީ ޗައޮ ޔަންގް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު