ޑީއާރުޕީގެ ނަމުގައި އުމަރު ޖަލްސާއެއް ބާއްވަން މަސައްކަތް ކުރި މައްސަލައިގެ ތަފުސީލު ދިނުމަށް އުމަރަށް އަންގައިފި

ޑީއާރުޕީ ލީޑަޝިޕްގެ ހުއްދައަކާ ނުލައި އެ ޕާޓީގެ ނައިބު ލީޑަރު އުމަރު ނަސީރު ޕާޓީގެ ނަމުގައި އާންމު ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކޮށްފައި ވާތީ "އެކަން ހިނގައި ދިޔަ ގޮތް" ސާފުކޮށްދެއްވުމަށް އުމަރު ނަސީރަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން މިއަދު ސިޓީއެއް ފޮނުވައިފި އެވެ.


ޑީއާރުޕީގެ ޑިސިޕްލަނަރީ ކޮމެޓީގެ ރައީސް އަބްދުﷲ ލަތީފު މިއަދު ވިދާޅުވީ އެ ކޮމެޓީގެ ޖަލްސާއެއް މިއަދު ބޭއްވީ ޕާޓީގެ އަސާސީ ގަވައިދުގެ 17 ވަނަ މާއްދާގެ (ހ) އާ ހިލާފަށް އުމަރު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ޕާޓީ ކައުންސިލުން އެ ކޮމެޓީ އަށް އަންގާފައި ވާތީ އެ މައްސަލަ ބެއްލެވުމަށް ކަމަށެވެ.


އޭނާ ވިދާޅުވީ މިއަދު ކޮމެޓީން ނިންމީ އުމަރަށް ޖަވާބު ދެއްވުމަށް 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އޭނާ ދެއްވާ ޖަވާބަކާ ގުޅޭ ގޮތުން ކޮމެޓީގެ ޖަލްސާއެއް ބާއްވައި މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޑީއާރުޕީ އަކީ ވަރަށް ބޮޑަށް މަސްލަހަތަށް ބަލާނެ ޕާޓީއެއް ކަމަށާއި ފުރަތަމަ ފަހަރަށް ހިނގާ އެފަދަ ކަންކަމުގައި "މާ ބޮޑު ހަރުކަށިކަމެއް ގެންގުޅުމަކީ" ޕާޓީން ކަން ކުރާނެ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.


ނަމަވެސް ކައުންސިލާ ހަވާލާދީ ލަތީފު ވިދާޅުވި ގޮތުގައި އުމަރު އެ ޖަލްސާ ބާއްވަން މަސައްކަތް ކުރެއްވީ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހުއްދައާ ނުލައި އަދި އެއީ "ރަނގަޅު ކަމެއް ނޫން ކަމަށް" ޕާޓީގެ ލީޑަރު އަންގަވާފައި ވަނިކޮށެވެ.


ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމާ ބެހޭ އުމަރުގެ ބަހެއް ހޯދުމަށް ގުޅި އިރު އުމަރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.


އުމަރު އިއްޔެ ސަން އޮންލައިނަށް ވިދާޅުވީ ޑީއާރުޕީގެ ބޮޑެތި ޖަލްސާތަކުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އޭނާ އަށް ނުދެއްވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު