އުމަރު އެންމެ ފަހުން ގާސިމަށް ތާއީދުކުރަން ނިންމަވައިފި

ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެންމެފަހުން ޖޫމްހޫރީ ކޯލިޝަނަށް ތާއީދުކުރަން ނިންމަވައިފި އެވެ.

މޫކައި ސުއިޓްސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމް މިއަދު ހިނގަމުންދަނީ ރައީސް މައުމޫންގެ ވިސްނުންފުޅާ އެއްގޮތަށް ނޫން ކަމަށާއި އެހެންވެ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކުރެވެން ނެތް ކަމަށް ވިދާޅުވެ ޔާމީނަށް ފާޑުވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ގާސިމަށް ތާއީދުކުރައްވަން ނިންމެވީ އޭނާއަކީ ގައުމުގެ މަސްލަހަތާއި ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅަކަށްވާތީ ކަމަށެވެ.

އުމަރު ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު އަރިހުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު މާޒް އަހުމަދު ސަލީމާއި އެމްބީސީގެ ބޯޑު މެމްބަރަކަށް ހުންނެވި ނަހުލާ އަލީ އާއި އޭނާއަށް ތާއީދުކުރާ ބަޔަކު ތިއްބެވެ.

ޕީޕީއެމްގެ ޕްރައިމަރީއަށްފަހު އުމަރު ވަނީ ނަތީޖާ ބާތިލުކުރަން ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ކޯޓުން އެ މައްސަލަ ނާކާމިޔާބުވުމުން ދެވަނަފަހަރަށް ވެސް މައްސަލަ ކޯޓަށް ހުށަހެޅުއްވި އެވެ.

އުމަރު ނަސީރު ޔާމީނަށް ފާޑުވިދާޅުވި އިރު އޭނާ ވަނީ ޔާމީނާ އެކު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވައި ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

އުމަރު އިސްކޮށް ހުންނަވައިގެން އުފެއްދެވި އައިޑީޕީ އަމިއްލަ ފުޅަށް "އުވާލެއްވުމަށް" ފަހު ފުރަތަމަ ޑީއާރުޕީ އާ ގުޅިވަޑައިގަތީ "ކުޑަ އޮޑި ފައްތާލައި ބޮޑު އޮޑިއަށް" އެރުއްވީ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ޕާޓީގެ ލީޑާޝިޕާ ދެމެދު ޖެހުނު މައްސަލައެއްގައި އޭނާ ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ. ހަމަ އެ ގޮތަށް އޭނާ ޕީޕީއެމް އިން ވެސް ފަހުން ވަނީ ކަނޑާލައިފަ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އުމަރު މިއަދު ޖޭޕީ އާ ގުޅިވަޑައިގަތީ "ޕާޓީއެއްގެ ދަރަޖައިގަ" އެވެ. އަދި ޖުމްހޫރީ ގުޅުމެއްގެ ސަރުކާރެއްގެ 15 ޕަސެންޓް އޭނާ އަށް ދޭ ގޮތަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު