މިއީ އަޅުގަނޑަށް ހައްގު އިއްޒަތެއް ނޫން: މައުމޫން

ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާގެ (ނޣޢވ) އިއްޒަތް މިރޭ ލިބިވަޑައިގެންނެވިޔަސް، އެއީ ހައްގު އިއްޒަތެއް ކަމަށް އަމިއްލަފުޅަށް ގަބޫލު ނުކުރެއްވޭ ކަމަށް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު ލިބިވަޑައިގަތުމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން މިރޭ ވިދާޅުވީ އެ ލަގަބަކީ އެމަނިކުފާނަށް ހައްގު ލަގަބެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި ނަމަވެސް ރައީސް ވަހީދު އެ ލަގަބު ދެއްވީ އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި "ކޮންމެ ވެސް ވަރެއްގެ" ތަރައްގީއެއް ރާއްޖެ އަށް ގެނެވުނު ކަމަށް ގަބޫލުކުރައް ވާތީ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ސަރުކާރުން އެމަނިކުފާނު ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރައްވާފައިވާ ކަމަށް ޓަކައި ސަރުކާރަށާއި ރައީސް ވަހީދަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

"ވަރަށް މަތިވެރި އިއްޒަތަކާއި ޝަރަފެއް ދައުލަތުން އަޅުގަނޑަށް މި ދެއްވީ. އެކަމަށްޓަކައި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ދައުލަތަށް ޝުކުރު އަދާކުރަން. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑަށް ހައްގު އިއްޒަތެއް ނޫން. އެހެން ނަމަވެސް ދައުލަތުން އެ ދެއްވި ސަބަބަކީ ސަރުކާރަށް، ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާ ގޮތުގައި އަޅުގަނޑުގެ ވެރިކަމުގައި ހުރެގެން 30 އަހަރު ވެރިކަމުން ދިވެހި ރާއްޖޭގެ ތަރައްގީއަށް ކޮންމެ ވެސް ވަރެއްގެ ތަރައްގީއެއް ގެނެވުނު ކަމަށް ގަބޫލުކުރައްވާތީ. އަދި އެކުރިއެރުމާއި ތަރައްގީއަކީ މި ފަދަ އިއްޒަތެއް ހައްގުވާ ކަމެއް ކަމަށް ދައުލަތަށް ފެނިވަޑައިގެން އެ ދެއްވީ. އެހެންވީމަ އެކަން ފާހަގަކޮށް ސަރުކާރަށް، ރައީސަށް ޝުކުރުދަންނަވަން،" ދައުލަތުގެ އެންމެ މަތީ ލަގަބު ލިބިވަޑައިގެންނެވި މައުމޫން ވިދާޅުވި އެވެ.

ތަރައްގީގެ އަސާސީއަކީ މިނިވަންކަން ކަމަށާއި މިނިވަން ދަމަހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް މައުމޫން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާގެ (ނޣޢވ) ލަގަބު ރައީސް މައުމޫނަށް އެރުއްވުމަށް ފަހު ރައީސް ޑރ. ވަހީދު ވިދާޅުވެފައި ވަނީ އެ ލަގަބަކީ އެމަނިކުފާނަށް ހައްގު ލަގަބެއް ކަމަށެވެ. އަދި އެ ލަގަބު އެރުވީ އެމަނިކުފާނަކީ، ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދައުލަތުގެ އެންމެ މަތީ ޢިއްޒަތް ކަމުގައިވާ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ޢިއްޒަތް ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް މިރޭ އަރުވާފައި. އެމަނިކުފާނަކީ، ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އަޅުގަނޑުދެކޭ ގޮތުގައި މިއީ އެ މަނިކުފާނަށް ޙައްޤު ލަޤަބެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާގެ (ނޣޢވ) ލަގަބު މީގެ ކުރިން އަރުވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް ނާޞިރު އަށާއި އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު ދެ ވަނަ އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު