ކޯޓްތަކާ ބެހޭ ގާނޫނުން ދެ މާއްދާއެއް ސުޕްރީމް ކޯޓުން އުވާލައިފި

ސުޕްރީމް ކޯޓުގެ ހުކުމްތަކުގައި ހުރިހާ ފަނޑިޔާރުންގެ ރައުޔު ވަކިވަކިން އިއްވަން ވާނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި އޮންނަ ބައިތައް ސުޕްރީމް ކޯޓުން މިއަދު އުވާލައިފި އެވެ.


ސުޕްރީމް ކޯޓުން މިއަދުގެ ތާރިހުގައި ނެރުނު އަށް ސަފުހާގެ 'ރޫލިން' ގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އަށް ރިޔާއަތް ކުރާ އިރު "ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާ" އަކީ ބާތިލު ބައެއް ކަމަށް "ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ" ކަމަށެވެ.


ސުޕްރީމް ކޯޓުން މިފަދަ ރޫލިންއެއް މި ނެރުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާ (ވ) އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ރޫލިން އަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ ރޫލިންއެއް ނޫން ކަމަށް ސުވާލު އުފައްދަވައި މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ޗެލެންޖުކުރައްވާފައި ވަނިކޮށެވެ.


ކޯޓްތަކާ ބެހޭ ގާނޫނުގެ އެ ދެ މާއްދާގައި ޖުމްލަކޮށް ބުނެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާ ކޮންމެ މައްސަލައެއް ނިންމާ އިރު، ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކޮންމެ ފަނޑިޔާރެއްގެ ރައުޔު ވަކިވަކިން އިއްވަން ވާނެ ކަމަށާއި އަދި މައްސަލަ ނިމުނު ގޮތް ކަމަށް ވާނީ އަޣުލަބިއްޔަތު ލިބުނު ގޮތް ކަމަށެވެ.


ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމް އިއްވީ އުއްތަމަ ފަނޑިޔާރު ގިނިކަންޏާ އެވެ. އަދި ރައުޔު ތަފާތުވި ފަނޑިޔާރުގެ ރައުޔު އިއްވަވައިދެއްވީ ވެސް އުއްތަމަ ފަނޑިޔާރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު