Sun Online

ހާދަ ދެރައޭ

ފާތިމަތު ނަހުލާ
ލިޔުނީފާތިމަތު ނަހުލާ
(19 ޖުލައިގެ އަދަދާ ގުޅޭ)

"އަހަރެން ގަބޫލެއް ނޫން....! "
އަޝްރަފް އެނބުރި ބަލައިލިއިރު އޭނާގެ ފުރަގަހުގައި ރަޒީނާ ހުއްޓެވެ.

ކޮއްކޮ ފެނިފައި އަޝްރަފް އަދި ވަކީން ފޫހިވިއެވެ. މިއަދު އެންމެންގެ ތެރޭގައި ކޮއްކޮ އަޝްރަފް ބަދުނާމު ކޮށްލިވަރު އަޝްރަފް ހަނދާން އެބަހުއްޓެވެ. ކޮއްކޮ އަކީ ބޮޑެތި މީހުންނަށް އިޙުތިރާމްވެސް ކުރަން ނޭނގޭ މީހެކެވެ. އަނގަ އަދި އެހާ ހަޑިއެވެ. މީހުން ގަނޑުގެ ތެރޭގައި އަޝްރަފް ކުޑަކޮށްލުން އެއީ އޭނާއަށް ވީ ވަރަށް މޮޅު ކަމަކަށެވެ.

"އެއަށްވުރެ ރަނގަޅު މީހަކު އަޝްރަފަށް އިންނަން ލިބޭނެ.....! ނިހާ އެއީ އާއިލާގަ އިތުރުމީހަކުވެސް ނެތް މީހެއް..... އުޅޭނެ ތަނެއްވެސް ނެތް ބޮޑު ނިކަމެއްޗެއް.....! އޭނަގެ ބޮޑުދައިތަ ގޭގަ ގުލާމު ކޮށްގެން ކައިގެން އުޅެލެވެނީ...... ގެއެއްގަ ގެންގުޅޭ ކުއްޖެއް.....! އެހާ ދަށް ފެންވަރުގެ ކަމެއް އަޝްރަފް ކޮށްފިއްޔާ އަހަރުމެން ވަރަށް ލަދުގަންނާނެ!"

އަބަދުވެސް ކޮންމެސް މީހަކު ދަށްކޮށްލާ، ދެރަކޮށްލުމަކީ ރަޒީނާގެ އާދައެކެވެ. ރަޒީނާ ނިހާއަށް ހަސަދަވެރި ވާކަން އަޝްރަފަށް ކުރީން ވެސް އެނގެއެވެ. އެކަމަކު އެއީ ބޮޑުވަރެކެވެ.

އަޝްރަފް އެމީހުންނާ އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ކޮޓަރިއަށް ވަންނަން ހިނގައިގަތީއެވެ. އެމީހުންނާ ވާހަކަ ދައްކައިގެން ވާނެ ފައިދާއެއްވެސް ނޯންނާނެއެވެ. އެދެމީހުން ކުރެ އެކަކުގެ ކައިރިންވެސް ދުވަހަކުވެސް އަޝްރަފަށް ގަދަވެވިފައެއް ނެތެވެ.

"ދަރިފުޅު ނިހާއާ ކައިވެނި ކުރޭ...... އެމީހުން ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތް......!"
އަޝްރަފް ކޮޓަރިއަށް ވަންތަނާ ބައްޕަ ބުނެލިއެވެ. ބޭރުގައި ދެކެވުނު ވާހަކަ ބައްޕައަށް އަޑުއިވުނީއެވެ.

އަޝްރަފް ހިނިތުން ވެލިއެވެ. ހަމަޖެހޭ ގޮތް ދައްކަމުންނެވެ. ނިހާއާ އަޝްރަފްގެ ގުޅުމުގެ ވާހަކަ އަކީ އެހެން މީހުނަށް އާ ވާހަކަ އަކަށް ވިއަސް އެއީ ބައްޕައަށް އާ ވާހަކަ އަކަށް ނުވާނެއެވެ. ފެށުނީއްސުރެ އަޝްރަފް އައީ އެވާހަކަ ބައްޕައަށް ކިޔާދެމުންނެވެ.
އަޝްރަފް ބައްޕައަށް ކާންދޭން އިންދާ އާޒިމް އައިސް ކޮޓަރީ ދޮރުހުޅުވާލިއެވެ.

"ބައްޕާ!"
އާޒިމް ބައްޕައަށް ގޮވާލިއެވެ.
"ކައިފިންތަ.....؟ "
އަޝްރަފް އާޒިމް އާއި ސުވާލު ކުރިއެވެ.
"ނޫނޭ..... ގަޑި ކަޓައިފި ގެއަށް ވަދެވުނު އިރު...."

އާދައިގެ ގޮތަކަށް އާޒިމް ބުނެލިއެވެ. އެއީ އޭނައަށް އާދައިގެ ކަމެކެވެ. އަނބިމީހާގެ އަތުން ކާއެއްޗެއް ތައްޔާރު ނުކުރާތާނގައި، ހިދުމަތެއްވެސް އާޒިމަށް ލިބެނީ މަދުފަހަރަކުއެވެ.

އަޝްރަފްގެ ފުރަގަހުގައި އާޒިމް އިށީނެވެ. އޭނާ އެއުޅެނީ ކޮންމެސް އެއްޗެއް ބޭނުން ވެގެންކަން އަޝްރަފަށް އެނގުނެވެ.

"ދީބަލަ ސެންޓުކޮޅެއް......!"
އަޝްރަފްގެ ކަންފަތް ދޮށަށް ގުދުވެލާފައި ސިއްރުން ބުނާފަދަ ގޮތަކަށް އާޒިމް ބުނެލިއެވެ.
"ސާބަހޭ.....!"
އަޝްރަފް ބުނެލިއެވެ. އާޒިމް އެއުޅޭގޮތް އަޝްރަފަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ.
"އިނގޭ.....! އިނގޭ.....!" އާޒިމް އަޝްރަފްގެ ހުއްދަ އަކަށް އެދެމުން ދިއައެވެ.
"ހުނ... ހުނ.....!"
އަޝްރަފް އެހެން ބުނުމުން އާޒިމް ހިތްހަމަ ޖެހިފައި ދާން ތެދުވިއެވެ.
"ތިހިން އުޅެފަ ބޮޑިއެއް ނުބޯތި.....!"
އަޝްރަފަށް އިތުރު އެއްޗެއް ނުބުނެއެއް ނީދެވުނެވެ.
"ޝޫ.....!"
އަވަސް އަވަހަށް އާޒިމް އޭނާގެ އަނގަމަތީގައި އިނގިލި ޖައްސާލިއެވެ. އަޝްރަފް އެބުނި އެއްޗެއް ބައްޕައަށް ވިސްނިދާނެތީ އޭނާ ކަންބޮޑުވިއެވެ.

"އަންނާނަން އަދި ފަހުން އިނގޭ ބައްޕާ.....!"
އެހެން ބުނެފައި އާޒިމް އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ދާން ހިނގައިގަތެވެ. އިތުރު އެއްޗެއް ބުނާނެ ފުރުސަތު އަޝްރަފަށް ދޭކަށް އާޒިމް ބޭނުމެއް ނުވިއެވެ.

ގާސިމަށް އެއްވެސް އެއްޗެއް ނުވިސްނޭނެ ކަމަށް އާޒިމަށް ހީވީތާއެވެ. އެހެން ނަމަވެސް ގާސިމަށް ހުރިހާ އެއްޗެއްވެސް ވިސްނެއެވެ. އޭނާވެސް އެއުމުރަށް އައިސް ފައި އެހެރީ ޒުވާން އުމުރު ކަޑައްތު ކުރުމަށް ފަހުގައެވެ. އޭނާގެ ދިގު އުމުރުގައި އޭނާއަށް ވަނީ އެތައް ތަޖުރިބާ ތަކެއް ކުރެވިފައެވެ. އެތައް އެއްޗެއް ދަސްވެފައެވެ. އަދި އޭނާ ގަބޫލުކުރާ އުސޫލްތަކެއްވެސް އޮވެއެވެ. ކައިވެންޏެއް ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދެފަރާތުގެ ޒިންމާތަކެއް އޮންނަން ޖެހެއެވެ. އެކަން އަނބިމީހާ ނުދަންނަ ކަމުގައިވާނަމަ ފިރިމީހާ ގޯޅި އެޅުމުގެ ފުރުސަތު ބޮޑެވެ.

އާޒިމަކީ އަބަދުވެސް ގިނަ ރަހަތަކަށް ލޯބި ކުރަމުން އައި މީހެކެވެ. އޭނާ ބޮޑުވަމުން އައިއިރު ރަށުގައި އޭނާއާ ގުޅުމެއް ނެތް އަންހެން ކުއްޖަކު މަދެވެ. އެހެން ނަމަވެސް އާޒިމް ޒަވާޖީ ހަޔާތެއް ފެށީ އޭނާގެ އެއުޅުން ދޫކޮށްލުމަށް ފަހު ރީތި ދިރިއުޅުމެއް އުޅެން ނިޔަތް ގަނެގެނެވެ. ކައިވެންޏަށްފަހު އަނބިމީހާގެ ފަރާތުން އޭނާ އުއްމީދު ކުރިފަދަ ދިރިއުޅުމެއް، އަދި ހިތްހަމަ ޖެހުމެއް ވެސް ނުލިބުނެވެ. އެއީ އާޒިމް އަނެއްކާ ވެސް ބަދަލުވާން ޖެހުނު ސަބަބެވެ.

މިހާރު އާޒިމްގެ ވިސްނުން ހުރީ އެހެން ދިމާއަކަށް މިސްރާބު ޖަހާފައެވެ. އޭނާއާ އަމީޒާގެ ސިއްރު ގުޅުން ކުރިއަށް ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އާޒިމް އަމީޒާއާ ގުޅުނީ ހަމަ އެކަނި ހިތްހަމަ ޖައްސާލުމުގެ ގޮތުންނެވެ. އެހެން ނަމަވެސް އަމީޒާއަކީ ވެސް އާދައިގެ އަންހެނެއް ނޫނެވެ. އޭނާގެ ކައިރިން އާޒިމަށް ސަލާމަތެއް ނުވެވުނެވެ. އަމީޒާ ބޭނުންވަނީ އާޒިމް އޭނަޔާ ކައިވެނި ކުރުމަށެވެ. އެހެން ނޫނީ އޭނާ އެގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނުވެއެވެ.

"ނުވާވަރު ކަންތައް ނުކުރަން ވީނުން."
މިރޭވެސް އަމީޒާ އިނީ ނުރުހިފައެވެ. އާޒިމް ކިތަންމެ ވަރަކަށް ސެންޓު ޖަހައިގެން އަޔަސް މިހާރު އަމީޒާ އަކަށް މީރު ވަހެއް ވެސް ނުދުވައެވެ.
" އަހަރެން މިބުނަނީ އަހަންނަށް ވަރިހަމައޭ ދެ އަންބަށް އިންނަން ވިޔަސް..... އަހަރެން ބޭނުމީ އިންނާށޭ....! "
އަމީޒާގެ ގައިގައި އާޒިމް އަތް ޖައްސާލުމާއެކު އަމީޒާ އާޒިމްގެ އަތް ފޮޅުވާލިއެވެ.
"ތީ އެހާ ފަސޭހަ ކަމެއްނޫނޭ....އަމީޒާއަށް ވެސް އިނގޭނީ މީހަކާ އިދެގެން އުޅޭނަމަ....!"

އާޒިމް އަދިވެސް ބެލީ އަމީޒާއާ ސަމާސަ ކޮށްލެވޭތޯއެވެ.
"ތިހާ ބިރުގަންނަންޏާ އަހަރެން ކައިރިއަށް ނާންނަން ވީނު؟ "

މިރޭ އަމީޒާ އިނީ އެހެން ރޭރެއަށް ވުރެވެސް ރުޅިގަދަވެފައެވެ.
"ބިރަކުން ނޫނޭ..... އަހަރެން މިބުނީ އަދި މިކަން އަންގާނެ ކަމެއް ނެތޭ..... މިހާ އަވަހަށް އެނގުނީމަ އަހަރުމެންނަށް އުނދަގޫވާނެ...އަހަރެން ބުނީމެއްނު އަހަރެންގެ އަންހެނުންނަކީ ހަތްބޯރާއްސެއް ކަހަލަ މީހެކޭ....! "

އާޒިމް އޭތިމީތި ކިޔައިގެން އަމީޒާ މަސަލަސް ކުރެވޭތޯ ބެލި އެވެ.
"މިހާރު އަންގާ އެއްޗެއް އަންގާ.... އަހަރެންނާ އަވަހަށް ނީންނަންޏާ އަހަރެން މިކަން ކުރިއަށް ގެންދާކަށް
ބޭނުމެއްނޫން..! "

އެހެން ބުނެފައި އަމީޒާ ތެދުވިއެވެ. މިރޭ އޭނާގެ ރުޅިގަނޑު މައިތިރި ކުރާކަށް ގަސްތެއް ނުކުރެއެވެ. އަމީޒާ ކައިވެނި ކުރަން ކިޔާތާ ކިތަންމެ ދުވަހެކެވެ. އާޒިމް ހަމަ ކޮންމެވެސް އެއްޗެއް ކިޔައިގެން ސަލާމަތްވަމުން ދިޔައެވެ. ކުއްލިއަކަށް އަމީޒާ އެހާ މައްޗަށް ދުއްވާލަފާނެ ކަމަކަށް އާޒިމް ހިއެއް ވެސް ނުކުރެއެވެ.

"ދެން އަހަރެން ހޯދަން އާޒިމް އަންނަން ޖެހޭނީ، ތި ބުނާ މީހެއް ކައިރީ ބުނެފަ، އަހަންނާ ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅައިގެން. އެހެންނޫނީ ދެން އަހަރެން މަތީން ހަދާން ނައްތާލާ."
އެހެން ބުނެފައި އަމީޒާ ދާން ހިނގައިގަތެވެ. އާޒިމް ހަމަ އިނީއެވެ. ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ވެސް ނުވިސްނިފައެވެ. އަންހެނުންނަކީ އޭނާ ހީކުރި ވަރަށް ވުރެ މާ ވަރުގަދަ ބައެކެވެ.

މާޔޫސް ކަމާ އެކު އާޒިމް އައިސް އޭނާގެ އެނދުގެ މަގަތުގައި އިށީނެވެ. އޭރު އޭނާގެ އަންހެނުން އޮތީ ގަދަ ނިދީއެވެ.
އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އިރުއޮއްސުމަށްފަހު އަނބިމީހާގެ ލޮލުގެ އެތެރެ އާޒިމަށް ފެންނާނީ ވަރަށް ނަސީބު ގަދަ ރެއެއްގައެވެ. އެއީ މަދުރެއެކެވެ.

"ރަޒީނާ! "
ނިދާފައި އޮއްވައި އަންހެނުން ހޭލައްވައިލައިފިއްޔާ މުޅިރޭގެ ކަންތައް ދިޔައީއެވެ. އެހެން ނަމަވެސް އާޒިމް މިރޭ އޭނާގެ އަންހެނުން ހޭލައްވަން ބޭނުންވީ ކީއްވެ ކަމެއް ހުދު އޭނާ އަކަށް ވެސް ނޭނގެއެވެ.
މިރޭ އޭނާ އެއިނީ ވަރަށް ކަންބޮޑުވެފައެވެ. ގޮތް ހުސްވެފައެވެ. ރަޒީނާއާ އޭނާގެ ދިރިއުޅުން ރޫޅާލާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި އޭނާއަކަށް ދެއަންބަށް އިނދެގެނެއް ވެސް ނޫޅެވޭނެ އެވެ. ރަޒީނާގެ އުނދަގޫ އެއަށް ވުރެ ބޮޑުވާނެއެވެ. އެހެން ނޫނަސް އޭނާގެ އެފެންވަރެއް ވެސް ނެތެވެ.

އާޒިމް އަދިވެސް ބޭނުންވަނީ ރަޒީނާއާ އެކު ރީތި ދިރިއުޅުމެއް އުޅޭށެވެ. ރަޒީނާ ބަދަލުވާށެވެ. އޭރުން އޭނާ އެހެން ހުރިހާ ކަމެއް ދޫކޮށްލަން މަސަތްކަތް ކުރާނެއެވެ. މިރޭގެ މި ވަގުތުވެސް އޭނާ އެ މަސައްކަތް ކުރަނީ ރަޒީނާގެ ފަރާތުން އެއްބާރުލުމެއް ލިބޭތޯއެވެ.

"ރަޒީ!"
ރަޒީނާގެ ގައިގައި ފިރުމާލަމުން އާޒިމް ގޮވާލިއެވެ.
" ކިހާބޮޑު އުނދަގުލެއް.... ކޮން ޖެއްސުމެއްތަ....! "
އާޒިމްގެ އަތުގައި ޖަހާ ފޮޅުވާލަމުން ރަޒީނާ ބުންޏެވެ. އާޒިމް އަކަށް އިތުރަށް އަތް ޖައްސާލާކަށް ވެސް ނުކެރުނެވެ. ރަޒީނާ ރުޅިގަދަވެދާނެތީ އޭނާ އަބަދުވެސް ބިރުގަނެއެވެ.

އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. އަމީޒާގެ މައްސަލައިގައި އާޒިމް ކަންބޮޑުވެފަ ހުރިވަރުން އެވާހަކަ ކޮންމެވެސް މީހެއްގެ ގާތުގައި ދައްކާލަން ބޭނުން ވިއެވެ. ކޮންމެ ކޮންމެ މީހެއްގެ ގާތުގައި އެވާހަކަ ދެއްކޭކަށް ނުވެސް އޮންނާނެއެވެ. އަމީ ގާތުގައި މާގަދަ މީހަކަށް ވެގެން އުޅުނަސް ހަގީގަތުގައި ވެސް ރަޒީނާއަށް އެނގިދާނެތީ އާޒިމް ބިރުގަނެއެވެ.
އެހެން ކަމުން އޭނާއަށް އެވާހަކަ ދެއްކެން އޮތީ ހަމަ އެކަނި އެންމެ މީހެއްގެ ކައިރީގައެވެ. އެއީ އޭނާގެ ޅިޔަނެވެ. އަދި އޭނާ އެންމެ އިތުބާރު ކުރާ އޭނާގެ އެކުވެރިޔާއެވެ.

"ވަރަށް ކަޑަ ވެއްޖޭ..... ! އަމީއާ މަށާ މައްސަލަ ޖެހިއްޖެ.....!"
އާޒިމް އަޝްރަފްގެ ލަފައެއް ހޯދަން ބޭނުން ވިއެވެ.
"ސާބަހޭ.... މަ ބުނީމެންނު މަގޭ ކޮއްކޮއާ އިނދެގެން އުޅެމުން މަގޭ ކައިރީ އެހެން އަންހެނުންގެ ވާހަކަ ނުދައްކާށޭ......! "
އެވާހަކަ އަޑުއަހާކަށް އަޝްރަފަކަށް އެހާ ފަސޭހައެއް ނޫނެވެ.
"އާޒިމް ތިކަންތައްގަނޑު އަހަންނަށް އިނގޭކަން އެނގިއްޖެއްޔާ ރަޒީ އަހަންނަށް ހޭ އަރުވާލާނެ.... "
އަޝްރަފް ކަންބޮޑުވުން ފާޅުކުރިއެވެ.

" އޭނަޔާ އިނދެފިއްޔާ އަހަރެން މިހާލުގަ އުޅެން ޖެހޭނެ ވާހަކަ އަޝްރަފް ކުރިން ބުނެލިނަމަ....! "
"ހުނ.. ދެން މަގޭ ބޮލަށް ކަނޑާލަން އުޅޭނެ ކަމެއްނެތް.....މިހާރު ތިވީ ރަނގަޅަށް... ރަޒީއަށް ފަޅާނާރަނިސް ތިކަމުން ސަލާމަތްވިކަން ނަސީބެއްނު....!"
އަޝްރަފް އެހެން ބުނުމުން އާޒިމް ހިތްހަމައެއް ނުޖެހުނެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
"އަހަރެން ބޭނުމެއް ނޫނޭ... އަމީޒާއާ މައްސަލަ ޖެހޭކަށް.... އޭނަ ބުނީ އަހަރެން ކައިވެނި އަވަސް ނުކުރަންޏާ، ދެން އަހަންނާ ގުޅުމެއް ނުބާއްވާނަމޯ.... އެހެންވީމަ އަހަރެން ދެން ޖެހޭނީ އޭނަޔާ އިންނަން...!"
އާޒިމްގެ ވާހަކަ އިވުމުން އަޝްރަފް ވަރަށް ހާސްވިއެވެ.

"ތީ ދެން ކީއްކުރަން ކުރާކަމެއް އާޒިމް..... ފުރުސަތު ލިބުނު ވަގުތު އަވަހަށް ތިކަމުން ސަލާމަތްވޭ.... ކީއްކުރަން ދިރިއުޅުން ހަލާކު ކުރަން ތިއުޅެނީ.....!"
" ރަޒީއާ އިނދެގެން އަހަރެން މިއުޅެނީ ދިރިއުޅުމެއްތަ އަޅެ.....!"
އާޒިމް ނިއްކުރިމައްޗަށް ރޫއަރުވާލަމުން ވާހަކަ ދެއްކިއެވެ. އާޒިމް އެހާ ސީރިއަސް ވެފައި ހުއްޓާ އަޝްރަފަށް ދުވަހަކުވެސް ނުފެނެއެވެ.
"އަހަންނާ ދޭތެރޭ އަޝްރަފް ހަމްދަރުދީއެއް ނުވޭތަ.....! ހުދުމުޚުތާރު ވެރިކަމަކަށް ވުރެ އަހަރެންގެ ދިރިއުޅުމުގެ ހާލު ބޮޑު......!"
އާޒިމަށް ވީގޮތް ފެނުމުން ކަމުގެ ސީރިއަސްކަން އަޝްރަފަށް އިހުސާސް ކުރެވުނެވެ.

"އެހެންވިއްޔާ އަނެއްކާ ވެސް އެހެން މީހަކާ އިންނަންތަވީ.....؟ ރަޒީ ރަނގަޅު ކުރެވޭތޯ ބަލަންވީނު....! "
ރަނގަޅު ނަސޭހަތެއް ދެވޭތޯ އަޝްރަފް މަސައްކަތް ކުރިއެވެ.
އާޒިމް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.
"އިތުރު މަސައްކަތެއް ކޮށްގެން ބާއެއްޗެއް ރަނގަޅު ކުރަން އުޅުމަށް ވުރެ ރަނގަޅުވާނެ، ބްރޭންޑު ނިއު އެއްޗެއް އިތުރު ކުރިއްޔާ....!"
އެއީ އާޒިމް ދެކޭ ގޮތެވެ. އަބަދުވެސް އޭނާގެ ވިސްނުން އަޝްރަފްގެ ވިސްނުމާ ތަފާތެވެ.
"އެހެންތަ ! އަދި ނޭނގޭނު ތީގެ ގޮތެއް ވެސް، އާ ކޮންމެ އެއްޗަކީ މައްސަލައެއް ނެތް އެއްޗެއް ނޫނޭ.....!"
އަޝްރަފް ބުނެލިއެވެ. އާޒިމް ގަބޫލު ނުކުރާނެކަން އެނގިހުރެއެވެ.

"މަށަކަށް ނޭނގެ ތިކަމަށް ލަފައެއްދޭކަށް. އަހަރެން ދެކެ ކޮއްކޮ ކިތަންމެ ރުޅިއަޔަސް އަހަރެން ބޭނުމެއްނޫން އަހަރެންގެ ކޮއްކޮއަށް ދެރަ ގޮތެއް ވާކަށް. "އެވާހަކަ ދެން އިތުރަށް ކުރިއަށް ގެންދިޔުމުގެ މާނައެއް ނެތްކަން އަޝްރަފަށް ވިސްނުނެވެ.
" އަހަރެން މިއުޅެނީ ރަޒީނާ ކައިރީ އެވާހަކަ ބުނަން ނުކެރިގެން..... ކިހިނެއް ހަދާނީ.....!"
އާޒިމް އަސްލު އަޝްރަފް ކައިރިން ލަފާ ހޯދަން ބޭނުންވި ކަމަކީ އެއީއެވެ.

އާޒިމް އެހެން ބުނުމުން އަޝްރަފް މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.
"އައްޗި އަހަންނަށް އޭރުވެސް އެނގުނު ނުކެރޭނެކަން ބުނާކަށް..... ތީ ރަޒީ ކުރިމަތީ މިވަރުވެފަ ހުންނަ މީހެއް....!"
އަޝްރަފް އޭނާގެ ބޮޑުވާ އިނގިއްޔާއި ސަހާދަތް އިނގިލި ކައިރި ކޮށްލައި ބައި އިންޗި ވަރުގެ ކުޑަޖާގައެއް ދައްކާލަމުން މަލާމާތުގެ ރާގެއްގައި ބުންޏެވެ. އަޝްރަފް އެހެން ބުނިގޮތުން އާޒިމް ވަރަށް ލަދުގަތެވެ.
އެއީ ހަގީގަތަކަށް ވިއަސް އެއްވެސް ފިރިހެނަކު އަނބިމީހާ ދެކެ ބިރުގަންނަ ކަމަށް އެއްބަސް ވާކަށް ބޭނުމެއް ނުވާނެއެވެ. އަދި އަނބިދަށުވެފަ ހުންނަ ވާހަކަ އެހެން މީހުންނަށް އިނގޭކަށް ވެސް ބޭނުމެއްނުވާނެއެވެ. އެއީ އެމީހުންގެ ފިރިހެންވަންތަ ކަމަށް ހުތުރެއް ކަމުގައި އެމީހުންދެކެއެވެ.

"އައްދެ، މަ ކަޑަ ކޮށްލީތަ.....! މަ ނޫޅެން ނުކެރިގެނެއް..... މިދަނީ ބުނަން.... ބަލައްޗޭ.....!"
އެހެން ބުނެފައި އާޒިމް ހިނގައިގަތެވެ. މިއަދު އާޒިމް ވަރަށް ހިތްހަމަ ނުޖެހިއްޖެކަން އަޝްރަފަށް އެނގުނެވެ.
އާޒިމް ކޮށްފާނެ ކަމަކާ ދޭތެރޭ އަޝްރަފް ވިސްނާލަން ޖެހުނެވެ. އޭނާ ކުޑަނުވާން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ.
އަޝްރަފް ދެކެ އައި ރުޅީގައި އާޒިމް އެދިޔަ ގޮތަށް ގޮސް ގެއަށް ވަންއިރު ގޭގެ ސިޓިންގް ރޫމްގައި ޓީވީ ބަލަން ރަޒީނާ އިނެވެ.

"ރަޒީނާ!"
އާޒިމް ރަޒީނާއަށް ގޮވާލީ މީގެ ކުރީން ދުވަހަކުވެސް ގޮވާނުލާހާ ބާރަށެވެ.
" ކިހިނެއްވީ! "
ރަޒީނާ ޖަވާބު ދިނީ އެއަށް ވުރެ ބާރަށެވެ. އާޒިމްގެ އަޑުމާބާރު ވެގެން އޭނާ އައީ އަމަށަކު ރުޅިއެއްނޫނެވެ. ރަޒީނާގެ މޫނު ފެނިފައި އާޒިމް އެއްފަހަރުން މައިތިރި ވެއްޖެއެވެ. އޭނާ ފިނިވެއްޖެއެވެ.

ދެން ބުނާނެ އެއްޗެއް ނޭނގިފައި، ނުބުނެވިފައި އޭނާއަށް ހަމަ ހުރެވުނީއެވެ.
" ކިހިނެއްހޭވީ....!" ރަޒީނާ އަދި އެއަށް ވުރެވެސް ބާރަށް ބުންޏެވެ.
" މީ... މީ....! ވަރަށް ބަނޑުހައިވެއްޖެ....! "
އާޒިމަށް ބުނެވުނީ އެހެނެވެ. ވަރަށް އޯގާތެރި ރާގެއްގައި މަޑުމަޑުންނެވެ.

" މަވެސް މީނީ ވަރަށް ބަނޑުހައި ވެފައޭ..... ދޭ ހޮޓަލުން އެއްޗެއް ގެންނަން.... މަށަށް 3 ފަރާޓާ...!"
އެހެން ބުނެފައި ރަޒީނާ އެނބުރުނީ ޓީވީއާ ދިމާއަށެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އާޒިމް އިރުކޮޅަކު ހުއްޓެވެ. އޭނާގެ ނިކަމެތި ކަމާދޭތެރޭ މިއަދު ހުދު އޭނާވެސް ވިސްނާލަން ޖެހިއްޖެއެވެ.
ގޮތް ހުސްވެފައިވާ ފަދަ ގޮތަކަށް އޭނާ ބޭރަށް ނުކުންނަން ހިނގައިގަތެވެ. ހަމަ ހިނގައިގަނެފައި އަނެއްކާވެސް އޭނާ ހުއްޓިއްޖެއެވެ. އޭނާ އަކީ އަޝްރަފް މެން އެހީކުރާ ވަރުގެ ފިނޑި މީހަކަށް ވާކަށް ބޭނުމެއް ނޫނެވެ.

" ރަޒީނާ..! "
ވަރަށް ހިތްވަރުކޮށްފައި އާޒިމް ގޮވާލިއެވެ. އޭރު އާޒިމްގެ ހިތް ހީވަނީ މޭ ފޫއަޅާފައި ބޭރަށް ނުކުންނަން އުޅޭހެނެވެ. ހަމަ ރަޒީނާ ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. އެކަމަކުވެސް މިއަދު އޭނާ ހިތްވަރުގަދަކަން ސާބިތު ކޮށްދޭން ބޭނުމެވެ.
" ރަޒީނާ..! "
ހިސާބަކަށް ތުރުތުރު އެޅުމެއް ވެސް އޭނާގެ އަޑުގައި އެބަހުއްޓެވެ. އެހެންނަމަވެސް އެއަޑަށް ބާރުލަމުން އޭނާ އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ.
ރަޒީނާ އާޒިމާ ދިމާއަށް ބަލަން ހުރީ ހިސާބަކަށް ހައިރާންވެފައެވެ. މިއަދު އާޒިމް އެއުޅެނީ އާވައްތަރަކަށެވެ.

"ރަޒީނާ......! އަހަރެން މިއުޅެނީ.... ދެއަންބަށް މީހަކާ އިންނަން.....!"
އެންމެ ފަހުން އޭނާއަށް އެހެން ބުނެވިއްޖެއެވެ. އިވުނު އަޑާއެކު ލިބުނު ޝޮކުގައި ހައިރާންވެ އަނގަހުޅުވިފައި ރަޒީނާއަށް ހުރެވުނީއެވެ. ގަބޫލު ނުކުރެވިފައެވެ.

"މީ ސަމާސައެއް ނޫން....ދޮގެއް ނޫން...މީ ތެދެއް، މީހަގީގަތެއް.....!"
އަވަސްއަވަހަށް އެއްނޭވައިން އާޒިމް އެހުރިހާއެއްޗެއް ކިޔާލިއެވެ.
ގަބުވެ، ގުޑިލަން ވެސް ނޭނގިފައި ރަޒީނާއަށް ހުރެވުނީއެވެ.
(ނުނިމޭ)
infinity loading...
×
DB released 01.