އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ފޯމް ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމް ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ރައީސް ކަމަށް ވާދަކުރެއްވުމަށް އެދި މިއަދު މެންދުރު ޔާމިން ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

އިލްޝަންސް ކޮމިޝަނަށް ޔާމިން ހުށަހެޅުއްވި ފޯމް ފައިލް ކުރުމަށް ފަހު އެ ކޮމިޝަނުގެ މެންބަރުނާ އެކު ޕީޕީއެމްގެ ލީޑަޝިޕުން ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިހާބާ ގުޅޭ ބައެއް ކަންތައްކުގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ރީ ރަޖިސްޓްރޭޝަން ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

އަދި އިންތިހާބުގެ ތައްޔާރީތައް ކުރިއަށްދާ އިރު ޕީޕީއެމްގެ ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަކޮށް އެ ކަންބޮޑުވުންތަކަށް ހައްލުގެނެސް ދިނުމަށް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ އިންސާފްވެރިކަމާއި ހަމަހަމަކަމާ އެކު އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ޕީޕީއެމް ރިޔާސީ ކެންޑިޑޭޓުގެ ފޯމް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދިޔައިރު އެ ޕާޓީގެ ކައުންސިލް މެންބަރުންނާއި އަދި އާންމު ގިނަ މެންބަރުން ވަނީ އެ ސަރައްދަށް ޖަމާވެފަ އެވެ.

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިނިވަން ކެންޑިޑޭޓެއްގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޯމް ހުށަހަޅުއްވާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ހުށަހަޅާފަ އެވެ. އެހެން ކަމުން ރިޔާސީ އިންތިހާބުގައި މިއަހަރު ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވި ހުރިހާ ފާރާތްތަކުން މިވަނީ ފޯމް ހުށަހަޅުއްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު