އަޅުގަނޑުގެ ރައީސް ކަމުގައި ހަމައެކަނި ވަޒީފާ ދޭނީ ކޯލިޝަންގެ މީހުންނަށް އެކަންޏެއްނޫން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުގެ ވަޒީފާތައް ދޭނީ ހަމައެކަނި ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަށް އެކަނި ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް އިއުލާން ކުރުމަށް ޓަކައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ވަޒީފާދޭނީ ގާބިލު، ހިންގުންތެރި ދިވެހި ގައުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ ބޭފުޅުންނަށް ކަމަށެވެ.

"އަޅުގަނޑުގެ ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމުގައި އަޅުގަނޑު ވަޒީފާދޭނީ ކުރިން ވެސް ދަންނަވަމުން ދިޔަ ފަދައިން ހަމައެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ޕާޓީތަކުގައި ހިމެނޭ ބޭފުޅުންނަށް އެކަންޏެއް ނޫން. މި ގައުމަށް ތެދުވެރި، އަމާނާތްތެރި އިހުލާސްތެރި ގާބިލު މަސައްކަތްތަކެއް ކޮށްދެއްވާނެ ބޭފުޅުންނަށް އަޅުގަނޑުމެން ވަޒީފާދޭނަން. އަދި އަޅުގަނޑުގެ ސަރުކާރެއްގައި ވަޒީފާ ދޭނީ ކޮރޮޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ ބޭފުޅަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީފާ ދޭނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ދިވެހިރާއްޖެ މިހާރު ވަނީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވަރަށް ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ. އެހެން ކަމުން އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ ވެއްޓިފައިވާ ފުން އަނދަވަޅުން ސަލާމަތް ކުރުމަށް އެމަނިކުފާނުގެ ސަރުކާރެއްގައި އިޖުތިމާޢީ ދާއިރާގައްޔާއި އިގްތިސާދީ ދާއިރާގައި ހަރަކާތްތެރި ވާނީ ކަމުގެ ތަޖުރިބާކާރުން ކަމަށެވެ.

ގާސިމްގެ ރަނިންމޭޓަކަށް ޑރ. ހަސަން ސައީދު އިހްތިޔާރު ކުރެއްވި ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާންގެ ރަނިންމޭޓް ހޮއްވެވީ ވަރަށް ޑިމޮކުރެޓިކްކޮށް ކަމަށެވެ. އެގޮތުން ރަނިންމޭޓް ހޮވުމަށް ޓަކައި ޖުމްހޫރީ ޕާޓީގެ ހިންގާ ކޮމެޓީ އަށް ތިން ބޭފުޅެއްގެ ނަން ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން އެންމެ ބޭފުޅެއް ފިޔަވައި ހުރިހާ ބޭފުޅުން ތާއިދު ކުރެއްވީ ޑރ. ހަސަން ސައީދު އެމަނިކުފާނުގެ ރަނިންމޭޓަކަށް ގެނައުމަށް ކަމަށެވެ.

ނަވަވެސް އެ ޕާޓީގެ ކޮމެޓީ އަށް ހުށަހެޅުއްވި އަނެއް ދެ ބޭފުޅުންގެ ނަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.

ޑރ. ހަސަން ސައީދާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޑރ. ހަސަން އަކީ ވަރަށް އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ޑރ. ހަސަން އަކީ ހަވާލު ކުރާ ކޮންމެ މަސައްކަތެއް ވެސް ވަރަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާ ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ޑރ. ހަސަން އަކީ ރާއްޖެ އަށް ޕާޓީ ސިސްޓަމް ގެނައުމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށެވެ.

މިރޭގެ ޖަލްސާގައި ވެސް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއަކަށް ވެސް ޖުމްހޫރީ ޕާޓީއާ ގުޅިގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީން އެހެން ޕާޓީއެއްގެ ފަހަތަށް ދާން ޖެހުނު ނަމަވެސް އެ ޕާޓީއަކީ ގައުމަށް ހެޔޮއެދޭ ޕާޓީއެއް ކަމަށްވާ ނަމަ ޖުމްހޫރީ ޕާޓީން އެ ޕާޓއަކާ ގުޅޭނެ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޖުމްހޫރީ ޕާޓީގެ ކުރީގެ ސަފުން ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުން ފެނިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.

މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީ އާއި ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި ދިވެހި ގައުމީ ޕާޓީގެ އިސްވެރިން ވަނީ ބައިވެރިވަފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު