އެމްޑީޕީން އެއްބުރޭ ކިޔަނީ ދެވަނަ ބުރަކަށް ގޮސްފި ނަމަ އަލްވަދާއުކިޔަން ޖެހޭނެކަން އެނގޭތީ: ޔާމީން

އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ "އެއްބުރުން" ކަމަށް ކިޔަނީ ދެވަނަ ބުރަކަށް ގޮސްފި ނަމަ އިންތިހާބުން އަލްވަދާއު ކިޔަން ޖެހޭނެ ކަން އެނގޭތީ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިބުކުރާނެ ކަމަށް ކިޔަނީ ފުރަތަމަ ބުރުން ކާމިޔާބު ނުވެއްޖެ ނަމަ އިންތިހާބުގައި މުޅިން އަލްވަދާއުކިޔަން ޖެހޭކަން އެނގޭތީ ކަމަށެވެ.

"އެއްގޮތަކަށް ވެސް ކަށަވަރުކަމެއް އޮތީއެއް ނޫން އެއް ވަނަ ބުރުން އެ ބޭފުޅުންނަށް ކާމިިޔާބުނުވާނެކަން. އެ ބޭފުޅުން އެ ވިދާޅުވާ ބަހުގެ މުރާދަކީ އެއްވަނަ ބުރުން ތިމަންނަމެންނަށް ކާމިޔާބުނުކުރެވިއްޖެ ނަމަ ދެވަނަ ބުރުގައި އަދި އަމުދުން ތިމަންނަމެންނަށް ފުރުސަތެއް ނެތޭ އެ ވިދާޅުވަނީ،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތްތަނެއް މިހާރު ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ނުފެނޭ ތި ބޮޑު ތާއީދެއް ބޮޑެތި ސިޓީތަކުގެ ތެރެއިން. މާލޭގައި ޖަލްސާއެއް ކުރާ ކަމަށްވަންޏާ ރިސޯސް ހުރީމަ އެކިތަންތަނުން މީހުން ގެނެސްގެން ޖަލްސާކުރެވިދާނެ. އެކަމަކު ކޮބައިތޯ އަޅުގަނޑުމެންނަށް ނުފެނޭ ފުވައްމުލަކަށް ވަޑައިގަތަސް އައްޑު އަށް ވަޑައިގަތަސް ތިޔަ ވިދާޅުވާ ބޮޑު ތާއީދެއް. ކިތަން އޮޑިފަހަރުގައި މީހުން ގޮވައިގެންތޯ ފުރަތަމަ ޖަލްސާއެއްކުރަން ތަނަކަށް ވަޑައިގަންނަވަނީ،" އޭނާ ވިދާޅުވި އެވެ. "ތިޔަ ވިދާޅުވީ ތާއީދެއް އަޅުގަނޑުމެންނަށް ނުފެނޭ ގްރައުންޑް ލެވެލްއަކު."

ޔާމީން ވިދާޅުވީ އެމްޑީޕީގައި 40 ހާހެއްހާ މެމްބަރުން ތިބި ކަމަށް ބުނާއިރު "އެއީ ސައްހަ އެއްޗެއްކަން ދެނެހުރީ ކާކުތޯ" ކަމަށެވެ.

"އިލެކްޝަނުން ސައްހަ މެމްބަރުންކަން ބެލޭނެ އެއްވެސް ގޮތެއް ނެތް އިނގިލީގެ ނިޝާން ނުޖަހާ އެއްޗެއްގައި. އެހެންވީމާ ކުރިންސުރެ އައިސް ހުރި ފޯމްތަކެއް ސައްހަ ފޯމްތަކެއް ކަމަށް ބަލައިގަންނަނީ. އެއީ ގާނޫނު އޮތީ އެގޮތަށް ކަމަށްވާތީ. އެކަމަކު ޕީޕީއެމްއިން ފަހުރުވެރިކަމާ އެކު މިބުނަނީ އެ ގާނޫނު އައިސްސުރެން ނުވަތަ އިލެކްޝަނުން ގަވައިދު ބަދަލުކުރެއްވީސުރެން އަޅުގަނޑުމެންގެ ޕާޓީގައި އެހެރީ ސައްހަ މެމްބަރުންނޭ. ފިންގަ ޕްރިންޓް ޖަހާފައޭ އެ ހުރީ،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ ޕާޓީން ހުށަހެޅި ފޯމްތަކެއް ހާހުން ދެހާހުން އެއީ ސައްހަ ނޫން އެއްޗަކަށްވެގެން ޕޮލިސްއަށް އަދި އޭސީސީއަކަށް ގެންގޮސްފައެއްނުވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް އޮތް ތާއީދު ގަބޫލު ޕާޓީގައި ތިބި ސައްހަ މެމްބަރުންގެ އަދަދުން. ޕާޓީގައި ތިބި ސައްހަ މެމްބަރުންގެ އަދަދުން ބަލާކަމަށްވަންޏާ އެމްޑީޕީން މިއަދު ވެސް މީޑިއަށް އަރާވަޑައިގެން ވިދާޅުވޭ އިނގިލީގެ ނިޝާން ޖަހާފައި ތިބީ މިތައް މެމްބަރުންނޭ. ވިދާޅެއްނުވެވޭނެ،" އޭނާ ވިދާޅުވި އެވެ. "އެ މީހުންގެ ނުތިބޭނެ އިނގިލީގެ ނިޝާން ޖަހާފައި 5،000 މެމްބަރުން ވެސް."

ޔާމީން ވިދާޅުވީ މިހާރު ޕާޓީތަކަށް މީހުން ވަންނަ ނިސްބަތުން ބަލާއިރު އެންމެ ބޮޑު އަދަދެއް ވަންނަމުންދަނީ ޕީޕީއެމްއަށް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެމްޑީޕީގައި އެ ވިދާޅުވާ 40،000 މެމްބަރުން ތިބި ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ 40،000 މެމްބަރުން ތިބި ކަމަށްވަންޏާ އިންތިހާބުތަކުގެ ތެރެއިން އެ ތާއީދު ފެންނަން ޖެހޭ ކަމަށާއި ނަމަވެސް އެ ތާއީދެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ އެ ބޭފުޅުން އެ ވިދާޅުވަނީ އެއްވަނަ ބުރުން ތިމަންނަ މެންނަށް ]ވެރިކަން[ ނުލިބިއްޖެ ނަމަ ދެވަނަ ބުރުން އަދި އަމުދުން ތިމަންނަމެންނަށް ނުލިބޭނޭ. ]އެއްބުރަކީ[އެމާނައިގަ ވިދާޅުވާ އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ކެމްޕޭން ތެރޭގައި އެއް ޕާޓީ އަނެއް ޕާޓީ ވަރަށް ބޮޑަށް ކޯޅޭއިރު ދެވަނަ ބުރަކަށް ގޮސްފި ނަމަ އެއްގަލަކަށް އަރާފާނެތޯ ދެންނެވުމުން ޔާމީން ވިދާޅުވީ "މިތަނުން ގިނަ ޕާޓީތައް ދެވަނަ ބުރުގައި އެއްގަލަކަށް އެރުން ކައިރި" ކަމަށެވެ.

"ދެން ސަރުކާރުން ހިންގާ ކޯލިޝަނުން، އެވަރުގެ ކޯލިޝަނެއްނޫން ދެއްތޯއެއީ. އަޑު އަހާ މީހުންނަށް ވެސް ހިނގާ މީގެ ފުރިހަމަ މަންޒަރު ދައްކަވަން. އޭގެ ތެރޭގައި އަދަދެއް ހިމެނޭ ބޮޑު ބަޔަކަށް އޮތީ އަދާލަތު ]އެކަނި[" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައީސް މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައި ސިޔާސީ ޕާޓީގައި ބުނާ މިންވަރަށް މެމްބަރުންގެ އަދަދު ހަމަނުވާ ކަމަށެވެ. އަދި ގައުމީ ޕާޓީގައި މިހާރު ވެސް ތިންހާސް މީހުނެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އޮތީ ޑީއާރުޕީގައި ތިބި މައިގަނޑު މީހުން ތިބީ ޕީޕީއެމްގައި. އަޅުގަނޑެއް ގަބޫލެއް ނުކުރަން ޑީއާރުޕީގައި އެވިދާޅުވާ އަދަދުތައް ސައްހަ އަދަދަށް ވެގެން ތިބިކަމަށްވަންޏާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށްގެން ކާމިޔާބުނުވާނެ ކަމަށް. އެހެންވީމާ ހަގީގަތުގައި ރިޔާސީ އިންތިހާބުގައި އެ ޕާޓީތަކުގައި ތިބި އަދަދަށް އެ ކެންޑިޑޭޓުންނަށް ވޯޓުލާނެ ކަމަށް އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕޭން ތެރޭގައި ޖަޒުބާތުގައި ޖެހިގެން ބައެއް ބޭފުޅުން ލައިން ހުރަސްކުރާއިރު މާބޮޑަށް ޒާތީވެގެން ބައެއް ކަހަލަ ވާހަކަތައް ވިދާޅުވުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެއީ ދެވަނަ ބުރުގައި އަދި އޭގެ ފަހުން ވެސް އެއްކޮށް އުޅެން ތިބި ބަޔަކަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް އަދި އެބައޮތް. އެހެންވީމަ ލައިން ކްރޮސް ނުކުރުން އެންމެ ރަނގަޅީ." އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކިތަންމެ "ހަނި ފުރުސަތަކުން" ނަމަވެސް ޕީޕީއެމް އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މައްސަލަ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މައްސަލަ އިންތިހާބުގެ ކުރިން ނުނިމިއްޖެ ނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އޭނާ މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ ދިވެހި ހުރިހާ ރައްޔިތުން ގަބޫލުކުރޭ ކުރިމަތިލާ މީހުންނަކީ ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ބައެއް ކަމަށްވާން ޖެހޭނެ ކަމަށް. އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންތޯ ބަލާއިރު ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެއްވޭނެ. އެއީ އެމަނިކުފާނަށް އަންނާނެ އެއް އަހަރަށް ވުރެ ދިގު ޖީނާއީ ހުކުމެއް. އެމަނިކުފާނު ކުރައްވާފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ،" ޔާމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު