އައިއެމްއެފުން ރާއްޖެ ސަސްޕެންޑް ކުރިކަން އަންގާފައި ނުވާ ކަމަށް ސަރުކާރުން ބުނެފި

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ދިވެހި ރާއްޖެ ސަސްޕެންޑް ކުރިކަން ސަރުކާރަށް އަނގާފައި ނުވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "އެއްވެސް ސިފައެއްގައި" އައިއެފްއެމުން ދިވެހި ރާއްޖެ ސަސްޕެންޑް ކުރިކަން އަންގާފައި ނުވާކަމަށެވެ.


"ސަސްޕެންޑް ކުރިކަމެއް އަޅުގަނޑުމެންނަކަށް އެއްވެސް ސިފައެއްގައި ނާންގާ. މާލިއްޔަތު ކޮމެޓީން ވިދާޅުވާ އެއްޗަކާ މެދު އަޅުގަނޑަށް އެއްޗެކޭ ބުނާކަށް ނޭނގޭ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއް،" އައްސަދު ވިދާޅުވި އެވެ.


އިއްޔެ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެގައްގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ އައިއެމްއެފުން ދިވެހި ރާއްޖެ ސަސްޕެންޑު ކުރީ އެ ފަންޑާއި ދިވެހި ރާއްޖެ އާ ދެމެދުވެފައިވާ އެއްބަސްވުންތަކުގައި ސަރުކާރުގެ ޕޮލިސީ ލެވެލުގައި ނިންމަން ހުރި ބައެއް ކަންތައްތައް ނުނިމި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުން ކުރަން ޖެހޭ ކަންތައްތައް އެ މަޖިލީހުން ކުރަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.


"ރައްޔިތުން މަޖިލީހުގެ ފަރާތުން ކުރަން ޖެހޭ ކަންތަތައް އަޅުގަނޑުމެން މިދަނީ ކުރަމުން. މަޖިލީހުން ޖީއެސްޓީގެ ބިލުތައް ވެސް ވަނީ ފާސްކޮށްދީފައި. ބިޒްނަސް ޓެކްސްގެ ބިލު ވެސް ނިމުންވަރަށް ގާތުގައި ވަނީ. ބޭންކިން ބިލު ވެސް އެންމެ ޖަލްސާއެއް ކުރެވުނަސް ނިންމާލެވޭނެ. މަޖިލީހާ ދެކޮޅަށް ބޯޅަ އައިސްފައި އޮތް ކަމެއްވެއްޖިއްޔާ އެކަން އެ ވަނީ ނިމިފައި ނޫނީ ނިމުމާ ވަރަށް ގާތުގައި ވަނީ. ސަރުކާރުގެ ޕޮލިސީން ނިންމަންވާ ބައެއްކަންތައްތައް ނުނިމި ހުރުމުން ވީކަމެކޭ އަޅުގަނޑު ދަންނަވާނީ،" ނާޒިމު ވިދާޅުވި އެވެ.


އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު މޫސާ މަނިކު މިއަދު ވިދާޅުވީ އައިއެމްއެފުން ދިވެހި ރާއްޖެ ސަސްޕެންޑު ކުރިކަމަށް ބުނުމުގެ އެއްވެސް ހައިސިއްޔަތެއް މާލިއްޔަތު ކޮމެޓީގެ މުޤައްރިރަށް ނޯންނާނެ ކަމަށެވެ. އަދި ދިވެހި ރާއްޖެ ސަސްޕެންޑު ކޮށްފި ނަމަ އެކަން ރަސްމީކޮށް އައިއެމްއެފުން އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ރައްޔިތުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އައިއެމްއެފުން ދިވެހި ރާއްޖެ ސަސްޕެންޑު ކުރިކަމަށް ބުނުމުގެ އެއްވެސް ހައިސިއްޔަތެއް މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ނޯންނާނެ. އައިއެމްއެފުން ދިވެހި ރާއްޖެ ސަސްޕެންޑު ކުރި ނަމަ އެ މީހުން އެކަން ރަސްމީކޮށް އިއުލާނު ކުރާނެ. އައި އެމްއެފުން ސަސްޕެންޑް ކުރި ކަމަށް ބުނުމުގެ އެއްވެސް ޖާގައެއްނެތް،" މޫސާ ވިދާޅުވި އެވެ.


ޑީއާރުޕީގެ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ އައިއެމްފް އިން ދިވެހި ރާއްޖެ ސަސްޕެންޑް ކުރީ ރައީސް ނަޝީދުގެ ނާގާބިލުކަމުން ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީސް އޮތީ ވެރިކަން ކުރާ އެމްޑީޕީގެ ބާރުދަށުގައި ނޫންކަން ސަރުކާރަށް އެނގެން ޖެހޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރަން ޖެހޭނީ އިދިކޮޅު ޕާޓީތަކުގެ އަތުގައި މަޖިލިސް އޮންނަ އިރު މަސައްކަތްކުރާ ގޮތަށް ކަމަށެވެ. އެމްއެފްއިން ދިވެހި ރާއްޖެ ސަންޕެންޑް ކުރި ކުރުމަކީ ރައްޔިތުން މަޖިލުގެ ސަބަބުންވީ ކަމެއް ކަމަށް ނޫން ކަމަށާއި ސަސްޕެންޑް ވީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށެވެ.


"މި ސަރުކާރަށް އެނގެން ޖެހޭނެ މަޖިލިސް އޮތީ އެ ޕާޓީ (އެމްޑީޕީ) އަތުގައި ނޫންކަން. އެހެން ޕާޓީއެއް އަތުގައިކަން. އެހެންވީމާ އެމީހުން ސިޔާސީ ގޮތުން މަސައްކަތް ކުރަން ޖެހޭނީ އިދިކޮޅު ޕާޓީ އަތުގައި މަޖިލިސް އޮންނަ އިރު މަސައްކަތްކުރާ ގޮތަށް. އައިއެމްއެފުން ސަސްޕެންޑު ކުރި ކުރުން އެއީ މަޖިލީހާ ގުޅޭކަމެއް ނޫން. އެއީ މުހައްމަދު ނަޝީދަށް އެކަން ކުރަން ނޭނގިގެން އެހެން އެވީ،" އުމަރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު