ގައުމީ އިއްތިހާދު ޕާޓީގެ ފޯމްތަކުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ގައުމީ އިއްތިހާދު ޕާޓީގައި ރަޖިސްޓްރީކޮށްދިނުމަށް އެދި އިލެކްޝަނަށް ހުށަހެޅި ފޯމުތަކެއްގައި މަރުވެފައި ތިބި މީހުންގެ ނަންތައް ހިމެނޭ ފޯމުތަކެއް ހުށަހެޅި ކަމަށް ބުނާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒަށް ފޮނުވާފައިވާ ސިޓީއެއްގައި 11 މީހެއްގެ ނަމާއި އެޑްރެސް ފާހަގަކޮށް ބުނެފައި ވަނީ އެ ނަންތަކަކީ މަރުވެފައިވާ މީހުންގެ ނަންތަކެއް ކަމަށެވެ. އަދި އެފޯމުތަކުގައި ޖިނާއީ ކުށްތައް އެކުލެވިގެންވާ ފޯމުތަކެއް ކަމަށް އެ ކޮމިޝަނުން ދެކޭތީ އެ މައްސަލަ ބަލައިދިނުމަށް ވަނީ އިލެކްޝަނުން އެދިފަ އެވެ.

އިލެކްޝަނުން ވަނީ އެ ފޯމުތަކުގެ އަސްލު ވެސް ފުލުހުންނަށް ފޮނުވާފަ އެވެ.

މަރުވެފައި ތިބި މީހުންގެ ނަންތައް އިލެކްޝަނަށް ހުށަހެޅި ފޯމުތަކެއްގައި ހުރި މައްސަލަ ފެންމަތިވި އިރު ގިނަ ބަޔަކަށް ނޭނގި އެ މީހުންގެ ނަމުގައި ގައުމީ އިއްތިހާދު ޕާޓީ އަށް ވަނުމަށް އެދޭ ފޯމްގައި ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު