ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް މަޖިލީހުން މިއަދު ރުހުން ނުލިބުނު އައިޝަތު އާޒިމާ ޝުކޫރު ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން "ސަން"އަށް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެ އޮފީހުގެ މީޑިއާ ސެކަރެޓަރީ މަސްއޫދު އިމާދު ވިދާޅުވި މިއަދު 3:45ގައި އާޒިމާ ބަންޑަރަ ނައިބު ކަމުގެ ހުވާ ކުރައްވާފައިވާ ކަަމަށެވެ.
ބަންޑާރަ ނައިބުކަމުގެ މަގާމަށް އާޒިމާ އަނެއްކާ ވެސް އައްޔަން ކުރެއްވި އިރު، އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބެވެ. ނަމަވެސް އޭނާ އަމިއްލަފުޅަށް ބޭނުންފުޅު ވެގެން ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް ބަދަލުވެވަޑައިގެންނެވި އެވެ.
އާޒިމާ އަށް މަޖިލީހުގެ ރުހުން އޮތްތޯ ބަލަން ނެގި ވޯޓުގައި ޕީޕީއެމްގެ ބައެއް މެންބަރުން ބައިވެރިނުވި ސަބަބާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ވިދާޅުވެފައި ވަނީ އާޒިމާ އަށް ރުހުން އޮތްތޯ ބަލަން ނެގި ވޯޓުގައި އެ ޕާޓީ ބައިވެރި ނުވީ ބަންޑާރަ ނާއިބުގެ މަގާމު ނޫން އެހެން މަގާމަކަށް އޭނާ ހަމަޖެއްސެވުމުން ކަމަށެވެ.