ޕީޕީއެމް ސަރުކާރެއްގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމާ ގުޅޭ ވާހަކައެއް ނުދައްކަން: މައުމޫނު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމެއްގައި އިންޑިއާގެ ޖީއެމްއާރު ގްރޫޕުން އާ ޕްރޮޕޯސަލަކާ އެކު އަތުވެއްޖެ ނަމަ މަޝްވަރާ ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވި ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުގައި ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.

އިންޑިޔާ އަށާއި މެލޭޝިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖީއެމްއާރުގެ މައްސަލައިގައި އެމަނިކުފާނު ހިޔާލެއް ފާޅުކުރައްވަފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އެކަހަކަ އެއްޗެއް ނުބުނަން. އެނގިވަޑައިގަންނަވާނެ ނޫސްތަކަށް ދޭ އިންޓަވިއުތަކުގައި ދެކެވޭ ވާހަކަތައް އެކި ނޫހުން ޖަހާނީ އެކި ގޮތަށް. އެހެންވީމާ އަޅުގަނޑު އެއްވެސް ހާލެއްގައި ނުބުނަން ޕީޕީއެމްގެ ވެރިކަމެއްގައި ޖީއެމްއާރަށް އެއާޕޯޓު ދޭނެމެކޭ. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ. ހަގީގަތުގައި އަޅުގަނޑު އެއްވެސް ހިޔާލެއް ފާޅެއް ނުވެސް ކުރަން. އެމީހުން އެމީހުންގެ ޝުއޫރުތައް ފާޅުކުރީ. ދެން އަޅުގަނޑު އަޑު އަހަން އިނީ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު އެމޭރުމުން ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ވެވޭ އެއްބަސްވުންތަކަށް ކަމޭހިތައި ދިވެހި ރައްޔިތުނަށް ގެއްލުންނުވާނެ ގޮތަށް އިންވެސްޓްމަންޓުތައް ހިމާޔަތްކޮށްދޭނެ ވާހަކަ ކަމަށެވެ.

"އަޅުގަނޑު ބުނާހާ ވާހަކައަކީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ކުރާ އެގްރިމެންޓްތަކަށް ކަމޭހިތާނެ ބަޔެކޭ. ބޭރުގެ އިންވެސްޓަރަކާ އެކީގައި އެއްބެސްވުމެއް ވެވިއްޖެ ނަމަ އެ އިންވެސްޓުމަންޓެއް ހިމާޔަތްކުރަން ރާއްޖޭގެ ގަނޫނާއި ގަވާއިދުތަންދޭ ގޮތެއްގެ މަތީން، ދިވެހި ރައްޔިތުނަށް ގެއްލުމެއް ނުވާނެ ގޮތެއްގެ މަތީން، އިންވެސްޓްމަންޓްތައް އަޅުގަނޑުމެން ހިމާޔަތްކޮށްދޭ ނަމޭ. އެއީ ވަކި އިންޑިޔާ އަށް، ނުވަތަ އެހެން ވަކި ގައުމެއްގެ ބަޔަކަށް ކަމެއް ކޮށްދޭން ބުނީކީ ނޫން،" މައުމޫން ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ޒުވާނުނަށް ވަރަށް ބޮޑު ތާއީދެއް ލިބެމުންދާ ކަމަށާއި ޕީޕީއެމްގެ ޒުވާނުން ކެމްޕެއިންގައި ހަރަކާތްތެރިވަމުން ދަނީ ގާނޫނާއި ގަވާދާއި ހިލާފުނުވާ ގޮތުގެ މަތީން ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި އިންޑިއާގެ ޖީއެމްއާރްގްރޫޕުން އާ ޕްރޮޕޯސަލަކާ އެކު އަތުވެއްޖެ ނަމަ ވާހަކަ ދައްކާނެ ކަމަށް އިންޑިއާގެ ދަ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ހަމަ އެހެންމެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކުރުމަށް ވެފައި އޮތް އެއްބަސްވުން އުވާލާފައި ވަނީ ހިތްހަމަ ޖެހޭ ގޮތަކަށް ނޫން އިންޑިއާ "ދަ ހިންދޫ" ނޫހުގައި އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު