ދިވެހި ލީގް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކުލަބާއި ވީބީ އައްޑޫ އެފްސީ ކުޅުނު މެޗް 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެން ނިމިއްޖެ އެވެ.
މިއަދު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވީބީންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ވީބީއަށް ލީޑް ނަގައިދިނީ ޝަންވީލް ގާސިމް (ބޮންޑާ) އެވެ. އަދި މެޗުގައި މަހިބަދޫން ވީބީއާ އެއްވަރު ކުރި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް ޕްރިންސް އެވެ.
ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި ވާދަކުރާނީ، ދިވެހި ލީގުގެ ދެވަނަ ބުރު ނިމުނު އިރު 12 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ދެވަނަ ޑިވިޝަންގެ ޗެމްޕިއަން، ސްޕޯޓްސް ކްލަބް މެކާނޯ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، މާދަމާ ހަވީރު ގަލޮޅު ދަނޑުގަ އެވެ.
ދިވެހި ލީގުގެ ކޮލިފިކޭޝަން މެޗުތައް ގެންދާނީ ލީގު އުސޫލުންނެވެ. އެގޮތުން އެ ހަތަރު ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ލީގަށް ކޮލިފައިވާނެ އެވެ. އަދި އަނެއް ދެޓީމް ޖެހޭނީ އަންނަ ސީޒަންގައި ދެވަނަ ޑިވިޝަންގައި ވާދަކުރާށެވެ.
ދިވެހި ލީގު 2014 ކޮލިފިކޭޝަންގައި ޖުމުލަ ހަމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފަހު ދެމެޗު ފިޔަވައި ހުރިހާ މެޗުތަކެއްވެސް ކުޅޭނީ ހަވީރު 4:00ގަ އެވެ. ކޮލިފިކޭޝަންގެ ފަހު ދެމެޗު ކުޅޭނީ ރޭގަނޑު 10:00ގަ އެވެ.