ޑީއާރުޕީގެ ނައިބު ލީޑަރު އިލްހާމް ގެމަނަފުށީ ސްކޫލް ކުދިންނަށް އިނާމުތަކެއް ހަދިޔާ ކުރައްވައިފި

ޑީއާރުޕީގެ ނައިބު ލީޑަރު ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، ގެމަނަފުށީ މަދަރުސާގެ ކުދިންނަށް ހަދިޔާ ކުރެއްވި އިނާމުތައް އެ ރަށު ސްކޫލާ މިއަދު ހަވާލުކޮށްފި އެވެ.


ގެމަނަފުށިން ވާހަކަ ދެއްކި އެ ރަށު އާންމު ރައްޔިތަކު މިއަދު ބުނީ އިލްހާމުގެ އިނާމު ކަނޑައަޅުއްވާފައި ވަނީ ކޮންމެ ގުރޭޑަކުން ވެސް އެއް ވަނަ ދަރިވަރަށް ކަމަށެވެ. އެގޮތުން ގްރޭޑް އެކަކުން ގެރޭޑް ފަހެއްގެ ދަރިވަރުންގެ ތެރެއިން ކޮންމެ ގްރޭޑަކުން ވެސް އެއް ވަނަ އަށް އައި ކުއްޖާ އަށް އެއް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް އިލްހާމް ދެއްވާފައިވާ ކަމަށެވެ. އަދި ގްރޭޑް ހަޔަކުން ގްރޭޑް 10 އެއްގެ ދަރިވަރުންގެ ތެރެއިން އެ ގްރޭޑަކުން އެއް ވަނަ އަށް އައި ކުދިންނަށް ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ހަދިޔާ ކުރެއްވި ކަމަށް ވެސް އޭނާ ބުންޏެވެ.


 


އެ އިނާމުތައް އެ ސްކޫލް ކުދިންނާ ހަވާލުކޮށްފައި ވަނީ ގެމަނަފުށީ ޔުނިފައިޑް އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީ (ގައިޑްސް)ގެ ފަރާތުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގަ އެވެ.


ގައިޑްސްގެ އިސްވެރިއެއް ކަމުގައިވާ އިލްހާމުގެ ބޭބެ މުހައްމަދު ޝިޔާމް މިއަދު ވިދާޅުވީ ސްކޫލް ޕްރައިޒްޑޭގައި އެ އިނާމްތައް ހަވާލުކުރުމަށް މަސައްކަތް ކުރިކަމުގައި ވިއަސް އިދިކޮޅު ޕާޓީއެއްގެ ލީޑަރަކު ދީފައިވާ ތަކެތިކަމުން އެ ތަކެތި ޕްރައިޒްޑޭގައި ހަވާލު ކުރުމަށް އެ ރަށު ސްކޫލުން ހުއްދަ ނުދިން ކަމަށެވެ.


"އަޅުގަނޑުމެން އުޅުނީ ސްކޫލްގެ ޕްރައިޒްޑޭގައި ސްކޫލް ތެރެއިން [އެ އިނާމްތައް] ދޭން. އެހެންނަވެސް ސިޔާސީ ހަލަބޮލިކަމާ ހުރެ ސްކޫލުގެ ވެރިން ބޭނުންފުޅެއް ނުވި އިދިކޮޅު ޕާޓީއެއްގެ ނައިބު ލީޑަރަކު ހަދިޔާ ކުރެއްވި ސާމާނު އެ މީހުންގެ ޕްރައިޒްޑޭގެ ތެރެއިން ދެއްވާކަށް. އެހެންވެ އަޅުގަނޑުމެންނަށް މަޖުބޫރުވީ ޖަލްސާއެއް ބާއްވަން. އަޅުގަނޑުމެންގެ ޕާޓީ އަށް (ޑިއާރުޕީ) ވެސް ސްކޫލު ދުލެއް ނުކުރި. ދެން އަޅުގަނޑުމެންގެ ޖަމިއްޔާގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރަން ޖަލްސާއެއް ބާއްވާފައި އޭގެ ތެރެއިން އިނާމުތައް ހަވާލުކުރީ." ޝިޔާމް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު